Roadha Mihaaru
ރިލްވާންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ

ރިލްވާންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ

01 އޯގަސްޓް 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްގެން ކަމަށެވެ.

އެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ. މިއީ ވީނުވީ ނޭނގި، ގެއްލިފައިވާ މީހެއްގެ މައްސަލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ޝަރީއަތެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެ ދެ މީހުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ހުކުމް ކުރާނެ އެވެ.

ރިލްވާން ގަދަކަމުން ފޮރުވުމުގައި ބައިވެރިވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި އުޅެނިކޮށް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ބުނާގޮތުން އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.