Roadha Mihaaru
ރިލްވާން ވަގަށްނެގި މައްސަލާގައި އެންމެން ސަލާމަތްވެއްޖެ

ރިލްވާން ވަގަށް ނެގިކަން ސާބިތު ނުވެ، ދައުވާ ލިބުނު ދެ މީހުން ސަލާމަތްވެއްޖެ

02 އޯގަސްޓް 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް ވެސް އެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް ވެސް އެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޮގަސްޓް، 2014 ގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެންނެވެ. މިއީ ވީނުވީއެއް ނޭނގި، ގެއްލިފައިވާ މީހެއްގެ މައްސަލާގައި ރާއްޖޭގައި ހިންގި ފުރަތަމަ ޝަރީއަތެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފް ވިދާޅުވީ، ހުޅުމާލޭގައި ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އެރުވި ތަން ފެނުނު ކަމަށް ހެކިވެރިން ބުންޏަސް، އެ ކާރަށް އެރުވީ ރިލްވާން ކަމަށް އެއްވެސް ހެއްކަކު ބުނެފައި ނުވާ ކަމަށެވެ. އެ ފަދަ ދެވަނަ ހާދިސާއެއް ރިޕޯޓް ކޮށްފައި ނެތުމުން، އެ ކާރަށް އެރުވީ ރިލްވާން ކަމަށް ބެލުމުގެ ފުރުސަތު އޮތަސް، އެ ކަމުގައި ދައުވާ ލިބޭ އާލިފާއި ނޫރައްދީން ބައިވެރިވި ކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައި ނުވާ ކަމަށް ވެސް ގާޒީ އާރިފް ވިދާޅުވި އެވެ.

އާލިފް އޭރު ގެންގުޅުނު ރަތް ކުލައިގެ ކާރު އެ ހާދިސާގެ ކުރިން މާލެ އިން ހުޅުމާލެ އަށް ގެންދިޔަ ކަމާއި އަދި އެ ހާދިސާގެ ފަހުން ހުޅުމާލެ އިން މާލެ އަށް އެ ކާރު އަނބުރާ ގެނައި ކަމަށް ބުނެ ހެކިންތަކެއް ހުށަހަޅާފައި ވިޔަސް، އެ ދޯނިން ގެންދިޔައީ އާލިފްގެ ކާރު ކަން އެ ހެކިންނަށް ބުނެދޭން ނޭނގޭ ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ. އަދި އެއީ ކޮން ރަޖިސްޓަރީ ނަމްބަރެއްގެ ކާރެއް ކަން ވެސް ހެކިންނަށް ބުނެ ދޭން ނޭނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

"އިސްތަށީގެ ޑީއެންއޭ ރިލްވާން ނޫން އެހެން ބަޔަކާ ދިމާވުމުގެ ފުރުސަތު އޮތް"

އެ މައްސަލައިގައި އެންމެ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުން ކުރީ އާލިފްގެ ކާރުން ފެނުނު އިސްތަށްޓަކުން ލިބުނު ޑީއެންއޭ އެވެ. އެ އިސްތަށިން ލިބުނު ޑީއެންއޭ އާއި ރިލްވާންގެ މަންމަ އައިމިނަތު އީސަގެ އެމްޓީ ޑީއެންއޭއާ ދިމާވިއިރު، ރިލްވާން ދިރިއުޅުނު ފްލެޓުން ފެނުނު ބުރުހަކުން ނެގި އިސްތަށްޓަކުން ލިބުނު ޑީއެންއޭ ވެސް މަންމަގެ ޑީއެންއޭއާ ދިމާވި އެވެ. އެހެންވެ، ދައުލަތުން މަސައްކަތް ކުރީ އެ ކާރަށް ރިލްވާންގެ އާއިލާގެ މެމްބަރުން ނާރާ ކަން ސާބިތުކޮށްދީ، އެ ޑީއެންއޭއާ ރިލްވާނާ ގުޅުވުމަށެވެ.

ޑީއެންއޭއާ ގުޅިގެން ގާޒީ އާރިފް ވިދާޅުވީ، އެ ކާރުން ފެނުނު އިސްތަށްޓަކީ ރިލްވާންގެ އިސްތަށްޓެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމަކީ ކާރަށް ރިލްވާން ގަދަކަމުން އެރުވި ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އިސްތަށިން ލިބުނު ޑީއެންއޭ އަކީ ރިލްވާންގެ މަންމަގެ އެއްބަނޑު މީހުންނާއި ރިލްވާންގެ މަންމަގެ އަންހެން ދަރިންނަށް ލިބިފައިވާ އަންހެން ދަރިންނާ ހަމައަށް ވެސް ދަތުރުކޮށްފާނެ ޑީއެންއޭއެއް ކަމަށް ދައުލަތުން ހުށަހެޅި ޑީއެންއޭ އެކްސްޕާޓް ހެކިބަސް ދީފައިވުމެވެ.

ޑީއެންއޭއާ ރިލްވާނާ ގުޅުވުމަށްޓަކައި ދައުލަތުން ހުށަހެޅީ ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު މީހުންނާއި އެއްބަނޑު އެއްބަފާ މީހުން ކަން ފާހަގަ ކުރައްވައި، ގާޒީ އާރިފް ވިދާޅުވީ އެ ޑީއެންއޭ އަކީ ރިލްވާންގެ މަންމަގެ އެއްބަނޑު މީހެއް ނުވަތަ ރިލްވާންގެ މަންމަގެ އަންހެން ދަރިންގެ އަންހެން ދަރިއެއްގެ ޑީއެންއޭއަށް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެކަމަކު ރިލްވާންގެ މަންމަގެ އެއްބަނޑު މީހަކު ނެތް ކަން އަދި ރިލްވާންގެ މަންމަގެ އަންހެން ދަރިއަކަށް ލިބިފައިވާ އަންހެން ދަރިއަކު މިވަގުތު ނެތްކަން އެނގޭނެ އެއްވެސް ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނެތް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ އާރިފް ވިދާޅުވި ގަރީނާ އަކީ ހަތަރު ދަރަޖައަކަށް ބެހިގެންދާ އެއްޗެއް ކަމަށެވެ. އެކަމަކު، ދެ ގަރީނާއެއް ފުށުއަރައިފި ނަމަ އޭގެ ތެރެއިން އެއްވެސް ގަރީނާ އަކީ ކަމެއް ސާބިތު ކުރުމުގައި އިސްލާމީ ޝަރީއަތުގައި ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ދައުލަތުން ހުށަހަޅާފައި ނުވާތީ، އެ އިސްތަށްޓަކީ ކޮން ތަނަކުން ނެގި އިސްތަށްޓެއް ކަން އެނގެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ޗެއިން އޮފް ކަސްޓަޑީ އަކީ ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގައި މުހިންމު ލިޔުމެއް ކަމަށްވާއިރު، އެ ރިޕޯޓަކީ ދައުލަތުގެ އިސް ނެގުމުގައި ޝަރީއަތެއް ހުށަހަޅަންޖެހޭ ލިޔުމެއް ކަމަށާއި އެކަމަކު އެ ލިޔުން ވެސް ގާނޫނާ އެއްގޮތަށް ޝަރީއަތަށް ހުށަހަޅާފައި ނެތް ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.

އެ މައްސަލާގައި ޗެއިން އޮފް ކަސްޓަޑީ ދައުލަތުން ކޯޓަށް ހުށަހެޅީ ޝަރީއަތުގެ މެދު ތެރެއިންނެވެ. ސިޓީއަކުން އެ ރިޕޯޓް ހުށަހެޅިޔަސް، ދައުވާލިބޭ ފަރާތްތަކަށް އެކަން އެނގުނީ އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވި މަޖިލީހުގަ އެވެ.

"ތަހުގީގުގައި މުހިންމު ކަންތައްތަކެއް ފުރިހަމަކޮށްފައެއް ނެތް"

ހުކުމް އިއްވެވުމުގެ ކުރިން ޝަރީއަތަށް ފާހަގަ ކުރެވުނު ނުކުތާތައް އިއްވަވަމުން ގާޒީ ވިދާޅުވި ގޮތުގައި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ކޮންމެހެން ފުރިހަމަ ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެ މައްސަލާގެ ތަހުގީގުގައި ފުރިހަމަ ކޮށްފައެއް ނުވެ އެވެ.

އެގޮތުން ރިލްވާން ދިރިިއުޅުނު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އެރުވި ސަރަހައްދުގައި ބެނެޓް ވަޅިއެއް ވެއްޓިފައި އޮއްވާ ފުލުހުން ވަޅި ނަގާފައިވާއިރު، އެ ވަޅީގެ ފޮރެންސިކް ތަހުލީލުތަކުގެ ނަތީޖާއެއް ޝަރީއަތަށް ހުށަހަޅާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މައްސަލާގެ ހަގީގަތާ ހަމައަށް ވާސިލްވުމުގައި އެ ވަޅީގެ ފޮރެންސިކް ތަހުލީލަކީ މުހިންމު ހެއްކެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން އާލިފްގެ ގެންގުޅުނު ކަމަށް ބުނާ ރަތް ކުލައިގެ ކާރަކީ ކާކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަން އެނގޭނެ އެއްވެސް ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށާއި އަދި ދައުވާލިބުނު ދެ މީހުންގެ ފޮޓޯ ތަހުގީގުގައި ހެކިންނަށް ދެއްކުން ފަދަ އަސާސީ ކަންކަން ވެސް ކޮށްފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުވާ ލިބޭ ނޫރައްދީންގެ ހުޅުމާލޭގައި ގެންގުޅުނު ކާރެއް ޕާކް ކޮށްފައި އޮތް ސަރަހައްދުގެ ވީޑިއޯ ފުޓޭޖް ބެލުމަށް ފުލުހުން ގާތުގައި އެދުނު ކަމަށް ދިފާއީ ހެކިން ބުނާއިރު، އެ ވީޑިއޯ ވެސް ތަހުގީގުގައި ބަލާފައިވާ ކަން އެނގެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ ދައުވާ ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

އާލިފާއި ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރި އެވެ. އެކަމަކު، އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ބޭރުގައި އުޅެނިކޮށް އޭނާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.