Roadha Mihaaru
ރިލްވާން ފޮރުވި ކަމަށް އިންކާރު،ހެކިބަސް ނެގުން މާދަމާ

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ދެ މީހުން އިންކާރުކުރި، ހެކިބަސް ނަގަން މާދަމާ ފަށަނީ

11 ފެބުރުއަރީ 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ މީހުން އެ ދައުވާ އަށް މިއަދު އިންކާރު ކުރުމާއެކު، އެ މައްސަލައިގެ ހެކިބަސް ނެގުން މާދަމާ ފަށާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ މީހުން އެ ދައުވާ އަށް މިއަދު އިންކާރު ކުރުމާއެކު، އެ މައްސަލައިގެ ހެކިބަސް ނެގުން މާދަމާ ފަށާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ފޮރުވި ކަމަށް ބުނެ، ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން ސުއައިދު ރާއްޖޭގައި ނެތުމުން އޭނާ ބައި ކުރިއަކަށް ނުގެންދެވި އެވެ.

އެ މައްސަލާގެ އިބްތިދާއީ މަރުހަލާ ނިންމައި، މިއަދު ޝަރީއަތުގެ އަޑުއެހުންތައް ފެށުމާއެކު އާލިފާއި ނޫރައްދީން ބުނީ އެ ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ. ކުރީގެ އަޑުއެހުންތަކުގައި އެ ދައުވާ ސާފުނުވާ ކަމަށް ބުނެ އެ ދެ މީހުންގެ ފަރާތުން ދައުވާއާ މެދު ސުވާލުތަކެއް އުފެއްދި އެވެ. އެކަން ކަމަށް ދައުލަތުން ޖަވާބުދާރީ ވުމުން ކޯޓުން ނިންމާފައިި އޮތީ މައުޟޫއީ ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ދައުވާ އަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކިތައް ރަސްމީކޮށް މިއަދު ހުށަހަޅައިފަ އެވެ. އެގޮތުން ސިއްރު ހަތް ހެއްކަކާ އެކު ޖުމްލަ 29 މީހަކު ހެކިންގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.

ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެ، ހެކިބަސް ނެގުން މާދަމާ

ސިއްރު ހެކިންގެ ގޮތުގައި ހުށަހެޅި ހަތް މީހުންގެ ހެކި ބަސް ސިއްރުން ނަގައިދިނުމަށާއި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން، އެ ހަތް ހެކިން ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ އެގޮތަށް ނިންމަވައިފަ އެވެ. ގާޒީ އާރިފް ވިދާޅުވި ގޮތުގައި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ޝަރީއަތް ނިމެންދެން ދެމި އޮންނާނެ އެވެ.

ސިއްރު ހެކިންނަކީ ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން ރިލްވާން އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ބުނާ މީހުންނެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން ރަތް ކުލައިގެ ކާރަކީ އާލިފްގެ ކާރެވެ. އެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންދިޔައީ އާލިފާއި ނޫރައްދީން ބައިވެރިވެގެން ކަމަށް ދައުވާގައި ވެ އެވެ.

އެ މައްސަލާގައި ހުށަހަޅާފައިވާ 29 ހެކިންގެ ހެކިބަސް ވެސް ނަގައި ދިނުމަށް ދައުލަތުން އެދުމުން ގާޒީ އާރިފް ވެސް ވަނީ އެގޮތަށް ނިންމަވައިފަ އެވެ. ދައުލަތުން ބުނިގޮޮތުގައި އެގޮތަށް އެދުނީ ވަކި ހެކިންތަކެއްގެ ހެކިބަސް ނެގުމަށް ފަހު ދެން ތިބި ހެކިންގެ ހެކިބަސް ނުނަގަން ނިންމައިފި ނަމަ، ދައުލަތުން ސާބިތުކޮށްދޭން ބޭނުންވާ ކަންކަން ސާބިތުކޮށް ނުދެވިދާނެ އެވެ.

ހެކިން ސިއްރު ކުރަން ދައުލަތުން އެދުމުން އާލިފާއި ނޫރައްދީންގެ ވަކީލް ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެ ދެ މީހުންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ރިލްވާން ގެއްލުވާލުމުގައި އެ ދެ މީހުން އެއްވެސް އަމަލެއް ކުރި ކަމަށް ހެކިން ނުބުނާ ކަމަށާއި އެހެންވީއިރު އެ ހެކިންނަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ދެ މީހުން ތިބީ ދޫކޮށްލާފައިވާއިރު މިހާތަނަށް ވެސް އެފަދަ ކަމެއް އެ ދެ މީހުންގެ ފަރާތުން ފެނިފައިނުވާ ކަން ވެސް ނޫރު ފާހަގަ ކުރެއްވި އެވެ.

ރިލްވާންގެ މަންމަ- ފޮޓޯ/ ސޯޝަލް މީޑިއާ

ރިލްވާންގެ މަންމަ- ފޮޓޯ/ ސޯޝަލް މީޑިއާ

ގާޒީ އާރިފް ވިދާޅުވީ ހެކިން ސިއްރު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމުގެ ކުރިން ވެސް ރާއްޖޭގައި ކުރަމުން އައި ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ ކަމަށް ހައި ކޯޓުގެ ނިންމުމެއް ވެސް އެބައޮތް ކަމަށް ގާޒީ ވިދާޅުވި އެވެ. ރާއްޖެ އަކީ ކުޑަ މުޖުތަމައެއް އޮންނަ ގައުމެއް ކަން ފާހަގަ ކުރައްވައި، ގާޒީ އާރިފް ވިދާޅުވީ ހެކިން ސިއްރު ކުރުމުގައި ކޯޓުތަކުން ބަލަނީ ހެކިންނަށް ނުފޫރުވިި ކަމުގެ ހެއްކެއް އޮތުމަށް ވުރެ ބޮޑަށް، އެފަދަ ކަމެއް ހިނގާފާނެ ކަމުގެ އިހްތިމާލެއް އޮތްތޯ ނުވަތަ ނޫންތޯ ކަމަށެވެ.

ސިއްރުން ހެކިބަސް ނެގޭނެ ގޮތެއް ހަމަޖައްސައިދޭން ސިއްރު ހެކިން ވެސް ތަހުގީގުގައި އެދިފައިވާތީ އެ ހެކިން ސިއްރު ކުރަން ނިންމެވީ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.

އާލިފާއި ނޫރައްދީންގެ ފަރާތުން ވެސް ވަނީ ދިފާއުގައި ފަސް މީހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެ ހެކިންނަކީ ރިލްވާން ގެއްލުނު ރޭ އެ ދެ މީހުން އުޅުނީ އެހެން ބަޔަކާ އެކު ކަން ސާބިތުކޮށް ދިނުމަށެވެ.

ގާޒީ އާރިފް ވިދާޅުވި ގޮތުގައި މާދަމާ އިން ފެށިގެން މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު އެ މައްސަލައިގެ ހެކިބަސް ނެގުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ހަވީރުން ފެށިގެެން ރޭގަނޑު 10:00 ހަމައަށް ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ހެކިބަސް ނަގާނީ އެންމެ ފުރަތަމަ ސިއްރު ހެެކިންގެ ހެކިބަސް ނެގުމަށް ފަހު، ފާޅުގައި ހެކިބަސް ދޭ ފަރާތްތަކުގެ ހެކިބަސް ނަގާ ގޮތަށެވެ.

ދައުލަތުގެ ބައެއް ހެކިންނާ މެދު ދިފާއުން ސުވާލުތަކެއް

ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި، ރިލްވާން ގެއްލުމުގެ ދުވަސްކޮޅެއް ކުރިން އާލިފްގެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަމާއި އެ ހާދިސާގެ ފަހުން އެ ކާރު މާލެ ގެނައިކަން ސާބިތުކުރަން ހުށަހެޅި ހެކިންގެ ވެސް ހިމެނެ އެވެ. އެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަމަށް އާލިފާއި ނޫރައްދީން ތަހުގީގުގައި ވެސް އެއްބަސްވެފައިވާ ކަން ފާހަގަކޮށް، އެ ދެ މީހުންގެ ވަކީލްގެ ނޫރު ވަނީ އެކަން ސާބިތުކުރަން ދައުލަތުން ހެކި ހުށަހަޅަނީ ކީއްކުރަންތޯ ސުވާލު ކުރައްވައިފަ އެވެ.

ގާޒީ އާރިފް ވެސް ވަނީ އެ ސުވާލު ދައުލަތާ ކުރިމަތި ކުރައްވައިފަ އެވެ. ކުރިން ޝަރީއަތަށް ސާބިތުވެފައި ހުންނަ ކަންކަން ސާބިތު ކުރަން އިތުރަށް ހެކި ހުށަހަޅަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި އޮތްކަން ފާހަގަ ކުރައްވައި، ގާޒީ އާރިފް ވެސް ވަނީ އާލިފްގެ ކާރު ހުޅުމާލެއަށް ގެންދިޔަ ކަން ސާބިތު ކުރަން ދައުލަތުން ހެކި ހުށަހަޅާ ސަބަބާ މެދު ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ކާރު ގެންދިޔަ ކަން ސާބިތުކޮށް ދިނުމުގެ އިތުރަށް، އެ ކާރު ހުޅުމާލެ އަށް ގެންދިޔައީ ގަވާއިދާ ޚިލާފަށް ކަން ވެސް ސާބިތުކޮށް ދިނުމަކީ ދައުލަތުން އެ ހެކިން ހުށަހަޅާ ސަބަބެއް ކަމަށެވެ.

ރައްދުގައި ވަކީލް ނޫރު ވިދާޅުވީ އެ ކާރު ގެންދިޔައީ ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ސާބިތު ކުރުމަކީ އެ ދައުވާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެ ކާރު ގެންދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށްވިޔަސް ނުވަތަ ގަވާއިދާ ޚިލާފަށް ވިޔަސް، އެކަމަކީ ގަދަކަމުން މީހަކު ފޮރުވުމުގެ ދައުވާ ސާބިތުކުރަން ފުރިހަމަ ވާންޖެހޭ އުންސުރެއް ނޫން ކަމަށް ނޫރު ވިދާޅުވި އެވެ.

ނޫރު ދެން ސުވާލު އުފެއްދީ ދައުލަތުން ހުށަހެޅި ހެކިންނަކީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ހެކިތަކުގެ ތެރެއިން ހެއްކެއްތޯ ސުވާލު އުފައްދަވައިފަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތު ކުރަން ބޭނުން ކުރެވޭނެ ހެކިތައް އެ ގާނޫނުގައި ބުނާއިރު، މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިތަކަކީ އޭގެ ތެެރެއިން ކޮން ކެޓަގަރީއަކަށް ފެތޭ ހެއްކެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ ގާނޫނުގައި ވަކި ހެކިތަކެއް ބަޔާން ކޮށްފައި އޮތުމަކީ އެހެން ހެކިތަކެއް އެފަދަ ދައުވާއެއް ސާބިތުކުރަން ބޭނުން ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެ ނުކުތާގައި ވަކީލް ނޫރު ހަވާލާ ދެއްވަނީ މިހާރު އަމަލުކުރާ ޓެރަރިޒަމްގެ ގާނޫނަށް ކަން ފާހަގަކޮށް، ދައުލަތުން ބުނީ އާލިފާއި ނޫރައްދީނަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ ކުރީގެ ގާނޫނުގެ ދަށުން ކަމަށެވެ.

ގާޒީ އާރިފް ވިދާޅުވީ އެ މައްސަލާގައި ދައުވާލިބޭ ތިން ވަނަ މީހާ ކަމަށްވާ ސުއައިދު ރާއްޖޭގައި ނެތުމުން އޭނާ ބައި މިހާރު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު އޭނާ ހުރި ތަނެއް އެނގިގެން، އެކްސްޓްރެޑިޝަންގެ ގާނޫނުގެ ދަށުން އޭނާ ރާއްޖެ ގެންނަން ބޭނުންވެއްޖެ ނަމަ އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ސުއައިދުގެ އާއިލާއިން ކޯޓަށް އަންގާފައިވަނީ އޭނާ މަރުވެފައިވާ ކަމަށެވެ. އެކަމަކު ދައުލަތުން ބުނެފައިވަނީ އޭނާ ރާއްޖެއިން ބޭރަށް ދިޔަކަން ކަށަވަރުވިޔަސް، އޭނާ މަރުވިކަން އެއްވެސް އިދާރާއަކަށް ކަށަވަރު ނުވާ ކަމަށެވެ.