Roadha Mihaaru
ހެކިބަސް ނިމި، ރިލްވާންގެ މައްސަލަ ނިމުމަކާ ގާތަށް

ރިލްވާން މައްސަލައިގެ ހެކިބަސް ނަގައި ނިމި، މައްސަލަ ނިމުމަކާ ގާތަށް

12 ޖުލައި 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމި، މައްސަލަ ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމި، މައްސަލަ ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.

އޮގަސްޓް 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ ދައުވާލިބޭ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ގޮސްގެން ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ގިނަ އަދަދެއްގެ ހެކިން ހުށަހެޅިއިރު، އޭގެ ތެރެއިން އެންމެ ފަހު ހެކިވެރިޔާ ކަމަށްވާ ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް މިއަދު ވަނީ ނަގައިފަ އެވެ. ރިލްވާންގެ ބޭބެ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅީ ދައުވާލިބޭ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކުން ނެގުނު އިސްތައްޓަކުން ފެނުނު ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށެވެ.

ދައުވާލިބޭ ދެ މީހުންގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިންގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް ކުރިން ނަގާފައިވާއިރު، ބާކީ ތިބި ހެކިން ގެންނަން ބޭނުން ނުވާ ކަމަށް އެ ދެ މީހުން މިއަދު ވަނީ ކޯޓުގައި ބުނެފަ އެވެ.

އެ މައްސަލާގައި ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކަން ގާޒީ އާދަމް އާރިފް މިއަދުގެ އަޑުއެހުމުގައި ފުރުސަތު ދެއްވުމުން ދައުލަތާއި ދައުވާލިބޭ ދެ މީހުން ވެސް ބުނީ ޚުލާސާ ބަޔާން އިއްވާއިރު، ކިތާބީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށެވެ.

ޚުލާސާ ބަޔާނަށް ތައްޔާރުވުމަށް ހަފުތާއެއްގެ މުއްދަތު ދެއްވުމަށް ދެ ފަރާތުން އެދިފައިވާތީ، އެ ފުރުސަތު ދެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ އާރިފް ނިންމަވާލެއްވި އެވެ. ޚުލާސާ ބަޔާން އިއްވާ އަޑުއެހުމަކީ މައްސަލައިގެ އެންމެ ފަހު އަޑުއެހުމެވެ. އޭގެފަހުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.

"އެ ކާރަށް ދުވަހަކު ވެސް ނާރަން"

މިހާރު މެލޭޝިއާގައި ދިރިއުޅޭ މޫސާ ރިލްވާންގެ ހެކިބަސް ނެގީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާ ހާޒިރުކޮށް، ސްޕައިކް މެދުވެރިކޮށެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކައިޕް މެދުވެރިކޮށް ހެކިބަހެއް ނެގި ފަހަރެވެ.

މޫސާ ރިލްވާންގެ ނަން ދައުލަތުން ހުށަހެޅީ ރަތް ކުލައިގެ ކާރުން ފެނުނު ޑީއެންއޭއާ ނޫސްވެރިޔާ ރިލްވާނާ ގުޅުން ހުރިކަން ސާބިތުކުރަން ކަމަށްވާތީ، ދައުލަތުން ސުވާލުކުރީ އެ ކާރަށް މޫސަ އެއްވެސް އިރަކު އަރާފައިވޭތޯ ބެލުމަށެވެ.

އާލިފް ގެންގުޅުނު ރަތް ކާރުގެ ފޮޓޯއެއް ދެއްކުމަށް ފަހު، އެ ކާރަށް އެރިންތޯ ދައުލަތުން ސުވާލު ކުރުމުން މޫސަ ބުނީ އެ ކާރަށް ދުވަހަކު ވެސް ނާރާ ކަމަށާއި އަދި އެ ކާރު ކުރިން ދެކެފައި ވެސް ނުވާ ކަމަށެވެ. އޭނާ އާންމުކޮށް ދަތުރު ކުރަނީ ސައިކަލުގައި ކަމަށާއި ކާރަށް އަރައި ނޫޅޭ ކަމަށް މޫސަ ބުންޏެވެ. އަދި ރިލްވާނާ ބައްދަލު ކުރުމަށް އޭނާ އުޅުނު ފްލެޓަށް ގޮސްފައި ނުވާނެ ކަމަށް ވެސް މޫސަ ބުންޏެވެ.

މޫސާ ރިލްވާނާ ސުވާލުކުރަން ދައުވާލިބޭ ދެ މީހުންނަށް ފުރުސަތު ދެއްވުމުން އެ ދެ މީހުންގެ ފަރާތުން އެއްވެސް ސުވާލެއް ނުކުރެ އެވެ.

މޫސާ ރިލްވާންގެ އިތުރުން ރިލްވާންގެ މަންމަ އާއި އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަނޑު މީހުންގެ ހެކިބަސް ކުރިން އޮތީ ނަގައިފަ އެވެ. އެ މީހުންގެ ނަން ވެސް ދައުލަތުން ހުށަހެޅީ އާލިފްގެ ކާރަށް އެ މީހުން އަރާފައި ނުވާ ކަން ސާބިތުކޮށް ދީގެން، އެ ކާރުން ފެނުނު ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށެވެ.