Roadha Mihaaru
އަފްރާޝީމް، ރިލްވާން، ޔާމީންގެ މައްސަލަ ރިވިއުކުރަނީ

އަފްރާޝީމް، ރިލްވާން އަދި ޔާމީންގެ މައްސަލަ ފުލުހުން އަލުން ރިވިއު ކުރަނީ

05 ނޮވެމްބަރ 2018

ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު ރިވިއު ކުރަން ފުލުހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު ރިވިއު ކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އަފްރާޝީމާއި ޔާމީންގެ އިތުރުން ރިލްވާންގެ މައްސަލަ ރިވިއުކޮށް، އިތުރަށް ކުރެވެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ކުރި ޓްވީޓް

އޮކްޓޫބަރު، 2012 ގައި އަނިޔާވެރި ގޮތަކަށް މަރައިލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އޭރުގެ މެމްބަރު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު އެކަން ރޭވުމުގެ އަޑީގައި ތިބި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އަފްރާޝީމްގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން އޮގަސްޓް، 2014 ގައި ގެއްލުނު ފަހުން އޭނާއަށް ވީގޮތެެއް މިއަދާ ހަމައަށް ވެސް ނުހޯދެ އެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.