Roadha Mihaaru
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން

އިންސާފު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ: ރިޔާސީ ކޮމިޝަން

08 އޯގަސްޓް 2020

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދުމުގެ މަސައްކަތް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށް މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދުމުގެ މަސައްކަތް އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމަށް މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި އެހެން ބުނީ، ނޫސްވެރިޔާ އަހުމަދު ރިލްވާން އޮގަސްޓް، 2014 ގައި ގެއްލުވާލިތާ ހަ އަހަރު މިއަދު ވަނީ ފުރިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެން މިހާތަނަށް ވެސް އެކަމަށް އިންސާފު ނުލިބޭކަމުގެ ކަންބޮޑުވުން ރިލްވާންގެ އާއިލާއިން ފާޅުކޮށްފައި ވަނިކޮށެވެ. ރިލްވާން ގެއްލުވައިލުމުގައި ބައިވެރިވި އެއްވެސް މީހަކަށް މި ވެރިކަމުގައި މިހާ ހިސާބަށް ވެސް އަދަބެއް ނުދެވި، އިންސާފާ ހަމައަށް ވާސިލް ނުދެވުމުން ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ރިލްވާންގެ އާއިލާ އަށް އިންސާފަށް ނުލިބި އޮތުމުގެ ހިތާމައިގައި އެ ކޮމިޝަނުން ބައިވެރިވާ ކަމަށެވެ. ރިލްވާން ގެއްލުވައިލުމާއި އެ ކޮމިޝަނުން ބަލަމުންދާ އެހެން މަރުތަކާ ބެހޭ މައްސަލަތަކުގައި އިިންސާފު ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ، ރިލްވާންގެ މައްސަލައިގައި އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އިން ބޭރުގެ މާހިރަކު އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން، އަންނަ މަހުގެ ތެރޭގައި އެކަމަށް އަމަލީ ސިފައެއް ގެނައުމުގެ ކަންކަން ރައީސް އޮފީހާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

"މި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކާ އެ މަނިކުފާނު ބައްދަލުކުރެއްވުމަށް ފަހު އެވެ،" ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.

ރިޔާސީ ކޮމިޝަނުން ބުނިގޮތުގައި، ރިލްވާން ގެއްލުވައިލި މައްސަލައިގެ އިތުރު މައުލޫމާތު އެނގޭނެ ފަރާތްތަކެއް އަދިިވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ. އެ މައުލޫމާތު އެ ކޮޮމިޝަނާ ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ބަޔާނުގައިވެ އެވެ.

ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.