01 ޖުލައި 2021
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، މީގެ ހަތް އަހަރު ކުރިން ގެއްލުވައިލި ކަމަށް ބުނާ ގޮތް ކުޅެފައިވާ ވީޑިއޯއެއް ރިޔާސީ ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، މީގެ ހަތް އަހަރު ކުރިން ގެއްލުވައިލި ކަމަށް ބުނާ ގޮތް ކުޅެފައިވާ ވީޑިއޯއެއް ރިޔާސީ ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
އޮގަސްޓު 8، 2014 ވަނަ ދުވަހުގެ ރޭ ރިލްވާން މާލެ އިން ހުޅުމާލެ އަށް ގޮސް އޭނާ ދިރިއުޅުނު ގެއަށް ދަނިކޮށް، ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ގޮތަށް އޭނާ ނުފެނެ އެވެ.
މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް "މިހާރު" އަށް ވިދާޅުވީ، އެ ކޮމިޝަނުން އާންމުކުރި ވީޑިއޯ އަކީ ތަހުގީގަށް ހޯދިފައިވާ ކަންކަމުގެ މައްޗަށް ބަލައި، ރިލްވާން ގެއްލުވައިލި ހާދިސާ ހިނގި ގޮތަށް ކުޅެފައިވާ ވީޑިއޯއެއް ކަމަށެވެ.
ރިލްވާން ހުޅުމާލެ އަށް ދިއުމުގެ ކުރިން މާލޭގައި ދިޔަ ތަންތަނާއި ހުޅުމާލޭގައި ކާރަށް އަރުވައިގެން ގެންދިޔަ ގޮތް ވީޑިއޯ އިން ދައްކުވައިދެ އެވެ.
އެ ވީޑިއޯ ނިންމާލަމުން ކޮމިޝަނުން ވަނީ މައްސަލައާ ގުޅޭ މައުލޫމާތު ހުރި ނަމަ ހިއްސާ ކުރަން އެދިފަ އެވެ. ރިލްވާންގެ މަރާ ގުޅޭ ކަންކަން އެނގޭނެ މީހުން އަދިވެސް އާންމުންގެ ތެރޭގައި ތިބި ކަމަށް ގަބޫލުކުރެވޭ ކަމަށް ކޮމިޝަނުން ބުނެ އެވެ.
މަރު ކޮމިޝަނުން ބުނިގޮތުގައި، ޝަރީއަތަށް ސާބިތު ކުރެވޭ ވަރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 500،000ރ. ގެ އިނާމެއް ވެސް ދޭނެ އެވެ.
މަރު ކޮމިޝަނުން އާންމުކުރި ފުރަތަމަ ރިޕޯޓުގައިވާ ގޮތުން ރިލްވާން ކާރަށް އަރުވައިގެން ގެންގޮސް، ދޯންޏެއްގައި ކަނޑުމައްޗަށް ގެންދިޔަ އެވެ. އެ ރިޕޯޓުގައި ތުހުމަ ކޮށްފައިވާ ގޮތުގައި ކަނޑުމަތީގައި އޭނާ ވަނީ މަރާލައި ކަނޑު ފައްތައިފަ އެވެ. ނަމަވެސް، މިއަދުގެ ވީޑިއޯގައި އެ ބައި ނުހިމެނެ އެވެ.
މަރު ކޮމިޝަނުން މިއަދު އާންމު ކުރި ރިލްވާން ގެއްލުވާލުމާ ބެހޭ ވީޑިއޯ ---
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމުގެ ކޮމިޝަން އުފެއްދެވުމެވެ.
އެކަމަކު، ރިލްވާނަށް ވީ ގޮތް ހޯއްދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް އެ މައްސަލައިގައި އިންސާފު ލިބިފައި ނުވާތީ ރިލްވާންގެ އާއިލާ އިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ ތިން މަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، ރިލްވާންގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓު ނެރެން އަދި އަަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.
ރިލްވާން ގެއްލުވައިލި މައްސަލައިގައި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި އެވެ. އޭގެ ތެރެއިން ސުއައިދު ސީރިއާގެ ހަނގުމައިގައި މަރުވެފައިވާ ކަމަށް ބުނާ އިރު، ދެން ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
މަރު ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކުރި ރިލްވާންގެ މަރާ ބެހޭ ރިޕޯޓުގައިވާ ގޮތުން އޭނާ މަރައިލީ ދީނީ ހިލާފުތަކާ ހެދި ދީނީ ހަރުކަށި ފިކުރުުގެ ބައެކެވެ. އެ ރިޕޯޓުގައި ގިނަ ބަޔަކަށް ތުހުމަތު ކުރިޔަސް، އެކަމާ ގުޅިގެން ދައުވާކޮށްފައެއް ނުވެ އެވެ.
ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައި ވެ އެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައި ވެ އެވެ.
ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކެކެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަތާ ހަތް އަހަރުވެފައިވާ އެ ވަޅި ބޭރަށް ފޮނުވައިގެން ތަހުލީލުތަކެއް ވެސް ހަދާފައިވެ އެވެ.
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
"ރިލްވާންގެ މައްސަލާގައި ހެކިބަސް ދޭން ޖެހިލުންވޭ"
ޔާމީނާ ކުރަނީ އެނގޭ ކަމަށް ބެލެވޭ ކަންކަމާ ގުޅޭ ސުވާލު
ރިލްވާނަށް އިންސާފު ހޯދުން ހުއްޓައެއް ނުލާނެ: ރައީސް
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!
ވީގޮތެއް، ޖަވާބެއް، އިންސާފެއް ނެތް ފަސް އަހަރު!
އިންސާފަށް ވާސިލްނުވެވޭ މައްސަލަތައް ހުށަހަޅަން އެދެފި
އަފްރާޝީމް، ރިލްވާން، ޔާމީންގެ މައްސަލަ ރިވިއުކުރަނީ
ތަހުގީގު ނިމި މަރު ކޮމިޝަން އުވާލައިފި