Roadha Mihaaru
ރިލްވާނަށް އިންސާފު ހޯދުން ހުއްޓައެއް ނުލާނެ: ރައީސް

ރިލްވާނަށް އިންސާފު ހޯދުން ހުއްޓައެއް ނުލާނެ: ރައީސް

08 އޯގަސްޓް 2020

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދައި ދިނުމުގެ ކަންކަން ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީން ރައީސް އިބްރާހމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް އިންސާފު ހޯދައި ދިނުމުގެ ކަންކަން ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީން ރައީސް އިބްރާހމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އެ މަނިކުފާނު އެކަމަށް ޔަގީންކަން ދެއްވީ، އޮގަސްޓް، 2014 ގައި ރިލްވާން ގެއްލުވާލިތާ މިއަދަށް ހަ އަހަރު ފުރުނުއިރު ވެސް އިންސާފު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އާއިލާ އިން ފާޅުކޮށްފައި ވަނިކޮށެވެ. މި ސަރުކާރު ވެރިކަމަށް އައީ އިންސާފު ހޯދައި ދިނުމުގެ ވައުދާ އެކު ކަމަށް ވިޔަސް، އެއްވެސް ނަތީޖާއެއް ނެރެވިފައި ނެތް ކަމަށް ރިލްވާންގެ އާއިލާ އިން "ރާއްޖެ ޓީވީ" އަށް ދިން އިންޓަވިއުއެއްގައި މިއަދު ބުންޏެވެ.

ރިލްވާންގެ އާއިލާ އާއި އޭނާ އަށް ހެޔޮއެދޭ އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، އެ މައްސަލައިގައި ރައީސް ލިޔުއްވައި، ޓްވީޓާގައި އާންމު ކުރެއްވި ނޯޓެއްގައި ވިދާޅުވީ، "ހުރަސްތަކާއި ދަތިތަކާ އެކު ވެސް އެ މައްސަލަ އަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާ އެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ،" ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބޭ ކޮންމެ ދުވަހަކީ އާއިލާ އަށް ލިބޭނެ އިތުރު ހިތްދަތި ކަމެކެވެ. އަދި އާއިލާގެ އެދުމާ އެއްގޮތަށް މިހާރު މަސައްކަތް ކުރަމުން ދަނީ ބޭރުގެ އިތުބާރު ހިފޭ އިންވެސްޓިގޭޓަރަކު ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދަން ކަމަށް ރައީސްގެ ނޯޓުގައި ވެ އެވެ.

ރައީސްގެ ޓްވީޓް

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ފުރަތަމަ އުފެއްދި ކޮމިޝަނަކީ ވެސް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ބަލާ ކޮމިޝަނެވެ. އެ ކޮމިޝަނުން ރިލްވާންގެ މައްސަލަ ބަލައި، އާންމުކުރި ރިޕޯޓުގައިވާ ގޮތުން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން ވަގަށް ނަގައި، މަރާލީ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ދައުވާ ކުރެވި، ކުށް ސާބިތުވެފައެއް ނުވެ އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ކުރީގެ ސަރުކާރުގެ ދުވަސްވަރު ދެ މީހަކަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރި އެވެ. އެކަމަކު ތަހުގީގުގައި ހެދިފައި ހުރި ބޮޑެތި ގޯސްތަކަކާ ހެދި، އެ ދައުވާތައް ވެސް ކޯޓުގައި ކާމިޔާބެއް ނުވި އެވެ.

ރިލްވާންގެ އާއިލާ އިން މިއަދު ބުނީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަން ހޯއްދެވީ ރިލްވާނާއި މަރައިލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށެވެ.