Roadha Mihaaru
"އިސްތަށީގެ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ"

އިސްތަށީގެ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ، އެކަމަކު އާއިލާގެ އެހެން މީހަކާ ވެސް ދިމާވެދާނެ: އެކްސްޕާޓް

14 މެއި 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރުން ފެނުނު އިސްތަށީގެ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ ކަމަށާއި އެކަމަކު އެ އާއިލާގެ އިތުރު ބަޔަކާ، އެ ޑީއެންއޭ ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށް ޑީއެންއޭ އެކްސްޕާޓަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރުން ފެނުނު އިސްތަށީގެ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ ކަމަށާއި އެކަމަކު އެ އާއިލާގެ އިތުރު ބަޔަކާ، އެ ޑީއެންއޭ ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށް ޑީއެންއޭ އެކްސްޕާޓަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމުގައި މިއަދު ހާޒިރުކުރި އެކްސްޕާޓަކީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކުން ފެނުނު އިސްތަށީގެ ޑީއެންއޭއާ ގުޅޭގޮތުން ހާޒިރުކުރި އެކްސްޕާޓެކެވެ. ދައުލަތުން ތުހުމަތު ކުރާގޮތުން ރިލްވާން ގަދަކަމުން ފޮރުވީ އާލިފްގެ ކާރަށް އަރުވައިގެން ގޮހެވެ.

ރިލްވާންގެ މަންމަ އައިމިނަތު އީސާގެ ޑީއެންއޭއާ ދިމާވާ އިސްތަށި ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުން ކުރަނީ އާލިފްގެ ކާރަށް ރިލްވާން ގަދަކަމުން އެރުވިކަން ސާބިތުކޮށް ދިނުމަށެވެ. ރިލްވާން ދިރިއުޅުނު ފްލެޓުން ވެސް އޭނާގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތަށްޓެއް ފެނިފައި ވާތީ ދައުލަތުން މަސައްކަތް ކުރަނީ އެ ދެ އިސްތަށީގެ ޑީއެންއޭ ބޭނުންކޮށް، އާލިފްގެ ކާރަށް އެރުވީ ރިލްވާން ކަން ސާބިތު ކޮށްދިނުމަށެވެ.

ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ އިސްތަށި ފެނިފައިވަނީ އާލިފްގެ ކާރުގެ އެކި ތަންތަނުން ފުލުހުންގެ ސާމްޕަލްތައް ނެގިއިރު އެ ކާރުގެ ކާޕެޓް މަތިންނެވެ. އެ ބާވަތުގެ ޑީއެންއޭ އަކީ ރާއްޖޭގައި އާންމުކޮށް ތަހުލީލު ކުރެވޭ ބާވަތުގެ ޑީއެންއޭ އަކަށް ނުވާތީ އެ އިސްތަށީގެ ތަހުލީލުތައް ކޮށްފައި ވަނީ ތައިލެންޑުގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމްގެ ލެބޯޓްރީއަކަށް ފޮނުވައިގެންނެވެ.

ކޯޓުގައި މިއަދު ހެކިބަސް ދިނީ އެ އިސްތަށި ބޭރަށް ފޮނުވައިގެން ކުރި ތަހުލީލުތަކުގެ ނަތީޖާތަކަށް ބިނާކޮށް، ދިވެހި ފުލުހުން ތައްޔާރުކުރި ޑީއެންއޭ ރިޕޯޓް ހެދި މާދިހު މުހައްމަދު ސަލީމެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ އިސްތަށިން ފެނުނީ އެމްޓީ ޑީއެންއޭއެއް ކަމަށާއި އެއީ އާންމުކޮށް ފެންނަ ނިއުކްލިއާ ޑީއެންއޭއާ ތަފާތު ބާތެެއް ކަމަށެވެ. ނިއުކްލިއާ ޑީއެންއޭ ކޮންމެ މީހަކާ ދިމާވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށާއި އެކަމަކު އެމްޓީ ޑީއެންއޭ ދިމާވާނީ އެއްބަނޑު މީހުންނާ ކަމަށެވެ.

އެ މައްސަލާގައި، ކާރުން ފެނުނު ފަސް އިސްތަށީގެ ތެރެއިން ތިން ވަނަ އިސްތަށީގެ އެމްޓީ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިލްވާން ދިރިއުޅުނު ފްލެޓުން ފެނުނު އިސްތަށީގެ ޑީއެންއޭ ދިމާވަނީ ވެސް ރިލްވާންގެ މަންމައާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއެންއޭ އެހެން ބަޔަކާ ދިމާވުމުގެ ފުރުސަތު އޮވެދާނެތޯ ދައުލަތުން ސުވާލު ކުރުމުން މާދިހު ވިދާޅުވި ގޮތުގައި އެމްޓީ ޑީއެންއޭގައި އެ ފުރުސަތެއް ނޯންނާނެ އެވެ.

"ބަދަލެއް ނާންނާނެ. މައިމީހާގެ ފަރާތުން ވާރުތަ ވަމުންނަ އަންނާނީ،" ހަތް އަހަރު ވަންދެން އެ ދާއިރާގައި ފުލުހުންގެ ތެރޭގައި މަސައްކަތް ކޮށްފައިވާ މާދިހު ވިދާޅުވި އެވެ.

މާދިހު އެގޮތަށް ވިދާޅުވުމުން އާލިފާއި ނޫރައްދީންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ސުވާލު ކުރެއްވީ ރިލްވާންގެ މަންމަގެ އަންހެން ކުދިންނަށް ލިބިފައިވާ ދަރިންނާ އެ ޑީއެންއޭއާ ދިމާވުމުގެ ފުރުސަތެއް އެބައޮތްތޯ ވިދާޅުވެ އެވެ.

ޖަވާބުގައި މާދިހު ވިދާޅުވީ ރިލްވާންގެ މަންމަގެ ތިބި އަންހެން ކުދިންނަށް ލިބިފައި ތިބި އަންހެން ކުދިންނާ ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

އާލިފްގެ ކާރުން ފެނުނު އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް (ފުލުހުން ހެކި ނެގުމަށް ފަހު އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ރިޕޯޓް) ދައުލަތުން ހުށަހަޅާފައި ނެތުމުން އެކަމާ މެދު ވަކީލް ނޫރު ސުވާލު އުފެއްދެވި އެވެ. އަދި ފޮރެންސިކަށް ގެނައި އިސްތަށްޓާ ފޮރެންސިކުން ހަވާލުވީ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އޮވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި މާދިހު ވިދާޅުވީ އެ އިސްތަށި ފުލުހުންގެ ލެބޯޓްރީއަށް ގެނައިއިރު ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އޮތްކަން ހަނދާން ނެތް ކަމަށެވެ. އެކަމަކު ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނެތް ނަމަ އެއްވެސް އެއްޗަކާ ލެބޯޓްރީން ހަވާލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް މާދިހު ވިދާޅުވުމުން ވަކީލް ނޫރު ވަނީ ޗެއިން އޮފް ކަސްޓަޑީ ނެތުމުން، އެ އިސްތަށްޓަކީ ކޮން ތަނަކުން ގެނައި އެއްޗެއް ކަން ނޭނގޭނެ ކަމަށް ވިދާޅުވެ، އެ އިސްތަށްޓާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ރައްދުގައި ދައުލަތުން ބުނީ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އެ މައްސަލާގައި ފުރިހަމަވެފައި އޮތް ކަމަށާއި އެ ރިޕޯޓް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވަނީ އެ ރިޕޯޓަކީ ހެއްކާ ބެހޭގޮތުން ސުވާލު އުފައްދާ ހާލަތުގައި ހުށަހަޅާ އެއްޗަކަށް ވާތީ ކަމަށް ދައުލަތުން ބުންޏެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު އަމަލުކުރާ އުސޫލަކީ އެއީ ކަމަށްވާތީ އެ ރިޕޯޓް ހުށަހަޅާފައި ނުވަނީ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެއާ މެދު ސުވާލު އުފައްދާތީ އެ ރިޕޯޓް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ދައުވާ ކުރާއިރު މައްސަލައާ ގުޅޭ ހުރިހާ ހެއްކާއި ލިޔުންތައް ހުށަހަޅަން ދައުލަތުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ލިޔުންތަކަކީ ސުވާލު އުފައްދާ ހާލަތުގައި ހުށަހަޅާ އެއްޗެއް ކަމުގައި ނުހެދުމަށް ގާޒީ އެދިވަޑައިގަތެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާރު ހާޒިރު ނުކުރެވި ހުރީ އެންމެ ހެއްކެކެވެ. ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދޭ އެ މީހާ ހާޒިރު ކުރެވިފައި ނުވާތީ އޭނާގެ ހެކިބަސް އަދި ނުނަގަ އެވެ.

އޭނާ ހާޒިރު ކުރަން ދައުލަތުން ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާތީ ދައުލަތުން މިއަދު އެދުނީ ކޯޓުގައި އޮންނަ އާންމު އުސޫލުގެ ދަށުން އޭނާ ހާޒިރުކޮށް، ހެކިބަސް ނަގައި ދިނުމަށެވެ. އެކަމަކު ހެކިބަސް ނަގާއިރު ސިއްރުކަން ނުގެއްލޭ ގޮތަށް ހެކިބަސް ނަގައިދޭން ދައުލަތުން އެދުނެވެ. އެ މީހާގެ އެޑްރެސް ކޯޓަށް ސާފު ނުވާތީ ގާޒީ އާރިފް އެންގެވީ އެ މައުލޫމާތު ސާފު ކުރުމަށް ފަހު ކޯޓަށް އެންގުމަށެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.