Roadha Mihaaru
"އާލިފްގެ ކާރު ހުޅުމާލެއަށް ގެންދިޔަކަމެއް ނޭނގޭ"

ހުޅުމާލެ އަށް ގެންދިޔައީ އާލިފްގެ ކާރެއް ކަން ހެކިވެރިންނަކަށް ނޭނގުނު

22 އެޕްރީލް 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވިކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރެއް ހުޅުމާލެ އަށް ގެންދިޔަކަން ބުނަން ނޭނގޭ ކަމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި ދެ މީހަކު މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވިކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރެއް ހުޅުމާލެ އަށް ގެންދިޔަކަން ބުނަން ނޭނގޭ ކަމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި ދެ މީހަކު މިއަދު ހެކިބަސް ދީފި އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން އާލިފް ރައޫފްގެ އިތުރުން ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރާގޮތުން ހުޅުމާލޭގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރެއް ހުޅުމާލެއަށް ގެންގޮސް، އެ ދެ މީހުން ބައިވެރިވެގެންނެވެ.

ކޯޓުގައި މިއަދު ހެކިބަސް ދިން ދެ މީހުންނަކީ ކޮންމެވެސް ވަރަކަށް އާލިފާއި ނޫރައްދީން ދަންނަ ދެ މީހުންނެވެ. ދައުލަތުން އެ ދެ މީހުން ހެކިންގެ ގޮތުގައި ހުށަހެޅީ އާލިފްގެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަން ސާބިތު ކުރުމަށެވެ.

ފުރަތަމަ ހެކިބަސް ދިން މީހާއަކީ ދޯނި ކުއްޔަށް ހިފައިގެން އާންމުކޮށް ވިޔަފާރީގެ އުސޫލުން ހުޅުމާލެ އަށް ކާރު ގެންގޮސްދީ އުޅޭ މީހެކެވެ. ވަނަމަކަށް އައްކޮ ކިޔާ މީހަކު ބުނެގެން ހުޅުމާލެ އަށް ކާރެއް ގެންގޮސްދިނިންތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އައްކޮ ކިޔާ މީހަކު ބުނެގެން ހުޅުމާލެ އަށް ކާރެއް ގެންގޮސްދީފައިވާނެ އެވެ. އެކަމަކު އެއީ ކާކުގެ ކާރެއް ކަމެއް އަދި އެ ކާރު ގެންދިޔައީ ކޮން އިރަކު ކަމެއް ވެސް އޭނާ ހަނދާނަކު ނެތެވެ. އެއީ ކޮން ކުލައިގެ ކާރެއް ކަމެއް ވެސް އޭނާއަކަށް ބުނެ ނުދެވުނެވެ.

ހުޅުމާލޭގައި ދިރިއުޅޭ ނޫރައްދީން ވެސް ކޮންމެވެސް ވަރަކަށް ދަންނަ އެ މީހާ ބުނިގޮތުގައި އަހަރުތަކެއް ކުރިން ނޫރައްދީން ހުޅުމާލޭގައި ކާރެއް ދުއްވި ކަމަށާއި އެއީ ރީނދޫ ކުލައިގެ ކާރެއް ކަމަށެވެ. އެކަމަކު އެހެން މީހެއްގެ ކާރެއް ނޫރައްދީން ދުއްވި ކަމެއް އޭނާއަށް އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ އަށް ހެކިބަސް ދިނީ ކާރެއް ގެންގޮސްދޭން އެދުނު ކަމަށް ބުނާ އައްކޮ ކިޔާ މީހާ އެވެ. އަސްލު ނަމަކަށް އަހުސަން ކިޔާ އެ ހެކިވެރިޔާ ބުނިގޮތުގައި އާލިފް ކާރެއް ގެންގުޅޭ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

އާލިފްގެ ރަތް ކުލައިގެ ކާރު ހުޅުމާލެ އަށް ގެންދިޔަކަން ސާބިތުކުރަން ދޯންޏެއްގެ ފަޅުވެރިންނާއި ކެޕްޓަނުން ހެކިންގެ ގޮތުގައި ހާޒިރުކޮށް މީގެކުރިން ވެސް ހެކިބަސް ނެގި އެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ ހެކިބަހުގައި، ހުޅުމާލެއަށް ގެންދިޔައީ އާލިފްގެ ކާރެއް ކަން ޔަގީންކަމާ އެކު ބުނެފައެއް ނުވެ އެވެ. ގެންދިޔައީ ރަތް ކުލައިގެ ކާރެއް ކަން އޭގެ ތެރެއިން ބައެއް މީހުންނަށް އެނގުނަސް، އެއީ ކޮން ނަމްބަރެއްގެ ކާރެއް ކަން މިހާތަނަށް ހާޒިރުކުރި އެއްވެސް މީހަކަށް ބުނެދެވިފައެއް ނުވެ އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެެ އެވެ.