Roadha Mihaaru
"ރިލްވާންގެ ފްލެޓް ކައިރިން ހަޅޭކުގެ އަޑު އިވުނު"

ރިލްވާން އުޅުނު ފްލެޓް ކައިރިން ހަޅޭކުގެ އަޑު އިވުނު، މަންޒަރެއް ނުފެނޭ: ހެކިވެރިއެއް

23 އެޕްރީލް 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ފްލެޓް ކައިރިން މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި ނަމަވެސް ހަޅޭއްލެވި މަންޒަރު ނުފެންނަ ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ފްލެޓް ކައިރިން މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި ނަމަވެސް ހަޅޭއްލެވި މަންޒަރު ނުފެންނަ ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

އޮގަސްޓް، 2014 ގައި ހުޅުމާލޭގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި މިއަދު ހެކިބަސް ދިނީ ރިލްވާން ދިރިއުޅުނު ފްލެޓް ކައިރީގައި ހުރި މީހެކެވެ.

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން އެ މީހާ ބުނި ގޮތުގައި ރިލްވާން ގެއްލުނު ރޭ މެންދަމު 2:00 ހާއިރު ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެކަމަކު އެއީ މާރާމާރީއެއް ކަމަށް ހީކޮށް، އެ އަޑު އައި ތަނަށް ނުބަލާ ކަމަށާއި އެހެންވެ އެ ތަނުގައި ހިނގި އެއްވެސް ކަމެއްގެ މަންޒަރު ނުފެންނަ ކަމަށް އެ މީހާ ބުންޏެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ އާލިފާއި ނޫރައްދީން އެ ސަރަހައްދުން ފެނުނުތޯ އެ މީހާއާ ސުވާލު ކުރުމުން އޭނާ ބުނި ގޮތުގައި އެއިން އެއްވެސް މީހަކު ވެސް އެރޭ އެ ސަރަހައްދުން ނުފެނެ އެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި 29 ހެކިންގެ ތެރެއިން ދެ ހެއްކަކު ފިޔަވައި އެހެން މީހުންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފަ އެވެ. ބާކީ ތިބި ދެ މީހުންގެ ހެކިބަސް ނަގައި ނިމުމުން އާލިފާއި ނޫރައްދީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ތެރެއިން މިހާތަނަށް ހާޒިރު ނުކުރެވި ތިިބި މީހުންގެ ހެކިބަސް ނަގާނެ އެވެ.

އާލިފާއި ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ބުނާ ގޮތުން އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.