Roadha Mihaaru
10 މަހުގެ އުދައްޔުގެ ބޭސްފަރުވާއަށް އެހީއެއް

10 މަހުގެ އުދައްޔުގެ ކިޑްނީ އާއި މޭ ވެސް ބަދަލުކުރަން ޖެހިފައި!

03 އޯގަސްޓް 2018

އައިމިނަތު ނަޝްފާ ހުސައިން އެންމެ ފުރަތަމަ ހީކުރީ އޭނާގެ ހަތަރު މަހުގެ ދަރިފުޅު، އުދައްޔު ދާވޫދަށް ޖެހުނީ އާދައިގެ ރޯގާއެއް ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހު ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ދިޔައީ ވެސް، ދަރިފުޅު ކެއްސާތީ ބޭސް ނެގުމަށެވެ. އެކަމަކު މާ ތުއްތު ކުއްޖަކަށް ވުމުން، ނޭސަލް ޑްރޮޕް ފިޔަވައި އިތުރު ބޭހެއް ދޭން ޑޮކްޓަރު ދެކޮޅުހެދި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައިމިނަތު ނަޝްފާ ހުސައިން އެންމެ ފުރަތަމަ ހީކުރީ އޭނާގެ ހަތަރު މަހުގެ ދަރިފުޅު، އުދައްޔު ދާވޫދަށް ޖެހުނީ އާދައިގެ ރޯގާއެއް ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހު ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ދިޔައީ ވެސް، ދަރިފުޅު ކެއްސާތީ ބޭސް ނެގުމަށެވެ. އެކަމަކު މާ ތުއްތު ކުއްޖަކަށް ވުމުން، ނޭސަލް ޑްރޮޕް ފިޔަވައި އިތުރު ބޭހެއް ދޭން ޑޮކްޓަރު ދެކޮޅުހެދި އެވެ.

އޭގެ އެއް ދުވަސް ފަހުން، ދަރިފުޅު އޭޑީކޭއަށް ގެންދިޔައީ ހީސް ނުލާތީ އެވެ. އެކަމަކު ޓެސްޓުތަކުގެ ނަތީޖާ ދެއްކީ ނަޝްފާ އާއި އޭނާގެ ފިރިމީހާ މުހައްމަދު ޝުޖާއު އަދި ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް ހީކުރި ގޮތަކަށް ނޫނެވެ. ހަތަރު މަހުގެ އެ ކުއްޖާގެ ކިޑްނީގެ މަސައްކަތްް ވަނީ ހުއްޓިފަ އެވެ.

އުދައްޔުގެ ބައްޔަކީ "ހައިޕައޮގްޒާލޫރިއާ ޓައިޕް-1" އެވެ. މިއީ ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ ވައްތަރުގެ، ޖެނެޓިކް ބައްޔެކެވެ. މިހާރު ދިހަ މަސް ވެފައިވާ އުދައްޔުގެ ފުރާނަ ސަލާމަތް ކުރުމަށް، އެ އާއިލާއަށް ވަނީ އާއްމުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެފަ އެވެ.

ފަރުވާއަކީ މެޔާއި ކިޑްނީ ބަދަލުކުރުން

ނަޝްފާ ބުނިގޮތުގައި ދަރިފުޅު ހީސް ނުލާތީ، އޭޑީކޭން އެންމެ ފުރަތަމަ ހެދީ ކިޑްނީގެ ޓެސްޓެކެވެ. އެއިން ދެއްކީ، ކިޑްނީގައި ކްރިއާޓިނިން ލެވެލް ވަރަށް މައްޗަށް ހުރިކަމަށެވެ. އެ ނަތީޖާ ގަބޫލު ނުކުރެވިގެން ޑޮކްޓަރުން ދެވަނަ ފަހަރަށް ވެސް ޓެސްޓުތައް ހެދި އެވެ. ސްކޭންކޮށްގެން ބެލުމުން ކިޑްނީގެ މަސައްކަތް ހުއްޓިފައިވާކަން އެނގުމުން ޑޮކްޓަރުން ވަރަށް ބޮޑަށް އެލާޓްވި އެވެ.

"ވަގުތުން ދަރިފުޅު އައިސީޔޫއަށް ލީ. އަދި ޑީހައިޑްރޭޓެޑް ޕޭޝަންޓެއްގެ ގޮތަށް ފަރުވާ ދޭން ފެށީ. އެކަމަކު ހީސްނުލައި، އެއްވެސް އެއްޗެއް ބޭރު ނުކުރެވޭތީ ދަރިފުޅު ދުޅަވާން ފެށީ،" ނަޝްފާ ކިޔައިދިނެވެ.

ތުއްތު އުދައްޔު: ކިޑްނީ ހަލާކުވީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔަކާ ހެދި

ތުއްތު އުދައްޔު: ކިޑްނީ ހަލާކުވީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔަކާ ހެދި

ދެވެން އޮތް އެންމެ އަވަސް ފަރުވާއަކީ އުދައްޔުގެ ބަނޑަށް ހޮޅިކޮޅެއް ލައްވައިގެން ޑައިލިސިސް ހެދުން ނަމަވެސް، ރާއްޖޭން އެވަގުތު އެކަން ކުރެވޭކަށް ނެތެވެ. އެހެންވެ، ޖެހިގެން އައި ދުވަހު، އިމަޖެންސީގައި އެ އާއިލާއިން އިންޑިއާއަށް ފުރީ އެވެ.

އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ގެންގޮސް ހެދި ތަހުލީލުތަކުން އެނގުނީ އުދައްޔުގެ ކިޑްނީ ހަލާކުވެފައިވާކަމެވެ. އެހެންވެ އޭނާއަށް ފަރުވާ ދޭން ޖެހުނީ އައިސީޔޫގައި ބާއްވައިގެންނެވެ. ބަލީގެ އަސްލު ހަގީގަތް ނުވަތަ "ހައިޕައޮގްޒާލޫރިއާ ޓައިޕް-1" ކަން ޑޮކްޓަރުންނަށް އެނގުނީ، އޭނާގެ ސާމްޕަލް ޖަރުމަނަށް ފޮނުވައިގެން ހެދި ޓެސްޓުތަކުން ކަމަށް ނަޝްފާ ބުންޏެވެ.

"ޑޮކްޓަރުން ބުނީ މިއީ ވަކި ކަމެއް ދިމާވެގެން ޖެހުނު ބައްޔެއް ނޫން ކަމަށް. އުފަންވި އިރު ވެސް ހުރި ޖެނެޓިކް ބައްޔެއް ކަމަށް،" ދޮއްޓަށް އަދި އިތުރު ކުއްޖެއް ހުންނަ ނަޝްފާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަލީގެ ގޮތުން ދަރިފުޅުގެ ކިޑްނީއާ އެކު މޭ ވެސް ވަނީ ހަލާކުވެފަ އެވެ.

އުދައްޔުގެ ފަރުވާގެ ފުރަތަމަ ކަމެއްގެ ގޮތުން ވެސް ފެށީ ޑައިލިސިސް ހަދާށެވެ. އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހު، ފަހުން އެކަން ކުރީ ވަކި ކޮޓަރިއަށް ބަދަލުކޮށްގެންނެވެ. އަދި ޑައިލިސިސް ހަދާނެ ގޮތް ނަޝްފާގެ ދެމަފިރިންނަށް ކިޔައިދިނުމަށް ފަހު، ދުވަސްކޮޅެއް ފަހުން ގެއަށް ދޫކޮށްލި އެވެ.

ދަރިފުޅު ގޮވައިގެން ރާއްޖެ އައި ނަމަވެސް، އޭނާގެ ޑައިލިސިސްއަށް ބޭނުންވާ ފްލުއިޑް ރާއްޖޭން ލިބެން ނެތުމުން ޖެހުނީ އަވަށްޓެރި ސްރީ ލަންކާއަށް ބަދަލުވާށެވެ. އެއީ ރާއްޖޭން ލިބެން ނުހުންނަ ފަރުވާއެއް ކަމަށްވާ، ހީމޯޑައިލިސިސް ކޮންމެ ފަދަ ވަގުތެއްގައި ވެސް އުދައްޔުއަށް ބޭނުން ވެދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ އެވެ.

އުދައްޔުގެ ފަރުވާއަށް އެހީ ހޯދުމަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

އުދައްޔުގެ ފަރުވާއަށް އެހީ ހޯދުމަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

މިހާރު ލަންކާގައި ދިރިއުޅެމުން އަންނަ އާއިލާއަށް ކުރިމަތިވެފައި ވަނީ، އެމީހުން ބުނާ ގޮތުގައި، ދަތި ދިރިއުޅުމެކެވެ. ކޮންމެ ދުވަހަކު 19 ގަޑިއިރު އުދައްޔު ޑައިލިސިސް އަށް ހޭދަކުރެ އެވެ. ގިނަ ދުވަސް ދުވަހު އޮންނަން ޖެހެނީ ހޮސްޕިޓަލުގަ އެވެ. އެ ހުރިހާ ކަމަކަށް ކޮންމެ ހަފުތާއަކު 11 ވަރަކަށް ހާސް ރުފިޔާ ހޭދަވެ އެވެ.

ދަރިފުޅުގެ ހިދުމަތުގައި އަބަދުމެ ތިބެން ޖެހޭތީ، ނަޝްފާގެ ދެމަފިރިންނަށް މަސައްކަތެއް ނުކުރެވެ އެވެ. އެހެންވެ، ފަރުވާގެ ހުރިހާ ހަރަދެއް ހޯދަން މި ވަގުތު ބަރޯސާވެފައި އޮންނަނީ ތިމާގެ މީހުންނާއި އެކުވެރިން އަދި އާއްމު ބައެއް ފަރާތްތަކުން ދޭ އެހީތަކަށެވެ.

ތުއްތު އުދައްޔަށް ދެވެން އޮތް ދާއިމީ ފަރުވާއަކީ މެޔާއި ކިޑްނީ ބަދަލު ކުރުމެވެ. ނަޝްފާމެން ކުރިން ނިންމާފައި އޮތީ ދަރިފުޅު ތަންކޮޅެއް ބޮޑުވަންދެން، އޮޕަރޭޝަން ލަސްކޮށްލާށެވެ. އެކަމަކު ޑައިލިސިސްގެ އަސަރު ކުޑަވެ، އެހެން ގުނަވަންތައް ފެއިލްވަމުންދާތީ ޑޮކްޓަރުންގެ އިރުޝާދަކީ ވީހާ ވެސް އަވަހަކަށް އޮޕަރޭޝަން ކުރުމެވެ.

އޮޕަރޭޝަނުގެ ހަރަދު އާސަންދައިން ހަމަޖެހެ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ތިބެން ޖެހޭތީ އެކަމަށް ފައިސާ ބޭނުންވެ އެވެ. އެހެންކަމުން އާއިލާއިން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

އުދައްޔުގެ ފަރުވާއަށް އެހީވުމަށް، އޭނާގެ ބައްޕަގެ ވައިބާ ނަމްބަރު، 7866418 ގުޅުމަށް އާއިލާއިން އެދެ އެވެ.