ކުއާލަ ލަމްޕޫރު (ޖުލައި 30) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370އާ ބެހޭ ރަސްމީ ރިޕޯޓް މިއަދު ނެރުނު އިރު އެ ރިޕޯޓުގައި އާ ވާހަކައެއް ނެތުމުން ބޯޓުން ދަތުރު ކުރި މީހުންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
30 ޖުލައި 2018
ކުއާލަ ލަމްޕޫރު (ޖުލައި 30) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370އާ ބެހޭ ރަސްމީ ރިޕޯޓް މިއަދު ނެރުނު އިރު އެ ރިޕޯޓުގައި އާ ވާހަކައެއް ނެތުމުން ބޯޓުން ދަތުރު ކުރި މީހުންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ތަހުގީގު ޓީމުން ތައްޔާރުކުރި ޚާއްސަ ރިޕޯޓުގައި ބުނެފައި ވަނީ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް މެކޭނިކަލް ފޯލްޓަކަށް ވުރެ ބޮޑަށް ފްލައިޓް ދަތުރުކުރާ ރޫޓުން މެނުއަލީ ޑައިވާޓްކޮށްފައިވާ ކަމަށެވެ. އަދި މީގެ ހަތަރު އަހަރު ކުރިން 239 މީހުންނާ އެކު ގެއްލުނު ބޯޓަކީ ވައިގެ ދަތުރުތައް ކުރުމަށް އެއާވާދީ ހާލަތުގައި އޮތް ބޯޓެއް ކަމަށާއި ޕައިލެޓުން ވެސް ތިބީ ވައިގެ ދަތުރުތައް ކުރުމަށް ފިޓްކޮށް ކަމަށެވެ. އެކަމަކު ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވާ ބޯޓަށްވީ ގޮތަކާ ބެހޭ އެއްވެސް މައުލޫމާތެއް ރިޕޯޓުގައި ނެތެވެ.
އެމްއެޗް370 އާ ބެހޭ ރިޕޯޓުގެ ކޮޕީތައް. --ފޮޓޯ:އޭއެފްޕީ
"އެމްއެޗް 370 ގެއްލުނު ހަގީގީ ސަބަބެއް ތަހުގީގު ޓީމަށް ވެސް ޔަގީން ކުރެވިފައެއް ނެތް،" 400 ސަފްހާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓް އާއްމު ކުރުމުގެ ކުރިން އާއިލާތަކުގެ މީހުންނަށް ވަނީ ރިޕޯޓާ ބެހޭ ޚުލާސާ ބަޔާނެއް ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ދީފަ އެވެ.
"ވަރަށް މާޔޫސް ވެއްޖެ. ރިޕޯޓުގައި އާ އެއްވެސް ވާހަކައެއް ނެތް،" އެމްއެޗް370 އިން ދަތުރު ކުރި ކްރޫއެއްގެ އަންހެނުން ކަމަށްވާ އިންތާން މައިޒުރާ ބުންޏެވެ. "ޓްރާންސްޕޯޓް މިނިސްޓްރީގައި ރިޕޯޓާ ބެހޭ މައުލޫމާތު ދިން މީހުންނަށް އެއްވެސް ސުވާލެއްގެ ޖަވާބެއް ނުދެވުނު. ސަބަބަކީ ރިޕޯޓް ތައްޔާރު ކުރީ އެ މީހުންނަށް ނުވާތީ."
އެމްއެޗް370 އާ ބެހޭ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި ބޯޓުން ދަތުރުކުރި މީހެއްގެ މަންމަ ކަމަށްވާ ނޫރާ ނޫރް ހިތާމަ ފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ
އޭނާ ބުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބައްދަލުވުން އެންމެ ފަހުން ނިމިގެން ދިޔައީ "ބޮޑު ޒުވާބަކުން" ކަމަށެވެ.
"ވަރަށް ގިނަ މީހުން ސުވާލު ކުރި. އެކަމަކު އެކަށީގެންވާ އެއްވެސް ޖަވާބެއް ނުލިބުނު،" ބޯޓުން ދަތުރު ކުރި ފިރިހެން ކުއްޖެއްގެ ބައްޕަ ކަމަށްވާ ޖީ. ސުބްރަމާނިއަމް ބުންޏެވެ.
މާޗު، 2014 ގައި މެލޭޝިއާ އިން ފުރައިގެން ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ހޯދަން ކަނޑު އަޑި އެންމެ ފަހުން ބެލި އެމެރިކާގެ އަމިއްލަ ކުންފުނި، އޯޝަން އިންފިނިޓީގެ މަސައްކަތް މެއި 29 ވަނަ ދުވަހު ވަނީ ހުއްޓާލައިފަ އެވެ. މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ ބޯޓާ ބެހޭ އާ ހެއްކެއް ފެނިއްޖެ ނަމަ އަނެއްކާ ވެސް ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެމްއެޗް370 އާ ބެހޭ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތަށް ފަހު ބޯޓުން ދަތުރުކުރި މީހެއްގެ ދަރިއެއް ކަމަށްވާ ގްރޭސް ސުބަރިތިރާއީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
އޯޝަން އިންފިނިޓީން ވަނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 80،000 އަކަ ކިލޯމީޓަރު (30،888 އަކަ މޭލު)ގެ ސަރަހައްދެއް ބަލައިފަ އެވެ. ނަމަވެސް ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުމުން އެމްއެޗް370 ހޯދުމުގެ މަސައްކަތް އޯޝަން އިންފިނިޓީން ވަނީ ހުއްޓާލައިފަ އެވެ.
ބޯޓުން ދަތުރުކުރީ ޗައިނާގެ 153 މީހުންނާއި މެލޭޝިއާގެ 38 މީހުންގެ އިތުރުން އެމެރިކާ، އީރާން، ކެނެޑާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، ފްރާންސް، ނިއު ޒީލެންޑް، ޔޫކްރޭން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ. ބޯޓުގެ 12 ކްރޫންނަކީ މެލޭޝިއާ މީހުންނެވެ.
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ކުރިން ވެސް ވަނީ ބަލައިފަ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ
އެމްއެޗް370 ވައްޓާލީ ޕައިލެޓްކަމަށް ކުރިން ގަބޫލްކުރި
ހުށަހެޅުމެއް ލިބިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 އާ ބެހޭ ރިޕޯޓް މިމަހު 30 ގައި ނެރެނީ
އާ ހެއްކެއް ފެނިއްޖެ ނަމަ އެމްއެޗް370 ހޯދަން ފަށާނެ
އެމްއެޗް370 ހޯދުމުގެ މަސައްކަތް ނިންމާލައިފި
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމަނީ
އެމްއެޗް370 ހޯދަން އުޅެނިކޮށް ދެ އާގު ބޯޓު ފެނިއްޖެ
އެމްއެޗް370 ހޯދުން ޖޫން މަހު ނިންމާލެވޭނެ: އޮފިޝަލް