Roadha Mihaaru

ގެއްލިފައިވާ އެމްއެޗް370 އާ ބެހޭ ރިޕޯޓް މި މަހު 30 ގައި ނެރެނީ

ކުއާލަ ލަމްޕޫރު (ޖުލައި 21) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370އާ ބެހޭ ރިޕޯޓް މި މަހު 30 ގައި ނެރޭނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވެއްޖެ އެވެ.

އެމްއެޗް370 އާ ބެހޭ ރިޕޯޓް މިމަހު 30 ގައި ނެރެނީ
ހަސަން އާމިރު
ހަސަން އާމިރު

21 ޖުލައި 2018

ކުއާލަ ލަމްޕޫރު (ޖުލައި 21) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370އާ ބެހޭ ރިޕޯޓް މި މަހު 30 ގައި ނެރޭނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވެއްޖެ އެވެ.

މާޗު، 2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ހޯދަން ކަނޑު އަޑި އެންމެ ފަހުން ބެލި އެމެރިކާގެ އަމިއްލަ ކުންފުނީގެ މަސައްކަތް މެއި 29 ވަނަ ދުވަހު ވަނީ ހުއްޓާލައިފަ އެވެ.

ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ބޯޓުން ދަތުރުކުރީ ޗައިނާގެ 153 މީހުންނާއި މެލޭޝިއާގެ 38 މީހުންގެ އިތުރުން އެމެރިކާ، އީރާން، ކެނެޑާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، ފްރާންސް، ނިއު ޒީލެންޑް، ޔޫކްރޭން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ. ބޯޓުގެ 12 ކްރޫންނަކީ މެލޭޝިއާ މީހުންނެވެ.

ލޯކް ވިދާޅުވީ ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް މި މަހު 30 ވަނަ ދުވަހު ތަހުގީގު ޓީމުން މައުލޫމާތު ދޭނެ ކަމަށެވެ. އަދި އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"ތަހުގީގު ޓީމުން ރެކޯޑްކުރި ކޮންމެ ލަފުޒެއް ރިޕޯޓުގައި ހިމަނާފައިވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޯކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޕޯޓަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އޮންލައިންކޮށް ވެސް ރިޕޯޓް ފެންނާނެ ގޮތް ހަދާނެ ކަމަށާއި ބޯޓުން ދަތުރުކުރި އާއިލާތަކަށާއި ބައެއް މީޑިއާތަކަށް ރިޕޯޓުގެ ހާޑް ކޮޕީ ވެސް ދޭނެ ކަމަށް ލޯކް ވިދާޅުވި އެވެ.

ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 އިން ދަތުރުކުރި މީހުންގެ ހަނދާނުގައި ކުއާލަ ލަމްޕޫރުގައި ބޭއްވި އިވެންޓެއްގައި މީހަކު ބައިވެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 އިން ދަތުރުކުރި މީހުންގެ ހަނދާނުގައި ކުއާލަ ލަމްޕޫރުގައި ބޭއްވި އިވެންޓެއްގައި މީހަކު ބައިވެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އެމްއެޗް370 ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކުރި އެމެރިކާގެ އޯޝަން އިންފިނިޓީން ވަނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 80،000 އަކަ ކިލޯމީޓަރު (30،888 އަކަ މޭލު)ގެ ސަރަހައްދެއް ބަލައިފަ އެވެ. ނަމަވެސް ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުމުން އެމްއެޗް370 ހޯދުމުގެ މަސައްކަތް އޯޝަން އިންފިނިޓީން ވަނީ ހުއްޓާލައިފަ އެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ކުރިން ވެސް ވަނީ ބަލައިފަ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

އޯޝަން އިންފިނިޓީ އަށް އަގު ދިނުމަށް އެއްބަސްވެފައި ވަނީ ބޯޓު ފެނިއްޖެ ނަމަ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފަ އެވެ. އެ ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ ބޯޓާ ބެހޭ އާ ހެއްކެއް ފެނިއްޖެ ނަމަ އަނެއްކާ ވެސް ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.