Roadha Mihaaru
އެމްޓީސީސީގެ ފައިދާ 29 މިލިއަނުގައި ހިފެހެއްޓިފައި

ދެ ވަނަ ކުއާޓާގައި ވެސް އެމްޓީސީސީ އަށް 29 މިލިއަން ރުފިޔާގެ ފައިދާއެއް

01 އޯގަސްޓް 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ވަރުގެ ސާފު ފައިދާއެއް މިދިޔަ ކުއާޓާގައި ވެސް ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ވަރުގެ ސާފު ފައިދާއެއް މިދިޔަ ކުއާޓާގައި ވެސް ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.2 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.8 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ދެވަނަ ކުއާޓާގައި 293.5 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓާގައި 76.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެމްޓީސީސީން ބުނީ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 42.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ ސާފު ފައިދާ ދަށްވެފައި ވަނީ ފެރީ ހިދުމަތަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހުއްޓާލުމާ ގުޅިގެން މިއަހަރުގެ މާޗް މަހުން ފެށިގެން އެ ހިދުމަތުން ގެއްލުން ވަމުން އަންނާތީ ކަމަށެވެ. އަދި މިދިޔަ ކުއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު 26 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު ދެވަނަ ކުއާޓާގައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކަން އަންގައިދޭ ކަމަށެވެ.