Roadha Mihaaru
އެމްޓީސީސީގެ ފައިދާ 17 މިލިއަނަށް ވެއްޓިއްޖެ

އެމްޓީސީސީއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ 17 މިލިއަނަށް ވެއްޓިއްޖެ

31 އޮކްޓޯބަރ 2017

ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހިންގާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ 17 މިލިއަނަށް ވެއްޓިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހިންގާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ 17 މިލިއަނަށް ވެއްޓިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ނެރުނު މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން 264.6 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ ކުއާޓަރަށްވުރެ 77 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން ވިޔަފާރިކުރުމަށް 205.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއާއެކު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 58.6 މިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން 20.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓެކްސްގެ ގޮތުގައި ތިން މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 17 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 24.5 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި ޖުމްލަ 51 ޕްރޮޖެކްޓް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 47 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން ފަސް ޕްރޮޖެކްޓެއް މުޅިން ނިންމާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.