01 އޯގަސްޓް 2016
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ޕީޕީއެމް ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ބައެއް މެމްބަރުން މިއަދު ވިޕާ ހިލާފަށް ވޯޓު ދެއްވައިފި އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ޕީޕީއެމް ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ބައެއް މެމްބަރުން މިއަދު ވިޕާ ހިލާފަށް ވޯޓު ދެއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން ބިލު ބަލައިގަތުމަށް ފާސްވީ 38 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 28 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.
މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ޕާޓީއާ ޚިޔާލު ތަފާތުވެ ވަޑައިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކަށް އިންނެވީ ނަޝީދެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު އަދި މަޖިލިހުގެ ބައެއް އެހެން މެމްބަރުން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މި ބިލުގެ ބަހުސްގެ މަރުހަލާގައި ނަޝީދު ވިދާޅުވީ މި ބިލަކީ ނޫސްވެރިންނަށް ފަހިވާ ގޮތަށް އޮތް ބިލެއް ނޫން ކަމަށާއި ބިލުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، މި ބިލު އޮތް ގޮތަށް ފާސް ކުރުމަށް އޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
މީގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ބިލަށް ބަހުސް ކުރެއްވުމަށްފަހު، ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދާއި ވިލިނގިލި ދާއިރާގެ ސައުދު ހުސައިން އާއި ފުވައްމުލަކު މެދު ދާއިރާގެ އަލީ ފަޒާދާއި ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިން ވެސް ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
މީގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ވެސް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް މިއީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާފައިވާ ހަތަރު މެންބަރުންނެއް ނޫނެވެ.
ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވެސް ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
އަބުރުގެ ބިލު ބަލައިގަތުމަށް ފާރިސް ވޯޓު ނުދެއްވިއިރު، ބިޑްކުރުމަކާ ނުލައި ރަށްތައް ކުށްޔަށް ދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް އޭނާ ވޯޓު ދެއްވުމުން އޭނާ ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު ޕާޓީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން ވިދާޅުވަނީ ފާރިސް އަކީ އަދިވެސް އެ ޕާޓީގެ މެމްބަރެއް ކަމަށާއި އޭނާ ޕާޓީން ވަކިނުވާ ކަމަށެވެ.
ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމުގައި މިނިސްޓަރުންގެ ލަފާ ހޯދަންޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ވެސް ފާރިސް ވޯޓު ވޯޓު ދެއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފާރިސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
އަބުރުގެ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނާއި އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ބިލު ބަލައިގަތުމަށް ވޯޓު ނުދެއްވަނީ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު، މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސްކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
ހިޔާލު ފާޅުކުރުމަށް ހުރަސްއަޅާ ބިލަށް މަޖިލީހުގައި ބަހުސް ކުރާއިރު ނޫސްވެރިންތަކެއް މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކުރަނީ.-- ފޮޓޯ: ހުސެން ޝަޔާހު
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ. މި ބިލަށް ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.
ފާރިސް އާއި މުސްތޮފާ އަށް ފުރުސަތެއް ނުދިން
ބިލު ތަސްދީގު ނުކުރުމަށް އދ. އިން ގޮވާލައިފި
ގޮއްވާލި "ބޮމާ" އެކު ނޫސްވެރިކަން އަޅި އަށް!
ނަޝީދާ އެކު ތިން މެމްބަރެއްގެ ވޯޓު ބިލާ ދެކޮޅަށް
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގެންފި
މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލްގެ ކޮމިޓީ ކެންސަލްކޮށްފި
ހިޔާލުފާޅުކުރުން ހަނިކުރާ ބިލް ދިރާސާ ކުރަން ފަށަނީ
ހިޔާލު ފާޅުކުރުން ހަނިކުރަން އެޗްއާރްސީއެމް ދެކޮޅު
އަބުރުގެ ބިލަށް ލިބުނު އާންމު ޚިޔާލުތައް ބާތިލުކޮށްފި