Roadha Mihaaru
ނަޝީދާ އެކު ތިން މެމްބަރެއްގެ ވޯޓު ބިލާ ދެކޮޅަށް

ނަޝީދާ އެކު ސަރުކާރު ކޯލިޝަންގެ ތިން މެމްބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވައިފި

09 އޯގަސްޓް 2016

ސަރުކާރުން ހުށަހަޅައިގެން މިއަދު ފާސްކުރި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ބިލަށް ޕީޕީއެމްގެ މުހައްމަދު ނަޝީދުގެ އިތުރުން ތިން މެމްބަރަކު ދެކޮޅަށް ވޯޓު ލައްވައިފި އެވެ. މިއީ ސަަރުކާރު ކޯލިޝަންގެ މިހާ ގިނަ މެމްބަރުންތަކެއް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް ވޯޓު ލެއްވި ފުރަތަމަ ފަހަރެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ހުށަހަޅައިގެން މިއަދު ފާސްކުރި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ބިލަށް ޕީޕީއެމްގެ މުހައްމަދު ނަޝީދުގެ އިތުރުން ތިން މެމްބަރަކު ދެކޮޅަށް ވޯޓު ލައްވައިފި އެވެ. މިއީ ސަަރުކާރު ކޯލިޝަންގެ މިހާ ގިނަ މެމްބަރުންތަކެއް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް ވޯޓު ލެއްވި ފުރަތަމަ ފަހަރެވެ.

މި ހަތަރު ބޭފުޅުން ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރަން ވޯޓު ނުދެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނަޝީދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ.

މީގެ ތެރެއިން ނަޝީދާއި ފާރިސް އާއި އަރީފަކީ ބިލު މަޖިލީހަށް ބަލައިނުގަންނަން ވެސް ވޯޓު ދެއްވި މެމްބަރުންނެވެ. މުސްތަފާ އެ ދުވަހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ތިން މެމްބަރުން. (ކ) އިން (ވ) އަށް. ނާޒިމް ރަޝާދު، އަހުމަދު ސަލީމް އަދި އަމީތު. މެމްބަރު އަމީތަކީ ކުރިން މީޑިއާގައި މަސައްކަތްކުރެއްވި ބޭފުޅެއް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ތިން މެމްބަރުން. (ކ) އިން (ވ) އަށް. ނާޒިމް ރަޝާދު، އަހުމަދު ސަލީމް އަދި އަމީތު. މެމްބަރު އަމީތަކީ ކުރިން މީޑިއާގައި މަސައްކަތްކުރެއްވި ބޭފުޅެއް - ފޮޓޯ: މަޖިލިސް

މީގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދުގެ ޖަލްސާ އަށް ވަޑައެއް ނުގަންނަވަ އެވެ.

ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ބޮޑު ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ބައިވެރިވި 78 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެމްބަރެކެވެ.

ނޫސްވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްދީފައި ނުވާ ބިލު ފާސްކުރުމާ އެކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ފަހަތަށް ވަނީ ވައްޓާލައިފަ އެވެ.

އަބުރުގެ ބިލްގެ ނަމުގައި އޮތް ނަމަވެސް، މިއީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ދީފައި އޮތް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، ގާނޫނުއަސާސީގެ މުޅި ރޫހާ ހިލާފަށް ހަނިކުރާ ބިލެއްގެ ގޮތުގައި ނޫސްވެރިން ދިޔައީ ފާހަގަކުރަމުންނެވެ. އަދި ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކެލާ ދާއިރާގެ އަލީ އާރިފް ބިލަށް ހުށަހެޅުއްވީ ކުރިއަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި އިސްލާހުތަކެކެވެ. އެ ބިލް ފާސްކުރީ އެ އިސްލާހުތަކާ އެކުގަ އެވެ.

މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، މި ޑްރާފްޓްގައި ވެސް ހިމަނާފައި ވަނީ އިސްތިއުނާފް ނުކުރެވޭ ގޮތަށެވެ. އެ ހާލަތުގައި ތިން މަސްދުވަހާއި ހަ މަސްދުވަހުގެ މުއްދަތަަކަށް އެ ނޫސްވެރިއަކު ޖަލަށް ލެވޭނެ އެވެ.

ކުރިން މި ބިލުގައި ނެތް ވަރަށް ނުރައްކާތެރި މާއްދާއެއް ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އެ ގޮތުން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރު ވެ އެވެ.

މި ބިލުގައި މީޑިއާއަކުން ވަގުތުން ގެނެސްދޭ އިވެންޓެއްގައި މީހެއްގެ އަބުރާ ބެހޭ ޒާތުގެ ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ ލައިވް ފީޑް ވަގުތުން މެދުކަނޑާލުމުގެ ބާރު އަބުރާ ބެހެވުނު ފަރާތަށް ލިބޭނެ އެވެ.