Roadha Mihaaru
މުހިންމު ވޯޓަކަށް މެމްބަރުން މާލޭގައި ތިބެން އަންގައިފި

ހޯމަ، އަންގާރަ އަދި ބުދަދުވަހު ޕީޕީއެމްގެ މަޖިލިސް މެމްބަރުން މާލޭގައި ތިބުމަށް އަންގައިފި

05 އޯގަސްޓް 2016

އަންނަ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގާނެތި، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު އަންގަވައިފި އެވެ.

އަންނަ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގާނެތި، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު އަންގަވައިފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގައި ނިހާން މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައި ވަނީ "މި އޮގަސްޓް، 10،9،8 ވާ ތިން ދުވަހު މަޖިލިސްގެ ޖަލްސާ އޮންނާނެ، ވަރަށް މުހިންމު ތްރީލައިން ގްރީން ވިޕެއްގެ ވޯޓު މި ތިން ދުވަހުގެ ތެރޭގައި އޮންނާނެތީ، ތިޔަ އިއްޒަތްތެރި މެމްބަރުން މާލޭގައި ތިއްބެވުމަށް ދަންނަވަން،" ކަމަށެވެ.

ނަމަވެސް އެއީ ކޮން ވޯޓެއް ކަމެއް ނިހާން ވިދާޅުވެފައެއް ނެތެވެ. އެކަމަކު "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގަ އާއި އަދި ވައިބަ ގުރޫޕްގައި އެބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ނިހާން އިޝާރާތް ކުރައްވާފައި ވަނީ، އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މަޖިލިހުން ފާސްކުރުމުގެ މައްސަލައަށެވެ.

ނިހާންގެ މެސެޖާ ގުޅިގެން ވައިބަ ގުރޫޕްގައި އަބުރުގެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ހިމެނިވަޑައިގަންނަވަ އެވެ.

މުސްތަފާ ވިދާޅުވެފައި ވަނީ މެމްބަރުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ބިލެއްގައި، މެމްބަރުންނާ މަޝްވަރާ ނުކޮށް، "ތި ގޮތަށް ތްރީލައިން ގްރީން ވިޕެއް ކަނޑައަޅައި މަޖުބޫރެއް ނުކުރެވޭނެ" ކަމަށެވެ.

ސަލީމް ވިދާޅުވެފައި ވަނީ ހިޔާލު ތަފާތުވާ ކޮންމެ މީހަކީ ދުޝްމަނެއް ނޫން ކަމަށާއި އެއީ ދުޝްމަނެއް ކަމަށް ބެލުމަކީ ވަރަށް ނާތަހުޒީބީ ކަމެއް ކަމަށެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަލީ ސަލީމް: އަބުރުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ސަލީމްގެ އިތުރުން ޕީޕީއެމްގެ އެހެން ބައެއް މަޖިލިސް މެމްބަރުން ވެސް ދެކޮޅު

އޭދަފުށީ ދާއިރާގެ މެމްބަރު އަލީ ސަލީމް: އަބުރުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ސަލީމްގެ އިތުރުން ޕީޕީއެމްގެ އެހެން ބައެއް މަޖިލިސް މެމްބަރުން ވެސް ދެކޮޅު

"އޭނާ އެ ބުނަނީ އޭނަގެ ވިސްނުމާއި އޭނާއަށް ތަޖުރިބާ ލިބިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އޭނާ ދެކޭގޮތުގައި އެކަމަކުން އައިސްދާނެ ނުބައެއް އޮތީމާ،" ސަލީމް ވިދާޅުވެފައިވެ އެވެ.

މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ އަބުރުގެ ބިލް މަޖިލިހަށް ބަލައިގަތުމަށް މަޖިލިހުގައި މިދިޔަ ހަފުތާގައި ވޯޓު ނެގިއިރު، މުސްތަފާ އާއި ސަލީމް ވެސް މަޖިލިހުގެ ތަޅުމުގައި ވަޑައިގެން ނެތެވެ. އެ ދެބޭފުޅުން އަބުރުގެ ބިލް މިހާރު އޮތް ގޮތާ ދެކޮޅެވެ.

ނިހާން ވިދާޅުވެފައިވާ ގޮތުގައި ބިލް ބަލައިގަތުމަށް ވޯޓަށް އެހިއިރު މުސްތަފާ ހުންނެވީ ސިންގަޕޫރުގަ އެވެ. ސަލީމް އެ ދުވަހުގެ ޖަލްސާއަށް ވަޑައިގަތް ނަމަވެސް، ބަހުސް މަރުހަލާގައި ބިލާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ފަހު ވަޑައިގަތީ އެވެ. ނިހާން ވިދާޅުވީ އަބުރުގެ ބިލް މަޖިލިހަށް ބަލައިގަތުމަށް މިދިޔަ ހޯމަދުވަހުގެ މެންދުރު 1:30 ގައި ނެގި ވޯޓުގައި ސަލީމަށް ބައިވެރިވެވަޑައިނުގެންނެވުނީ، ވިޔަފާރި ކަމެއްގައި މަޖިލިހުގެ އިދާރާއިން ބޭރަށް ވަޑައިގަތުމުން ކަމަށެވެ.

އަންނަ ހޯމަ، އަންގާރަ، ބުދަދުވަހު ޕީޕީއެމްގެ މަޖިލިސް މެމްބަރުން މާލޭގައި ތިއްބެވުމަށް ނިހާން ވައިބަ ގުރޫޕްގައި އެންގެވުމުން އެހެން ބައެއް މެމްބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ. އަދި މާލޭގައި ތިއްބަވާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ނިހާނަށް ދެއްވާފައިވެ އެވެ.

އަބުރުގެ ބިލް ދިރާސާކުރާ މަޖިލިހުގެ ކޮމިޓީން މީޑިއާ ކައުންސިލްގެ ހިޔާލުތައް ހޯދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަބުރުގެ ބިލް ދިރާސާކުރާ މަޖިލިހުގެ ކޮމިޓީން މީޑިއާ ކައުންސިލްގެ ހިޔާލުތައް ހޯދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަބުރުގެ ބިލް މަޖިލިހުން ނެގި ވަގުތީ ކޮމިޓީގައި ދިރާސާ ކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި އާންމުންގެ ހިޔާލު ހޯދަން ކުރިން ނިންމި ނަމަވެސް އެކަން ނުކުރަން ކޮމިޓީން މިއަދު ވަނީ ކުއްލި ގޮތަކަށް ނިންމައިފަ އެވެ. އަދި ކޮމިޓީ އަށް ގެންނަން ނިންމި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ހާޒިރު ނުކުރާ ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެއީ އެޓާނީ ޖެނެރަލް، ޕްރޮސެކިއުޓާ ޖެނެރަލް، ހިއުމަން ރައިޓްސް ކޮމިޝަން، ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ، ފުލުހުން، އެމްއެންޑީއެފް އަދި ލޯޔަރުންގެ ޖަމިއްޔާއެއްވާ ނަމަ އެ ޖަމިއްޔާއެކެވެ.

މީގެ އިތުރުން ކޮމެޓީ އަށް އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ އެ ހިޔާލުތަކަކީ "ބާތިލް" އެއްޗެއްގެ ގޮތުގައި ކޮމެޓީން މިއަދު ވަނީ ނިންމައިފަ އެވެ.

މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވައިލުމަށް މަޖިލީހުން ނިންމުމަށް ފަހު، އެ ނިންމުން އަނބުރާ މި ގެނައީ، ކޮމިޓީގެ މެމްބަރުން ވިދާޅުވި ގޮތުގައި، ކަމާ ގުޅޭ ހުރިހާ މީޑިއާތައް ކޮމިޓީ އަށް ހާޒިރުކޮށް ބިލާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ދެނެގަނެވިފައިވާތީ އެވެ.