Roadha Mihaaru
އަބުރުގެ ބިލާ މެދު ޕީޕީއެމް ތެރޭގައި ހިޔާލު ތަފާތު!

އަބުރުގެ ބިލާ މެދު ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތު!

01 އޯގަސްޓް 2016

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލު ބަލައިގަތުމާ މެދު ރައްޔިތުންގެ މަޖިލިހުގައި މިހާރު ދަނީ ބަހުސް ކުރަމުންނެވެ. މި ބިލާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ވެސް އިއްޔެ ވަނީ ބާއްވާފަ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުގައި ބައެއް މެމްބަރުން ވަނީ މި ބިލުގައި ހުރި ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ ގޮތުން، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މިނިވަންކަން އެއްކޮށް ނައްތާލައި ރައްޔިތުންނަށް ބޮޑު މުސީބާތަކަށް ވާނެ ގޮތަށް ގާނޫނުތައް ހަދައިގެން ނުވާނެ އެވެ.

އޭނާ ވިދާޅުވީ ފާޑުކިޔާ ކޮންމެ މީހަކު ކަސްތޮޅު އެޅުވުމަކީ މި މުޖުތަމައުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ހަގީގަތަށް ވާހަކަ ދެއްކުމަކީ ސަރުކާރާ ދެކޮޅުވެރިވުން ކަމަށް ބެލުމަކީ ވެސް ފަގީރު ބުއްދީގެ އަހުލުވެރިންގެ ކަމެއް،" މުސްތަފާ ވިދާޅުވި އެވެ.

ބިލުގައި ހުރި ބައެއް މައްސަލަތައް އޭނާ ނެންގެވި އެވެ. އެ ގޮތުން، މުސްތަފާ ވިދާޅުވީ ޖޫރިމަނާ ކަނޑައަޅަނީ އެ ގައުމެއްގެ ރައްޔިތުންގެ މާލީ ތަނަވަސްކަމަށް ބަލައިގެން ކަމަށެވެ. މި ބިލުގައި 50،000 ރުފިޔާ އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައަޅާފައި ވާއިރު، ތިން އިރު ހަމައަށް ނުކައި އުޅޭ އެތައް ބަޔަކު ވެސް ރާއްޖޭގައި އަދިވެސް އެބަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހާ ބޮޑު ޖޫރިމަނާއެއް އޮތުމުން ގާޒީން ހަމަ އެ އަދަދުގެ ޖޫރިމަނާތައް ކުރުމުގެ ފުރުސަތު އޮތްކަން ދޭހަވާ ގޮތަށް ވެސް މުސްތަފާ ލިއުއްވި އެވެ.

ޕީޕީއެމްގެ ވައިބަ ގްރޫޕުގައި ބައެއް މެމްބަރުން ފޮނުއްވި މެސެޖުތަކެއް.

ޕީޕީއެމްގެ ވައިބަ ގްރޫޕުގައި ބައެއް މެމްބަރުން ފޮނުއްވި މެސެޖުތަކެއް.

އޭނާގެ އެ ވާހަކަ އަށް ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ގާނޫނުގެ ދަށުން ހުކުމް ކުރާނެ ގަވާއިދެއް އަބަދުވެސް ގެންގުޅޭ ކަމަށެވެ. ޖޫރިމަނާގެ މިންވަރު އެ ގަވާއިދުގެ ދަށުން ކަނޑައެޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށް ތާއީދު ނުކުރައްވާނެ ކަމަށް ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އަދި އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ މި ބިލާ ދެކޮޅު ހެއްދެވުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފާރިސްގެ ޓުވީޓު.

މުސްތަފާ އާއި ފާރިސްގެ އިތުރުން ވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ގެންދަވަނީ އަމިއްލަ ގޮތުން މި ބިލާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ. އެ ހުރިހާ މެމްބަރުންގެ ވެސް ކަންބޮޑުވުމަކީ މި ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަަމަށް ހުރަސް އެޅޭތީ އެވެ. ނަމަވެސް، ޕާޓީގެ ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕު ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވިޔަސް، ގިނަ މެމްބަރުން ތިއްބެވީ މި ބިލު ފާސްކުރާ ގޮތަށެވެ. ބިލު ހުށަހަޅާފައި އޮތް ގޮތަށް ފާސްކުރަން ބައެއް މެމްބަރުން ބާރު އަޅުއްވަމުން ގެންދެވިޔަސް، ބިލާ މެދު ހުރި ކަންބޮޑުވުންތަކަށް ބެލުމަށް ފަހު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރާނެ ކަމަށް ބިލު ހުށަހެޅުއްވި ޖައުފަރު ވަނީ ވިދާޅުވެފަ އެވެ.

އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ވަކި ޚަބަރުތަކެއް މީޑިއާތަކުން ގެނެސް ނުދެވޭ ފަދަ ގޮތެއް ހަދާފައިވުމުގެ އިތުރުން ހިޔާލު ފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓާފަ އެވެ.

ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.