Roadha Mihaaru
ޕީޕީއެމުން ފަޒާދު ވަކިކޮށްދިނުމަށް އެދި ސުލޫކީކޮމެޓީއަށް

ޕީޕީއެމުން ފަޒާދު ވަކިކޮށްދިނުމަށް އެދި ސުލޫކީ ކޮމެޓީއަށް ފޮނުވައިފި

05 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު އެ ޕާޓީން ވަކިކޮށްދިނުމަށް އެދި ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު އެ ޕާޓީން ވަކިކޮށްދިނުމަށް އެދި ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ފަޒާދުގެ އަމަލުތައް ހުރި ގޮތުން، އެ ކަންތައް ސާފުކުރުމަށް އޭނާއަށް ގުޅުމަށް މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ފޯނަށް ޖަވާބެއް ނުދެއްވުމުން، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގްރޫޕުން ފަޒާދު ބޭރުކޮށްފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމުން ފަޒާދު ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހެޅިއިރު، އޭނާ ގެންދަވަނީ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންނެވެ. އަދި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. އަތޮޅުގެ ހުރިހާ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގައި ފަޒާދު ބައިވެރިވަޑައިގަންނަވަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވެސް މިހާރު ފަޒާދު ވަނީ ވަކިކޮށްފަ އެވެ. އަދި އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވާފައިވާއިރު، ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމުން ފަޒާދު ވަކިކުރުމަށް ސުލޫކީ ކޮމެޓީން ފާސްކޮށް އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެންގުމާ އެކު، މަޖިލީހުގައި އޭނާ ތަމްސީލް ކުރައްވަމުން ގެންދަވާ ގޮނޑި ގެއްލޭނެ އެވެ. ޕާޓީން ވަކިކޮށް ނުވަތަ ވަކިކުރުމާ އެކު މިހާރު ވެސް ޕީޕީއެމްގެ 12 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. އެ ހުރިހާ ބޭފުޅުން މިހާރު މަސައްކަތް ކުރައްވަނީ އިދިކޮޅު ބޭފުޅުންނާ އެކު އެވެ.

"އަޅުގަނޑުމެން ޕާލިމަންޓް ގްރޫޕުގެ ފަރާތުން މިއަދު ވާނީ ފިޔަވަޅު އަޅާ ކޮމެޓީއަށް ސިޓީއަކުން ދަންނަވާފައި، އަލީ ފަޒާދު އަޅުގަނޑުމެންގެ ޕާލިމަންޓް ގްރޫޕް މެމްބަރެއްގެ ގޮތުގައި ހުރެ، ޕާޓީގެ އަސްލުތަކާ އުސޫލުތަކާ ހިލާފަށް އަމަލު ކުރަމުން ގެންދަވާތީ އަދި ފަހުގެ މަރުހަލާގައި ތަފާތު ގޮތްގޮތަށް އެމަނިކުފާނަށް ނަސޭހަތްދެވި، އެ ނަސޭހަތްތައް ގަބޫލު ނުުކުރައްވައި، އެ ކުރިއަށް ވަޑައިގެންނެވި ވަޑައިގަތުމުގައި މި ވަގުތު އަޅުގަނޑުމެންގެ ނިންމުމެއް ކަމުގައި ވެގެން މިދަނީ އަލީ ފަޒާދު އަޅުގަނޑުމެންގެ ޕާޓީގެ ޕާލިމަންޓް ގްރޫޕު މެމްބަރުކަމުން ވަކިކުރުން،" މިއަދުގެ ނިއުސް ބްރީފިންގައި ނިހާން ވިދާޅުވި އެވެ.