Roadha Mihaaru
ހިޔާލުފާޅުކުރުން ހަނިކުރާ ބިލްގެ ކޮމިޓީ ކެންސަލްކޮށްފި

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާ ކުރަން ފެށުމުގެ ބައްދަލުވުން ކެންސަލްކޮށްފި

07 އޯގަސްޓް 2016

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާ ކުރުމުގެ އަމަލީ މަސައްކަތް ފަށަން މިރޭ ބާއްވަން އުޅުނު ކޮމިޓީގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާ ކުރުމުގެ އަމަލީ މަސައްކަތް ފަށަން މިރޭ ބާއްވަން އުޅުނު ކޮމިޓީގެ ބައްދަލުވުން ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.

މިރޭ 8:30 ގައި ބާއްވަން ތާވަލްކުރި ބައްދަލުވުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާކުރުމަށް އެކުލަވައިލާފައިވާ 11 މެމްބަރުންގެ ވަގުތީ ކޮމިޓީގެ މެމްބަރަކު ކުރިން ވިދާޅުވީ، މިރޭ ބާއްވަން ކުރިން ތާވަލްކުރި ބައްދަލުވުމުގައި މެމްބަރުންނަށް ބިލާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް އާންމުންގެ ފަރާތުން އެއްވެސް ހިޔާލެއް ލިބިފައިވާ ނަމަ އެއީ "ބާތިލް" އެއްޗެއްގެ ގޮތުގަ އާއި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކުރަން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އަދި މިހާތަނަށް ހާޒިރުކުރަން ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ޕީޕީއެމްގެ ސާފު އަޣުލަބިއްޔަތު އޮންނަ ކޮމެޓީން ނިންމި އެވެ.

މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، ބައެއް ބައްދަލުވުންތަކަށް މީޑިއާތަކާއި ކޮމެޓީގައި ހިމެނިވަޑައިނުގަންނަވާ މެމްބަރުން ކޮމެޓީ އަށް ވަޑައިނުގެންނެވޭނެ ގޮތް ހެއްދެވުމަށް ދަގެނތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ގޮވާލައްވައިފަ އެވެ. އެކަމަކު ކޮމެޓީތައް ސިއްރު ކުރެވޭނީ އެ ދުވަހެއްގެ ބައްދަލުވުން ފެށުމާއެކު، މެމްބަރަކު އެގޮތަށް ހުށަހެޅުއްވުމުންނެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ލިބިއްޖެ ނަމަ، ކޮމެޓީގެ މުގައްރިރު އެ ހުށަހެޅުމަށް ވޯޓަށް އަހައި ފާސްވެއްޖެ ނަމަ، ކޮމެޓީ ބައްދަލުވުން ސިއްރު ކުރެވިދާނެ އެވެ. ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، މާދަމާ އަދި އަންނަ އަންގާރަ އާއި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގާނެތި، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ މެމްބަރުންނަށް އަންގަވައިފަ އެވެ. ނަމަވެސް އެއީ ކޮން ވޯޓެއް ކަމެއް ނިހާން ވިދާޅުވެފައެއް ނެތެވެ. އެކަމަކު "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގަ އާއި އަދި ވައިބަ ގުރޫޕްގައި އެބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ނިހާން އިޝާރާތް ކުރައްވާފައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް މަޖިލިހުން ފާސްކުރުމުގެ މައްސަލައަށެވެ. މިހާރުގެ ބިލްގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.