Roadha Mihaaru
އެންމެން ވެސް ރަނިން މޭޓުގެ އިންތިޒާރުގައި

އެންމެން ވެސް ރަނިން މޭޓުގެ އިންތިޒާރުގައި

13 ޖުލައި 2018

އަންނަ ސެޕްޓެމްބަރު 23 ގައި ރާއްޖޭގައި އޮންނަ ރިއާސީ އިންތިޚާބުގައި، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކޮށްލުމަށް އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ފެށުމާ އެކު، ވެރިކަން ކުރާ ޕާޓީން ބުނަމުން އައީ، އެ ޕާޓީތަކުގައި ހުރި އެއްބަސްވެވޭ ކަންތަކަށް ވުރެ އެއްބަސް ނުވެވޭ ކަންތައް ގިނަ ކަމަށެވެ. އަދި އަމުދުން ވެރިކަމުގެ ގޮނޑި ބޭނުންވާ ބޭފުޅުން އެއަށް ވުރެ ގިނަ ކަމަށެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އަންނަ ސެޕްޓެމްބަރު 23 ގައި ރާއްޖޭގައި އޮންނަ ރިއާސީ އިންތިޚާބުގައި، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކޮށްލުމަށް އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ފެށުމާ އެކު، ވެރިކަން ކުރާ ޕާޓީން ބުނަމުން އައީ، އެ ޕާޓީތަކުގައި ހުރި އެއްބަސްވެވޭ ކަންތަކަށް ވުރެ އެއްބަސް ނުވެވޭ ކަންތައް ގިނަ ކަމަށެވެ. އަދި އަމުދުން ވެރިކަމުގެ ގޮނޑި ބޭނުންވާ ބޭފުޅުން އެއަށް ވުރެ ގިނަ ކަމަށެވެ.

އެހެންކަމުން، ރައީސް ޔާމީނާ ވާދަކުރެއްވުމަށް ހުރިހާ ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމުގެ ވާހަކައަކީ ހުވަފެނެއް ކަމަށް ސަރުކާރުގެ ބައެއް ވެރިން ވެސް އަދި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ގެންދެވީ ވިދާޅުވަމުންނެވެ.

އެ ހުރިހާ ފާޑުކިޔުންތަކަށް ބެލުމެއް ނެތި، އެތައް މަޝްވަރާތަކަކާއި އެތައް ދޫދިނުންތަކަކަށް ފަހު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިއާސީ ކެންޑިޑޭޓަކަށް ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް މިހާރު އެ ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އަދި އޭނާއާ އެކުގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް މިހާރު މިވަނީ ހަތަރު ވަރަކަށް ގަޑިއިރަށް ވެފަ އެވެ.

ވެއަތުވެ ދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ނިއުޅެމުން ދިޔައީ ސަރުކާރުން ވެސް އުންމީދުކުރި ގޮތަކަށް ނޫނެވެ. އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ނަންފުޅު އަނބުރާ ގެންދަވައި، ގުޅިފައިވާ ކޯލިޝަންގެ ރިއާސީ ކެންޑިޑޭޓަކު ކަނޑައެޅުން އެމްޑީޕީ އަށް ދޫކޮށްލުމަށް ވެސް އެއްބަސްވި އެވެ. އަދި ރަނިން މޭޓަކު ކަނޑައެޅުން ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލީ އެވެ.

އެހެންކަމުން ރިއާސީ ރަނިން މޭޓު ކަނޑައެޅުން، ޖުމްހޫރީ ޕާޓީގެ މިރޭގެ ކައުންސިލް ބައްދަލުވުމުގައި އޮންނާނެ އެވެ. އެ މަގާމަށް ވާދަކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ވެސް، ސިޔާސީ ގޮތުން ރާއްޖޭގައި ނަން މަޝްހޫރު ބޭފުޅުންނެވެ.

އެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން، އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނސްޓަރު އަބްދުﷲ އަމީނެވެ.

ފައިސަލް ނަސީމް

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލުކުރެއްވި ނަމަވެސް ފައިސަލް ނަސީމަކީ ފުވައްމުލަކަށް އުފަން ބޭފުޅެކެވެ. ސިޔާސީ ހަރަކާތުގެ އިތުރުން އަމިއްލަ ވިޔަފާރީގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ފައިސަލްއަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ. ރައީސް ޔާމީންގެ ވެރިކަން ފެށިގެން އައި އިރު، ޖުމްހޫރީ ޕާޓީ ވެސް އޮތީ ޕީޕީއެމާ އެކު ކޯލިޝަން ހަދައިގެންނެވެ.

އޭރު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އެެއްކޮޅަށް މަސައްކަތް ކުރެއްވި ނަމަވެސް، ޖުމްހޫރީ ޕާޓީ ވެސް ސަރުކާރާ ވަކިވެ މަޖިލީހުގައި އިދިކޮޅު ޕާޓީއަަކަށް ވުމުން، ފައިސަލް ވެސް މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދެވީ އިދިކޮޅު ފިކުރުގަ އެވެ. ވެއަތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިދިކޮޅު މެމްބަރުން ހިންގެވި އިސްލާހީ ހަރަކާތުގައި ފައިސަލް ވެސް މުހިންމު ދައުރެއް އަދާ ކުރެއްވި އެވެ.

މަޖިލީހަށް އިންތިޚާބު ވުމަށް ފަހުގައި ވެސް ފައިސަލް އަކީ އިޖްތިމާއީ އެހީތެރިކަމުގައި ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ވަކިން ޚާއްސަކޮށް އޭނާގެ ދާއިރާގެ ދެ ރަށް ކަމަށްވާ ކ. ގާފަރާއި ކާށިދޫގައި އޭނާ ހިންގަވާ އިޖްތިމާއީ އެހީތެރިކަމުގެ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ. އަދި އޭނާގެ އުފަން ފުވައްމުލަކަށް ވެސް ދޭތެރެ ދޭތެރެ އިން އެ ފަދަ ޚިދުމަތްތައް ކުރައްވަ އެވެ.

ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުވައްމުލަކު ދާއިރާއަށެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި ވާދަކުރައްވައިގެން 2014 ވަނަ އަހަރު ކާށިދޫ ދާއިރާ އަށް އިންތިޚާބުވި އެވެ. މިހާތަނަށް ވެސް އޭނާ ހުންނެވީ އެ ޕާޓީގަ އެވެ.

އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލު ކުރައްވާ އަލީ ހުސައިނަކީ ބ. ކެންދު އަށް އުފަން ބޭފުޅެކެވެ. މަޝްހޫރު ގާނޫނީ ވަކީލެއްމެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އަލީ ހުސައިން ފާހަގަ ކުރެވިފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ވިސްނުމަށް ވުރެ ބޮޑަށް، އޭނާ ގަބޫލުކުރައްވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް މަޖިލީހުގެ ތަޅުމުގައި ވަކާލާތު ކުރައްވައި ވޯޓު ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ އިސްލާހީ ހަރަކާތްތަކުގައި އަލީ ހުސައިނަކީ ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އޭގެ އިތުރުން ވެއަތުގެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އޭނާ އެންމެ ބޮޑަށް ފެނިފައިވަނީ، މަޖިލީހުން ވަކިވެފަައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ހައްގުތައް ހޯއްދަވައިދެއްވުމުގެ މަސައްކަތުގެ ތެރެއިންނެވެ.

އަލީ ހުސައިން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި ވާދަކުރައްވައިގެން 2014 ވަނަ އަހަރު އެވެ. މިހާތަނަށް ވެސް އޭނާ ހުންނެވީ އެ ޕާޓީގަ އެވެ.

ޑރ. ހުސައިން ރަޝީދު ހަސަން

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ޑރ. ހުސައިން ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން ޑރ. ވަހީދުގެ ވެރިކަމުގައި ވެސް ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރެއްވި އެވެ.

ރައީސް ޔާމީން ވެރިކަމަށް އިންތިޚާބު ކުރުމަށް ޖުމްހޫރީ ޕާޓީން ޕީޕީއެމާ އެކު ކޯލިޝަން ހަދަން ނިންމި އިރު، ޖޭޕީގެ ތެރެއިން އެކަމަށް ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުސައިން، މި ވެރިކަމުގައި ސަރުކާރުގެ އެއްވެސް މަގާމެއް އަދައެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި އޭނާ ދެމިހުންނެވީ ޖުމްހޫރީ ޕާޓީ ހިންގުމުގެ އިސް ސަފުގައި އެ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގަ އެވެ.

މިއަދުގެ ނިއުސް ބްރީފިން ގައި އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދުގެ ނިއުސް ބްރީފިން ގައި އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަބްދުﷲ އަމީން

އަމީނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ގުޅިވަޑައިގެން އުފެއްދެވި ނިއު މޯލްޑިވްސްއާ އެކު 2008ގެ ރިއާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މަގާމު ފުރުއްވުމަށް ފަހު، މާ ގިނަ ދުވަސްތަކެއް ނުވެ އިސްތިއުފާ ދެއްވި އެވެ.

އޭގެ ފަހުން ޑރ. ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު ފުރުއްވި އެވެ. ނަމަވެސް ނައިބު ރައީސް ޑރ. ޖަމީލާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި އަމީން ވަނީ އަމިއްލަ އަށް ސަރުކާރުން ވަކިވެވަޑައިގެންފަ އެވެ. އެއަށް ފަހު ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެއްވުމަށެވެ.

ޕީޕީއެމްގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ ދުވަސްތަކެއް ފަހުން، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އިދިކޮޅު ރިއާސީ ކެންޑިޑޭޓް އިބޫ މިއަދު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން އިބޫ އަށް މަރުހަބާ ދަންނަވަނީ.

އިދިކޮޅު ރިއާސީ ކެންޑިޑޭޓް އިބޫ މިއަދު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން އިބޫ އަށް މަރުހަބާ ދަންނަވަނީ.

ރަނިންމޭޓަކަށް ވާނީ ކޮން ބޭފުޅެއް؟

ރަނިން މޭޓްގެ މަގާމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންނަކީ ވެސް، އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އާންމުންގެ ތެރޭގައި އެންމެ ބޮޑަށް އަޑު ފެތުރުނު ބޭފުޅުންނެވެ. އެ ބޭފުޅުންގެ ސިޔާސީ ތަޖުރިބާ އާއި ގައުމީ ޚިދުމަތާ ދޭތެރޭ ސުވާލެއް ނުއުފެދުނު ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ތެރޭގައި ސިޔާސީ އޮއިވަރު ބަދަލުވަމުންދާ ގޮތުން، އޭގެ ތެރެއިން ރަނިން މޭޓަކަށް ވާނީ ކާކުތޯ ސުވާލު އުފެދެ އެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދާ ހަމައަށް ތާއީދު ކުރެއްވީ ފައިސަލް ނަސީމަށެވެ. އޭނާ އެ މަގާމަށް ހޮވައިދިނުމަށް އެދި އެ ޕާޓީގެ ކައުންސިލްގެ މެމްބަރުންނަށް ވަކިވަކިން މެސެޖް ވެސް ފޮނުއްވވި އެވެ.

އެއާ ޚިލާފަށް، އިދިކޮޅު ކެންޑިޑޭޓް ނިސްބަތްވާ އެމްޑީޕީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަމުން ދިޔައީ، އަލީ ހުސައިނަށެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން އަލީ ހުސައިނަށް ކުރަމުން ދިޔަ ތާއީދަކީ، ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީ ވެސް އެދޭ ގޮތް ކަމަށް ބައެއް މީހުން ބުނެ އެވެ.

ނަމަވެސް، ރަނިން މޭޓް ކަމަށް ކުރިމަތި ލުމުގެ ވަގުތު ހަމަވާން ދަނިކޮށް ކުއްލި ގޮތަކަށް ފެނިގެން ދިޔައީ ގާސިމާއި ނަޝީދު ކުރެއްވި ދެ ޓުވީޓެވެ. ގާސިމް ވިދާޅުވީ އޭނާ ފައިސަލަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވީ ކަމަށެވެ. އޭގެ ބަދަލުގައި ގާސިމް އެދިވަޑައިގަތީ ޖޭޕީގެ ކައުންސިލްގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ.

ގާސިމް ކުރެއްވި ޓުވީޓް

އޭގެ އިތުރުން ނަޝީދު ކުރެއްވި ޓުވީޓުން ވެސް ދޭހަވީ ވަކި ބޭފުޅަކު ރަނިން މޭޓްގެ މަގާމަށް ހޮވުމުގެ ވިސްނުމެއް ނެތް ކަމެވެ. އެ މަނިކުފާނު ވިދާޅުވީ ޖޭޕީގެ ކައުންސިލްގައި ނަގާ ވޯޓުގައި ކޮންމެ ބޭފުޅަކު އިންތިޚާބު ވިޔަސް، އެމަނިކުފާނާއި އެމްޑީޕީން ވެސް އެކަން ބަލައިގަންނާނެ ކަމަށެވެ.

ނަޝީދު ކުރެއްވި ޓުވީޓް

އިދިކޮޅު ރަނިން މޭޓްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބި އިރު، އިދިކޮޅު ރިއާސީ ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް، (އިބޫ) މިހާރު ގެންދަވަނީ އައްޑޫގައި ކެމްޕޭން ކުރައްވަމުންނެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދޮރުން ދޮރަށް ކެމްޕޭން ކުރެއްވުމަށް ފަހު މާދަމާ ފުވައްމުލަކަށް އިބޫ ވަޑައިގަންނަވާނެ އެވެ. އިބޫ އެ ދަތުރު ނިންމަވައިލެއްވުމަށް ފަހު އެނބުރި އައްޑު އަށް ވަޑައިގެން ކެމްޕޭން ކުރެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ އާދީއްތަ ދުވަހު އެވެ.