Roadha Mihaaru
ލަހެއް ނުވެ ޖޭޕީން ރަނިން މޭޓަކު ކަނޑައަޅާނެ

ލަހެއް ނުވެ ޖޭޕީން ރަނިން މޭޓަކު ކަނޑައަޅާނެ: ޑރ. ހުސެއިން

01 ޖުލައި 2018

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ލަސްތަކެއް ނުވެ ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު، ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ލަސްތަކެއް ނުވެ ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު، ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް ކޯލިޝަން އެކުގައި ތިބެ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު އަދި ޖޭޕީން ނައިބު ރައީސަކު ނެރެން ވަނީ އެއްބަސްވެފަ އެވެ. މި އެއްބަސްވުމާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްކޮށްފަ އެވެ. ދެން އޮތީ، އިބޫގެ ރަނިން މޭޓަކު ޖުމްހޫރީ ޕާޓީން ކަނޑައެޅުމެވެ.

ނައިބު ރައީސަކަށް އެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއްގެ ޝައުގުވެރިކަން ހުރިއިރު، ނައިބު ރައީސަކަށް އެންމެ ކަމުދާ ބޭފުޅުންގެ ނަންތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ އާއްމުކުރަމުންނެވެ.

ޖޭޕީ ކޮންގްރެސް ނިންމުމުގެ ހަފްލާގައި (ކ-ވ) ފަޔާޒް އާއި އަމީން އާއި ޑރ. ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޖޭޕީ ކޮންގްރެސް ނިންމުމުގެ ހަފްލާގައި (ކ-ވ) ފަޔާޒް އާއި އަމީން އާއި ޑރ. ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޖުމްހޫރީ ޕާޓީން އެ މަގާމަށް އައްޔަންކުރަން، އެ ޕާޓީގެ އާއްމު މެމްބަރުންނާއި ސިޔާސީ ކަންކަމަށް ޝައުގުވެރިވާ މީހުން އަންނަނީ ނަންތަކެއް ހުށަހަޅަމުންނެވެ. އެންމެ ބޮޑަށް ބަހުސްކުރެވޭ ނަންތަކުގެ ތެރޭގައި ގާނޫނު ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތގައި ތިއްބެވި ހުސެއިން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފަޔާޒް އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރާއި އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) ހިމެނެ އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ނައިބު ރައީސަކު ކަނޑައަޅާނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލުންނެވެ. އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ކައުންސިލް ބައްދަލުވުމެއް ބާއްވަން ވަރަށް އަވަހަށް އެޖެންޑާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަގާމަށް ޝައުގުވެރިވާ ގިނަ ފަރާތްތަކެއް ތިބުމާއެކު، އެ ހުރިހާ ފަރާތެއްގެ ވެސް މަސްލަހަތު ހުރި ގޮތަށް ދާނީ. އަސާސީ ގަވާއިދުގައި އެބައޮތް އެކަން ކުރިއަށް ގެންދަންވީ ގޮތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނައިބު ރައީސަކު ކަނޑައެޅުމާ ގުޅޭގޮތުން އެ ޕާޓީގެ ތެރޭގައި އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އެ މަގާމަށް ޝައުގުވެރިވާ ބޭފުޅުންނަކީ، ސިޔާސީ ގޮތުން ވިސްނުންތޫނު، އަޚުލާގު ރަނގަޅު ބޭފުޅުން ކަަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރު، 23، ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރައްވާފައި ވަނީ، ރައީސް ޔާމީންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ހުސެއިން ޝުޖާއު އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ، މި މަހުގެ 15 ގައި، އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ ގޮތަށެވެ. އެކަމަކު އެ މުއްދަތު މި މަހުގެ 22 ނުވަތަ 23 އަށް ފަސްވެދާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.