Roadha Mihaaru
އެއް ކެންޑިޑޭޓް ފޯމިއުލާ - ފަސޭހައެއް ނުވާނެ

އެއް ކެންޑިޑޭޓް ފޯމިއުލާ - ފަސޭހައެއް ނުވާނެ

19 ނޮވެމްބަރ 2017

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް، އެ ހަރަކާތުގެ އިސް ހަތަރު ލީޑަރުން ގާތްގަނޑަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ. މިހާތަނަށް އެންމެ ސާފުކޮށް އެކަން އިއުލާން ކޮށްފައި ވަނީ އެމްޑީޕީން ކަމަށް ވާއިރު، އަދާލަތު ޕާޓީން ނިންމާފައި ވަނީ ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރުމަށެވެ. ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ ފަރާތްތަކުން އަދި މި މައްސަލާގައި އެއްވެސް ގޮތެއް ނުނިންމަ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް، އެ ހަރަކާތުގެ އިސް ހަތަރު ލީޑަރުން ގާތްގަނޑަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ. މިހާތަނަށް އެންމެ ސާފުކޮށް އެކަން އިއުލާން ކޮށްފައި ވަނީ އެމްޑީޕީން ކަމަށް ވާއިރު، އަދާލަތު ޕާޓީން ނިންމާފައި ވަނީ ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރުމަށެވެ. ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ ފަރާތްތަކުން އަދި މި މައްސަލާގައި އެއްވެސް ގޮތެއް ނުނިންމަ އެވެ.

ނަމަވެސް ފެންނަ ފެނުމާއި އިވޭ އަޑުތަކަށް ބަލާއިރު، އެއް ކެންޑިޑޭޓަކު ނެރުމުގައި އުނދަގޫތަކެއް ކުރިމަތި ނުވެ ނުދާނެ އެވެ. ސަބަބަކީ ރައީސް ޔާމީނާ އިދިކޮޅުން ވާދަކުރާނެ ކެންޑިޑޭޓަކަށް ވުމަށް ވަރުގަދަ ދެ ލީޑަރެއްގެ ނަން ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ބަޔަކު ސަޕޯޓް ކުރާ ބައެއްގެ ލިސްޓުގައި ހިމަނާފައިވާތީ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އިންތިޚާބަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން އެ ޕާޓީތަކުގެ އިސް ވެރިން ފާޅުގައި ވިދާޅުވަމުން ގެންދަވާއިރު، މިއީ ނިންމަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެމްޑީޕީން ވެސް ނަޝީދު ނޫން ކެންޑިޑޭޓެއް ދައްކާނީ އެ ފުރުސަތު ޝަރުއީ ނިޒާމުގެ ތެރެއިން ނުލިބޭނެކަން ޔަގީންވުމުންނެވެ. ގާސިމްގެ ސަޕޯޓަރުން ވެސް ތިބީ ހަމަ އެގޮތުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު މި ރިޔާސީ އިންތިޚާބުގައި ނުކުންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ލީޑަޝިޕުން ދޭތާ ކިތަންމެ ދުވަހެކެވެ. އަދިވެސް ޖުމްހޫރީ ޕާޓީގެ އެ ސްޓޭންޑް ބަދަލެއް ނުވެ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ގާސިމްގެ "ބަސް" އިއްވާ ބޭފުޅެއްގެ ގޮތުގައި ސިޔާސީ ދާއިރާގައި މަޝްހޫރު ވެފައިވާ އަމީން އިބްރާހީމް ދާދި ފަހުން ވީޓީވީގައި ދެއްކެވި ވާހަކަތަކުން ވެސް އެކަން ވަރަށް ސާފެވެ. އޭނާ ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވެސް އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ކެންޑިޑޭޓަކަށް ވާން ޖެހޭނީ ގާސިމް ކަމަށެވެ. އެހެންވެ އެ ފުރުސަތު އެހެން ބޭފުޅަކަށް ދޭނީ ގާސިމަށް އެއްކޮށް މަގު ބަންދުވުމުންނެވެ. ގާސިމަށް މަގު ބަންދު ވިޔަސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ހުރި ކަމަށް ބެލެވެ އެވެ.

ނަޝީދާއި ގާސިމް ވެސް ތިއްބެވީ ގާތްގަނޑަކަށް އެއް ހާލަތެއްގަ އެވެ. އެއީ ދިގު މުއްދަތުގެ ޖަލު ހުކުމެއްގަ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އައިސްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުން ނޫން ގޮތެއް ނެތެވެ.

ރައީސް ޔާމީން ކޮންމެވެސް "ރަހުމަތަކުން" ނަޝީދާއި ގާސިމަށް މާފު ދެއްވިޔަސް ގާނޫނުތައް ހުރި ގޮތުން، ފަސް އަހަރު ފަހުން ނޫނީ އިންތިޚާބަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެހެންވެ އެ ދެ ބޭފުޅުންނަށް ވެސް ރާއްޖޭގެ އެންމެ މަތީ ކޯޓު ތެރެއިން ގޮތްތަކެއް ނިމެން ޖެހެ އެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫނާއި ގާސިމް ސަލާމް ކުރައްވަނީ.---މިހާރު ފައިލް ފޮޓޯ

ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫނާއި ގާސިމް ސަލާމް ކުރައްވަނީ.---މިހާރު ފައިލް ފޮޓޯ

ނަޝީދުގެ އިތުރުން ގާސިމަށް އަދި އެހެން ގޮތަކުން ވެސް ފުރުސަތު ހަނިވެ އެވެ. އެއީ އުމުރުގެ މައްސަލަ އެވެ. ގާސިމަށް 65 އަހަރު ވެފައިވާއިރު، ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން އޭނާ އަށް ރިޔާސީ އިންތިޚާބުން ފުރުސަތެއް ލިބިވަޑައިނުގަންނަވާނެ އެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިޚާބަށް ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައީ ވެސް ގާސިމަށް ފުރުސަތު ބަންދު ކުރުމަށް ކަމަށް އޭރު ވެސް ކިޔަމުން އައެވެ. އެހެންވީމާ ގާސިމަށް ކުރިމަތިލެވޭނީ އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ނުވަތަ ސުޕްރީމް ކޯޓުން ބާތިލް ކުރުމަށް ފަހު އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ވެސް ދެ ބޭފުޅުން ވެސް ތިއްބެވީ ހަމަ އެއް ހާލަތެއްގަ އެވެ. އިންތިޚާބަށް ކުރިމަތިލައްވަން ނިންމެވިޔަސް އަދި އެ ފޯމިއުލާއިން ކިތަންމެ ގިނަ ވޯޓެއް ދެ ބޭފުޅުން ހޯއްދެވިޔަސް އިތުރު މަރުހަލާތައް ގިރާ ކުރައްވައިގެން ނޫން ގޮތަކަށް ވޯޓު ކަރުދާސްކޮޅުން ދެ ބޭފުޅުންނަށް ޖާގައެއް ނުލިބޭނެ އެވެ. ސުވާލަކީ ނަޝީދާއި ގާސިމަށް ޝަރުއީ ނިޒާމުގެ ތެރެއިން އެ ފުރުސަތު ލިބޭނީ ކޮން ގޮތަކުން ބާވަ އެވެ؟ ދެ ބޭފުޅުންނަށް ހުކުމް އައި ގޮތަށް ބަލާއިރު ކާމިޔާބުވެދާނެ ބާވަ އެވެ؟

"ރައީސް ނަޝީދާއި ގާސިމަށް ވެސް އިންތިޚާބަށް ކުރިމަތިލުމަށް މަގުފަހިވާން ޖެހޭ ކަންކަން ތަފާތު. ގާސިމަކީ ޖުޑިޝަރީ އާއި ސިފައިންނާއި ފުލުހުންގެ ސިމްޕަތީ [ކޮންމެވެސް ވަރަކަށް] ލިބޭ ބޭފުޅެއް ކަމަށް ވެފައި މި އޮންނަނީ. އެހެންވީމާ ގާސިމަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ކައިރި ކަމެއް،" އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.

"މި ރާއްޖޭގައި ކަމެއް ބަދަލުވާން ނަގާފާނެ ބައި ގަޑިއިރު ވެސް. މި ދެންނެވި ސިމްޕަތީގެ ތެރެއިން ގާސިމަށް ފުރުސަތު ފަހިވެދާނެ ކަމަށް އޭނާގެ އަރިސް ބޭފުޅުން ދެކެވަޑައިގަންނަވާ."

އޭނާގެ ވިސްނުމުގައި ގާސިމާ ތަފާތުުކޮށް، ނަޝީދަށް އިންތިޚާބުން ފުރުސަތެއް ލިބިވަޑައިގަންނަވާނީ ބައިނަލްއަގްވާމީ ފިއްތުންތައް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ކުރިމަތި ކޮށްގެންނެވެ. އެ ފިއްތުންތަކަކީ ނަޝީދު ގެންގުޅުއްވާނެ ވަރަށް މުހިންމު ހަތިޔާރެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި، އިދިކޮޅު ހަރަކާތުގެ އިސް މެމްބަރު ވިދާޅުވި އެވެ.

"ޚާއްސަކޮށް ސައޫދީ އަރަބިއްޔާގެ ސިޔާސީ މަސްރަހަށް އެ އަންނަ ބަދަލާއި މެދުއިރުމަތީގެ ސިޔާސީ ކަންކަމަށް މި އަންނަ ބަދަލު މިހާރު ވަރަށް މުހިންމު ދައުރެއް ކުޅޭނެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރައްވާ، ދުނިޔޭގެ މުއްސަނދި ވިޔަފާރިވެރިންނާއި ނުފޫޒު ގަދަ ފަރާތްތަކުން ސައޫދީއާ އޮންނަ ގުޅުން ބަދަހި ކުރާ ވަރަކަށް ރައީސް ނަޝީދުގެ އުއްމީދު ދާނީ މައްޗަށް. އެ ޕްރެޝަރު ރައީސް ޔާމީންގެ މައްޗަށް ކުރިމަތި ކޮށްގެން، އިންތިޚާބުން ފުރުސަތު ހޯއްދަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ރައީސް ނަޝީދަށް ދިވެހި ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީ ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށް. އަދި ރައީސް ޔާމީން ކޮންމެވެސް ގޮތަކުން ބޭނުންފުޅުވެގެން ރައީސް ނަޝީދަށް ފުރުސަތު ދެއްވަން އުޅުއްވިޔަސް އެ ގޮންޖެހުން [ސިފައިންނާއި ފުލުހުންނާއި ޖުޑީޝަރީ] ކުރިމަތިވާނެ ކަމަށް ބެލެވޭ."

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު ޕްރިންސް މުހައްމަދާއި އިނގިރޭސި ވިލާތުގެ މަޝްހޫރު ވާޖިން ގްރޫޕުގެ ޗެއާމަން ބިލިއަނާ ރިޗަޑް ބްރެންސަން ދާދި ފަހުން ބައްދަލުކުރައްވަނީ: ތިމާއްޓަށް މަސައްކަތްކުރާ މިފަދަ މުއްސަނދިންނާ ސައޫދީއާ އޮންނަ ގުޅުން ބަދަހިވުމަކީ ނަޝީދަށް ފުރުސަތު ފަހިވާނެ ކަމެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނޭ.

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު ޕްރިންސް މުހައްމަދާއި އިނގިރޭސި ވިލާތުގެ މަޝްހޫރު ވާޖިން ގްރޫޕުގެ ޗެއާމަން ބިލިއަނާ ރިޗަޑް ބްރެންސަން ދާދި ފަހުން ބައްދަލުކުރައްވަނީ: ތިމާއްޓަށް މަސައްކަތްކުރާ މިފަދަ މުއްސަނދިންނާ ސައޫދީއާ އޮންނަ ގުޅުން ބަދަހިވުމަކީ ނަޝީދަށް ފުރުސަތު ފަހިވާނެ ކަމެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނޭ.

ނަޝީދާއި ގާސިމަށް ވެސް އިންތިޚާބާ ހަމައަށް ވަޑައިގެންނެވޭނީ ބޮޑެތި ގުރުބާނީތަކެއް ވެގެންނެވެ. ރައީސް ޔާމީން އަދި ސަރުކާރުގެ ވިސްނުން ގެންގުޅޭ ގޮތަށް ބަލާއިރު، ނަޝީދާއި ގާސިމަށް ފުރުސަތު ދިނުމަކީ ދުރުގައިވާ ކަމެއް ކަމަށް ދެކޭ އެތައް ބަޔަކު އެބަ ތިއްބެވެ. ވެރިކަންކުރާ ޕާޓީގެ ތެރެއިން މިހާރު ވެސް ފާޅުގައި އެ ބުނަނީ ނަޝީދަށް ފުރުސަތު ނެތް ވާހަކަ އެވެ. ގާނޫނުތައް ތަން ނުދޭ ވާހަކަ އެވެ.

އިދިކޮޅު ހަރަކާތުގެ އިސް ބޭފުޅަކު ވިދާޅުވީ ނަޝީދު ރިޔާސީ އިންތިޚާބަށް ނުކުންނަވާ ނަމަ ހަމަ އެ ފުރުސަތު ގާސިމަށް ވެސް އޮންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ދެކޭ ކަމަށެވެ. ހަމަ އެ ވިސްނުން މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ވެސް ގެންގުޅޭ ކަމަށް ވެ އެވެ.

"ރައީސް ނަޝީދު ބޭނުންފުޅުވަނީ އިދިކޮޅުން ނުކުންނަ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ކޯލިޝަންގެ ވޯޓުން ހޮވުން. ބޭނުމަކީ އެއީ އިދިކޮޅު ކެންޑިޑޭޓު ކަމަށް ބައިނަލްއަގްވާމީ ދުނިޔެ އަށް ދެއްކުމަށް ފަހު، ސަރުކާރަށް ޕްރެޝަރު ކޮށްގެން ހުކުމުން ސަލާމަތްވުން،" އިދިކޮޅު ހަރަކާތުގެ އެތެރޭގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"އެކަމަކު އެކަމަށް ވަގުތު ދީ، ކާމިޔާބު ނުވެއްޖެ ނަމަ އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދޭކަށް ރައީސް ނަޝީދު ދެކޮޅެއް ނުހައްދަވާނެ. ބެލެވޭ ގޮތުން ފުރަތަމަ ކަމަކީ މިނިވަންވުން. ރައީސް ނަޝީދު ކުރިމަތިލައްވާތީ، ގާސިމްގެ ސަޕޯޓަރުން ވެސް ގާސިމް ނުކުމެވަޑައިގަތުމަށް އަޑު އުފުލަނީ."

ނަޝީދާއި ގާސިމާ ހަމައިން ވެސް އަދި މިކަން ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. މައުމޫނަކީ ވެސް ސިޔާސީ ގޮތުން ވަރުގަދަ އަދި ކޯލިޝަންގެ ތެރޭގައި ބަސްވިކޭ، އިސް ލީޑަރެއް ކަމުން އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ވެސް އޮންނާނެ އެވެ. ސިޔާސީ މަސްރަހުގެ ކަންކަން ބަލާ ފަރާތްތަކުން ބުނާ ގޮތުގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަށް ނައިބު ރައީސްކަން ލިބިވަޑައިގަންނަވާ ގޮތަށް މައުމޫން މަސައްކަތްޕުޅު ކުރެއްވުމަކީ ވެސް ވުން ކައިރި ކަމެކެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން މިހާތަނަށް މައުމޫން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކެންޑިޑޭޓަކު ކަނޑައަޅާނެ ރަނގަޅު ފޯމިއުލާއެއް ހޯދިދާނެތަ؟

އެއް ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާ މިހާތަނަށް ކަނޑައަޅާފައި ވަނީ އެމްޑީޕީން އެކަންޏެވެ. އެ ޕާޓީން ނިންމާފައިވާ ގޮތުން ނަމަ އެކަން ކުރާނީ އިދިކޮޅު ހަރަކާތުގެ މެދުގައި ނަގާ ޕްރައިމަރީއަކުންނެވެ.

އެކަމަކު މިއީ މި ހަރަކާތުގައި ދެން ތިބި ސިޔާސީ ފަރާތްތަކުން އެއްބަސްވާނެ ކަމެއް ކަމަކަށެއް ނުބެލެވެ އެވެ. މިހާރު ވެސް ނުރަސްމީ ފޯރަމްތަކުގައި އެ މަޝްވަރާތަކުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ވިސްނުން ތަފާތެވެ. އެބޭފުޅުންގެ ވިސްނުމުގައި އެއީ ކަމުދާ ފޯމިއުލާއެއް ނޫނެވެ.

"އެއީ އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ގޮންޖެހުމެއް ކުރިމަތިވެދާނެތީ ނެރެގެން އުޅޭ ފޯމިއުލާއެއް. އެއީ މި ކޯލިޝަންގެ ތެރޭގައި ހިނގާނެ ފޯމިއުލާއެއް ނޫން،" އިދިކޮޅު ހަރަކާތުގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

އެމްޑީޕީ ފިޔަވައި އިދިކޮޅު ހަރަކާތުގައި ދެން މަސައްކަތް ކުރައްވާ އިސް ބޭފުޅުންގެ ވިސްނުމުގައި އެއް ކެންޑިޑޭޓަކު ކަނޑައަޅަން ވާނީ ނަޝީދާއި ގާސިމާއި މައުމޫން އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މެދުގައި ކުރާ މަޝްވަރާއަކުންނެވެ. މާނައަކީ ސިޔާސީ ހުރިހާ ދިމާއަކަށް ވެސް ނަޒަރު ހިންގައިގެން، ލީޑަރުން ގޮތް ދޫކުރައްވައިގެންނެވެ.

"ފޯމިއުލާ ނެރޭނީ ޕާޓީތަކުގެ ލީޑަރުންނާއި ޕާޓީތަކުގެ ނުފޫޒު ގަދަ ފަރާތްތަކުގެ މެދުގައި ކުރާ މަޝްވަރާއަކުން. އެއް ކެންޑިޑޭޓެއްގެ ފޯމިއުލާ އަންނާނީ އެއްގޮތަކަށް ވެސް އެމްޑީޕީން ނެރޭ ފޯމިއުލާއަކުންނެއް ނޫން،" އިދިކޮޅު ހަރަކާތުގެ އިސް އެހެން ބޭފުޅަކު ވިދާޅުވި އެވެ.

އިދިކޮޅު ހަތަރު ލީޑަރުން: އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާ މެދު އަދި ގޮތެއް ނުނިންމާ.

އިދިކޮޅު ހަތަރު ލީޑަރުން: އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާ މެދު އަދި ގޮތެއް ނުނިންމާ.

އެމްޑީޕީގެ ވިސްނުމަކީ ވެސް އެއީ އެވެ. އެއް ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެމްޑީޕީން ނިންމާފައި ވިޔަސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމަން އެ ޕާޓީން ވެސް ބޭނުންވަނީ އިދިކޮޅު ހަރަކާތުގެ އެހެން ފަރާތްތަކާ އެކު ކުރާ މަޝްވަރާގެ އަލީގަ އެވެ.

ޕްރައިމަރީއަކުން އެއް ކެންޑިޑޭޓަކު ކަނޑައަޅާ ނަމަ، ޕާޓީގެ މެމްބަރުންގެ އަދަދަށް ބަލާއިރު، އެކަން އެންމެ ފަސޭހައިން ވާން އޮތީ އެމްޑީޕީ އަށެވެ. އެއީ އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށް ވުމުންނެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތު އެއްކޮށްލީމާ ކިރިޔާ 20،000 މެމްބަރުން ހަމަވަނީ އެވެ. މައުމޫންގެ ފަހަތުގައި ތިބި މެމްބަރުންގެ އަދަދު އެނގޭނެ ލިސްޓެއް ވެސް ނެތެވެ. އެހެންވެ ޕްރައިމަރީ ބޭއްވުމުގެ ފޯމިއުލާއާ މެދު ވެސް ސުވާލުތަކެއް މިހާރު ވެސް އެބަ އުފައްދަ އެވެ.

ރައީސް ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިކުރުމަކީ އިދިކޮޅު ފަރާތްތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބުނާއިރު، އެ މަގުން ދަތުރުކުރުމުގެ ފުރަތަމަ ބައި ވެސް ގިރާކޮށް އަދި ނުނިމެ އެވެ. އެކަމަކު އޭގެ މާނަ އަކީ ގޮތެއް ނުފެނި މަގު ބަންދުވުން ކަމަށް ބުނުން މާ އަވަހެވެ.