10 އޮކްޓޯބަރ 2018
ގާނޫނީ ގޮތުން ބަންދުން މިނިވަން ވުމަށް ފަހު ނޫނީ ރާއްޖެ ވަޑައިނުގަތުމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ގޮވާލައްވައިފި އެވެ.
ގާނޫނީ ގޮތުން ބަންދުން މިނިވަން ވުމަށް ފަހު ނޫނީ ރާއްޖެ ވަޑައިނުގަތުމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ގޮވާލައްވައިފި އެވެ.
އަމިއްލަ ޓީވީ ސްޓޭޝަން ވީޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ހުކުމުން މިނިވަން ނުވެ، ނަޝީދު މާލެ ވަޑައިގަންނަވާ ތަނުން ފުލުހުން އެމަނިކުފާނު ހައްޔަރު ކޮށްފި ނަމަ ގައުމުގެ ހަމަޖެހުން ގެއްލޭނެ ކަމަށެވެ. އެހެންކަމުން، އެގޮތަށް ކަންތައް ކުރެއްވުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ މިތަން ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލައި އަޅުގަނޑުމެންގެ ރައްޔިތުން އަނެއްކާ ޕެނިކް ސިޓުއޭޝަނަކަށް އައިސް ހަމަ އެއްވެސް އިންސާނަކަށް އެއްވެސް މީހަކަށް ނިކަމެތިކަމެއް ލިބިގެންދާން،" ގާނޫނީ ގޮތުން މިނިވަން ނުވެ، ނަޝީދު އަންނަ މަހުގެ 1 ގައި ރާއްޖެ ވަޑައިގެންފި ނަމަ ކުރިމަތިވެދާނެ ކަންކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ވަރަށް ދެރަވާނެ ރައީސް ނަޝީދު އެކެއް ނޮވެމްބަރުގައި ވަޑައިގަންނަވާ ތަނުން އެމަނިކުފާނު ޖަލާ ހަމައަށް ގެންދަން އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުން ދިމާކޮށްފިއްޔާ."
ގާސިމް އެހެން މި ވިދާޅުވީ، ގާނޫނީ ނިޒާމުގެ ތެރެއިން ކަންތައް ކުރެއްވުމަށް ނަޝީދަށް ގޮވާލައްވައި އަލްހާން ފަހުމީ މިއަދު ކުރެއްވި ޓުވީޓެއް ރީޓުވީޓް ކުރެއްވުމުން އެކަމާ ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.
ނިޒާމުގެ ތެރެއިން މިނިވަންވުމަށް މަސައްކަތް ކުރެއްވުމަށް އަލްހާން ފަހުމީ، ނަޝީދަށް ގޮވާލައްވާފައި ވަނީ އެމަނިކުފާނުގެ މައްސަލަ ނުނިމުނު ކަމުގައިވި ނަމަވެސް "ވީ ހާލެއްގައި ވާން" އަންނަ މަހުގެ 1 ގައި، ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެވެ.
ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ!
— Alhan Fahmy (@AlhanFahmy) October 10, 2018
ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް!
އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން! pic.twitter.com/XNh4AyJ4Od
ގާސިމް ވިދާޅުވީ، އޭނާ އާއި ނަޝީދާ ދެމެދު ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އަލްހާން ފަހުމީގެ ޓުވީޓު ރީޓުވީޓް ކުރެއްވީ އޭގައި އޮތް އެއްޗަކަށް ބައްލަވައިގެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސިޔާސީ ލީޑަރުން މިހާރު ބަންދުން ވީއްލިފައިވާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ބަންދުން މިނިވަން ވުމަށް ނަޝީދު މަސައްކަތް ކުރައްވައިފަ ނަމަ ސުޕްރީމް ކޯޓުން އެކަމާމެދު ވިސްނާނެ ކަމަށެވެ.
"ކަފާލާތުގެ ދަށުން ދޫކޮށްލީމާ އަޅުގަނޑު އައިސް މި ހުރީ. އަޅުގަނޑު ދަންނަވާލަން މި އުޅޭ ވާހަކަ އަކީ ކަށަވަރު ކަމާ އެކީ ޔަގީން ކުރަމޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހަމަ އެގޮތަށް ސުޕްރީމް ކޯޓަށް ސިޓީއެއް ލެއްވީމާ ނުވަތަ އެމަނިކުފާނުގެ ވަކީލުން މެދުވެރިކޮށް ރިކުއެސްޓެއް ކުރެއްވީމަ އެކަން ކޮންސިޑާ ކުރައްވާނެކަން،" ގާސިމް ވިދާޅުވި އެވެ.
"ރައީސް މައުމޫން ވެސް އަދި ފާރިސް އަދި ހުރިހާ ބޭފުޅުން ވެސް އެ އުސޫލުގެ ދަށުން ކަންތައްތައް ގެންގޮސްފައި މި އޮތީ."
ގާސިމް ވިދާޅުވި ގޮތުގައި، ގައުމު އިސްލާހު ކުރަން ތިބި މީހުން އަބަދުވެސް ބަލަންޖެހޭނީ އުސޫލުގެ ތެރެއިން އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރެވޭތޯ އެވެ. އަދި ސުޕްރީމް ކޯޓަށް ވަޑައިގެން، ބަންދުން މިނިވަން ވުމަށް މަސައްކަތް ކުރެއްވުމަށް ނަޝީދަށް، ގާސިމް ތަކުރާރުކޮށް ގޮވައިލެއްވި އެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއީކީ [ބަންދުން މިނިވަން ނުވެ ނަޝީދު ވަޑައިގެންނެވުމަކީ] އުސޫލެއް ނޫން. ކަމެއް ރަނގަޅު ކުރަން ނިކުންނަ މީހާ ގޯސްކޮށް ކަންތައް ކުރާ މީހާއަށް ވުރެ ނުބައިކޮށް ކަންތައް ކުރީމަ ދެން ކާކަށް ކޮންކަމެއްތޯ ރަނގަޅު ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ވަރަށް އާދޭހާ އެކު ދަންނަވާނީ ރައީސް ނަޝީދުގެ ލޯޔަރުންނަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިޒުނައާ އެކު ސުޕްރީމް ކޯޓަށް ސިޓީއެއް ލައިގެން މިކަން ނިންމަވައި ދެއްވުމަށް."
ރައީސް ނަޝީދު ސްރީ ލަންކާގައި: ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްސަލަ ނުނިމުނު ނަމަވެސް "ވީ ހާލެއްގައި ވާން" ނޮވެމްބަރު، 1ގައި، ރާއްޖެ ވަޑައިގަންނަވާނެ ކަމަށް -- މިހާރު ފައިލް ފޮޓޯ
ނިޒާމުގެ ތެރެއިން މިނިވަން ވުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ދެންމެ އަކު އަޅުގަނޑު މިތަނަށް ވަންނަނިކޮށް ރައީސް ނަޝީދު އަޅުގަނޑަށް ފޯނުން ގުޅުއްވި. ގުޅުއްވީމާ އަޅުގަނޑު ދެންނެވިން މިކަން ކޮށްދެއްވާށޭ. އެމަނިކުފާނު ވިދާޅުވީ މިހާރު މާ ބޮޑަށް ހޫނުވެގެން ނޫންހޭ މި ދަނީ. ދެން އަޅުގަނޑު ދެންނެވިން އެއްގޮތަކަށް ވެސް އަޅުގަނޑު އެހެން ކުރި ކަމެއް ނޫނޭ. މިކަން ކޮށްލަދެއްވާށޭ. ވިދާޅުވި ތިމަންނަ ތަނަކަށޭ މި ދަނީ ގޮސްފަ އެބަ ގުޅުއްވަމޭ. އަޅުގަނޑަށް ކަށަވަރު އެމަނިކުފާނު ދެއްވާނީ އުފާވެރި ޖަވާބެއް ކަން. އަޅުގަނޑުމެންނަށް މަސްލަހަތާއި އަމާންކަން އޮތް ގޮތް އެމަނިކުފާނު ހިޔާރު ކުރައްވާނެކަން،" އޭނާ ވިދާޅުވި އެވެ.
ބަންދުން ވީއްލިގެން ރާއްޖެ ވަޑައިގަތުމަށް ނަޝީދަށް، ގާސިމް ގޮވާލައްވާފައިވާއިރު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އަދި ނަޝީދު މިނިވަން ކުރެއްވުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި. ދައުލަތުގެ އެއްވެސް އިދާރާއަކުން ރައީސް ނަޝީދުގެ ހަށިކޮޅުގައި އަތްލެވޭ ގޮތަކަށް ނޫން ވަޑައިގަންނަވާނީކީ،" ހަސަން ވިދާޅުވެފައިވެ އެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
"ތަފާތު ހިޔާލާއެކު ވެސް ޖުޑިޝަރީ އިސްލާހު ކުރެވޭނެ"
އިންތިގާލީ ތޮފިތަކެއް ބޮލަށް ހެޔޮވަރެއް ނޫން: ރައީސް
އޮޅުންބޮޅުން: މި ކުރާ ކަމެއްގެ ބޭނުމަކީ ކޮބާ؟
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
އެއް ކެންޑިޑޭޓު ނެރެވޭނެ ކަމުގެ ޔަގީންކަން ކުޑަވެއްޖެ!
"ކޯލިޝަން ނެތް ނަމަ މިނިވަން ކެންޑިޑޭޓަކަށް ތާއީދު"
ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެނަމަ ޖޭޕީން ނުކުންނަނީ
އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅުން މަޝްވަރާކޮށްފި
އިދިކޮޅުގެ ސާފު ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއް؟