Roadha Mihaaru
އެއް ކެންޑިޑޭޓު ނެރެވޭނެ ކަމުގެ ޔަގީންކަން ކުޑަވެއްޖެ!

ޚިޔާލު ތަފާތުވުން ބޮޑުވެ، އެއް ކެންޑިޑޭޓުގެ އުއްމީދު ކުޑަވެއްޖެ!

28 ޖޫން 2018

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ޚިޔާލުތަފާތުވުންތައް ބޮޑުވެ، ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އެއް ކެންޑިޑޭޓަކު ނެރެވިދާނެ ކަމުގެ އުއްމީދު ކުޑަވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ޚިޔާލުތަފާތުވުންތައް ބޮޑުވެ، ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އެއް ކެންޑިޑޭޓަކު ނެރެވިދާނެ ކަމުގެ އުއްމީދު ކުޑަވެއްޖެ އެވެ.

އެމްޑީީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަނަށް، އެއްބަސްވެވުނީ، އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރަން އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެކަމަކު އެ ކެންޑިޑޭޓު ކަނޑައެޅުމުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ދެމުންދާ ބަހުގެ ހަމަލާތަކާ އެކު އެކަން ކާމިޔާބުވެދާނެ ކަމުގެ ޔަގީންކަން ވަނީ ކުޑަވެފަ އެވެ.

އެއް ކެންޑިޑޭޓާ މެދު ޚިޔާލުތަފާތުވުން މި ބޮޑުވީ، ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަކަށް ވެސް ނެރެން ޖެހޭނީ އެމްޑީޕީގެ ބޭފުޅަކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

އެމްޑީޕީގެ، 13 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖްގައި ނަޝީދު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ޚިޔާލު އެއްގޮތްވެ، ނަތީޖާއެއް ނުފެންނާނެ ކަމުގެ ކުލަވަރުތަކާ އެކު އެ ޕާޓީން އިންތިޚާބަށް ގޮތްތަކެއް ނިންމަން ވެއްޖެ ކަމަށެވެ. އެއީ، ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓު ކަން އެ ޕާޓީ އަށް ނުލިބިއްޖެ ނަމަ އިންތިޚާބުގައި އެމްޑީޕީން ވަކިން ވާދަކުރުން ކަމަށް އެމަނިކުފާނު ވަނީ ނުސީދާކޮށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ މި ވިސްނުމަށް ރައްދު ދެއްވައި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓު ވެސް އެމްޑީޕީއަށް ދޭން ޖެހޭ ކަމަށް ނަޝީދު ދެކެވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށެވެ. އެއާ އެކު އޭނާ އެދިވަޑައިގަތީ، ގުޅިފައިވާ ޕާޓީތަކުން އިޚްލާސްތެރިކަމާ އެކު މަޝްވަރާކޮށް، އެއް ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމުމަށެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ހުސެއިން ކުރެއްވި ޓުވީޓް.

އެއް ކެންޑިޑޭޓާ ގުޅޭ މަޝްވަރާތަކަށް "އަށާރަނަވާރަ" ނަމުގައި ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމެޓީގެ ބައްދަލުވުންތައް ހުއްޓިފައި އޮތް ސަބަބު ވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އަޅުވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގަ އެވެ.

މަޝްވަރާތައް ފަށަން ވެއްޖެ ކަަމަށް ޖޭޕީން އިއުލާންކުރަން އެމްޑީޕީން އެދުމާ އެކު، އެކަމަށް އެއްބަސްވެވަޑައިގެން ހުސެއިން އެދިވަޑައިގަތީ ކޮމެޓީ ބޭއްވުމަށް ނަޝީދު ލޮބީ ކޮށްދެއްވުމަށެވެ.

އެއް ކެންޑިޑޭޓާ ގުޅިގެން އެމްޑީޕީ އާއި ޖޭޕީން ދެކޭ ގޮތުގެ ޓުވީޓްތަކެއް.

އެއް ކެންޑިޑޭޓަކު ނެރެވިދާނެ ކަމާ މެދު ކޯލިޝަންގެ އިސް ބައެއް ބޭފުޅުންނަށް ނާއުއްމީދުވެ، ގެންދަވަނީ ޚިޔާލުފާޅުކުރައްވަމުންނެވެ. އިންތިޚާބުގައި ވާދަކުރައްވަން ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭނުންވި ނަމަވެސް ދެ ބޭފުޅުން ވާދަކުރައްވަން ވެސް ގާނޫނީ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ، ދެ ބޭފުޅުންނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ޚިޔާލުތަފާތު ހަތަރު ޕާޓީން އެއް ބަޔަކު އަނެއް ބަޔަކަށް މީޑިއާގައި ބަހުގެ ހަމަލާތައްދީ ރައްޔިތުން މާޔޫސްކުރުމަށް ވުރެ، ޕާޓީތަކުން ވަކިވަކިން ވާދަކުރުން މާ ބުއްދިވެރި ކަމަށެވެ. އޭނާ އެދިވަޑައިގަތީ، އެގޮތަށް ވާދަކޮށްގެން ނަމަވެސް ރައީސް ޔާމީން ބަލިކުރުމަށެވެ.

މަހްލޫފްގެ ޓުވީޓް.

އެއާ އެކު މިނިވަން ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ޚިޔާލު ވެސް ބައެއް ބޭފުޅުން ގެންދަވަނީ ކުރައްވަމުންނެވެ.

ކޯލިޝަނާ ގުޅޭގޮތުން މެމްބަރު އަހްމަދު އަބްދުﷲ ކުރެއްވި ޓުވީޓް.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުން ހައްލުވެ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް އެއް ކެންޑިޑޭޓަކު ނެރެވޭނެ ފޯމިއުލާއެއް ލިބުމަކީ މިހާރު މިއޮތް ހާލަތުން ނާދިރު ކަމެކެވެ. ޖުމްހޫރީ ޕާޓީން ވެސް ރިޔާސީ ރޭހަށް އެ ޕާޓީގެ ކެންޑިޑޭޓަކު ނެރެން ބޭނުންވާއިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، ރިޔާސީ ކެންޑިޑޭޓު ކަން ދޫކޮށްލަން އެމްޑީޕީން ބޭނުމެއް ނުވެ އެވެ.

މިހާރު އޮތް ހަމައެކަނި ސުވާލަކީ، ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއް ކެންޑިޑޭޓެއްގެ ވާހަކަ ހުއްޓި، ރަސްމީކޮށް އެކަން ކަށަވަރުވާނީ ކޮން ވަގުތެއްގައި ކަމެވެ.