އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މަސައްކަތް ކުރަނީ އިންތިގާލީ ބަޔަކު ކަމަށާއި އިންތިގާލީ ތޮފިތަކެއް ދިވެހިންގެ ބޮލަށް ހެޔޮވަރު ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
28 އޯގަސްޓް 2018
އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މަސައްކަތް ކުރަނީ އިންތިގާލީ ބަޔަކު ކަމަށާއި އިންތިގާލީ ތޮފިތަކެއް ދިވެހިންގެ ބޮލަށް ހެޔޮވަރު ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅާއި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އިންނަމާދޫގެ ބަނދަރު ހުޅުއްވައި ދެއްވުމަށްފަހު، އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުގައި ތިބީ އިންތިގާލީ ވިސްނުން ގެންގުޅޭ ބަޔެއް ކަމަށެވެ. ރައީސް މިއަދު ވެސް ސިފަ ކުރެއްވި ގޮތުގައި، އިދިކޮޅު ބޭފުޅުން ތިއްބެވީ ކޮކްޓެއިލް ކޯލިޝަނެއްގެ ތެރޭގަ އެވެ.
ރައީސް ޔާމީން މިއަދު ރ. އިންނަމާދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވަނީ. - ފޮޓޯ: އެމްޓީސީސީ
އިންތިގާލީ ތޮފިތައް، ދިވެހިންގެ ބޮލަށް ހެޔޮވަރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރިޔަސް، ތޮފިތައް ހެޔޮވަރު ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ރަށްރަށަށް އަރައި ހިންގައިދޭން ބުނާ މަޝްރޫއުތަކަކީ އިންތިގާލީ ވިސްނުމެއް. އެއީކީ ހަރުދަނާ ކަމެއް، ބަރުދަނެއް، އޮއްޓަރެއް ނޫނީ ޕްލޭން ކުރެވިފައި އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ރަށްރަށަށް ވަޑައިގެން، މަޝްރޫއުތައް ހިންގެވުމަށް ފައިސާ ހޯއްދަވާނެ ގޮތެއް އިދިކޮޅު ބޭފުޅުން ރައްޔިތުންނަށް ސާފުކޮށެއް ނުދެ އެވެ.
އިންނަމާދޫން މިސާލު ނަންގަވައި ރައީސް ވަނީ، އެ ރަށުގެ ބަނދަރު ހެދީ ލޯން ނަގައިގެންތޯ ބަލަން ބޭނުންވޭތޯ ސުވާލު ކުރައްވައިފަ އެވެ. އިންނަމާދޫ ރައްޔިތުން ބޭނުންވީ ބަނދަރެއް ކަމަށާއި އެކަން ސަރުކާރުން ފުރިހަމަ ކޮށްދިން ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"މި ރަށުގެ ރައްޔިތުން ބަލާކަށް ބޭނުމެއް ނުވާނެ ރައީސް ޔާމީން ސަރުކާރުން މިތާ ބަނދަރު ހަދައިދިނީ ކުރިއަށް ލިބެން ހުރި ލާރި ނަގައިގެން، ނޫނީ އެޑްވާންސްކޮށް ވައްކަންކޮށްގެންތޯ ބަލާކަށް ބޭނުމެއް ނުވާނެ،" އިންނަމާދޫގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ރ. އިންނަމާދު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް ބައެއް މީހުން. - ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، ކޮރަޕްޝަންގެ ވާހަކަ އާއި ލާއިންސާނީ ކަންކަމުގެ ވާހަކަ އާއި އަދުލުވެރިކަން ނެތް ކަމުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކިޔަސް، އެ ކަންކަން ރައްދުވަނީ އެ ފަރާތްތަކަށެވެ. އަދި ދިވެހިންގެ އަހުލާގިއްޔާތު ހަލާކުވީ އެމްޑީޕީ ވެރިކަމަށް އައުމުގެ ތެރޭގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބުގެ ވޯޓު ކައިރިވަމުން އަންނަ އިރު، އެކިއެކި "ވައިރަސްތައް ފެތުރޭނެ" ކަމަށް ވިދާޅުވެ، ރައްޔިތުން "ވެކްސިނާއި އެންޓިބަޔޮޓިކް" ނަގައިގެން ތިބުމަށް އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުންގެ ހިތް ގުޑުވާލިޔަ ދީގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ރ. އިންނަމާދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ތަސައްވުރަކީ ހުރިހާ ރައްޔިތުން ބައިވެރިވާ، އެންމެން ވެސް ހިއްސާދާރުންގެ ގޮތުގައި ބައިވެރި ކުރުވުމެވެ. އަދި ޒުވާނުންނަށް ލިބޭ ފުރުސަތުތަކާ މެދު އެ ޒުވާނުން މިއަދު ގޮތެއް ނިންމަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، ރައީސް ޔާމީން ވަނީ އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ސަރުކާރުން ކުރާ ކަމަކީ ވިއްސިވިހާލިވުމުގެ ފިކުރު ރައްޔިތުންގެ ކިބައިން ދޫކޮށްލައި ރައްޔިތުންނަށް އުންމީދު ދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ގެއްލިފައި ހުރި ފައިސާތައް ހޯދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ އެންމެ ގިނަ ފައިސާ ހޯދާނީ ބައެއް ގެތަކުގެ "ތަންމަތިން" ކަމަށެވެ. މީގެ ކުރިން އޮޑިޓް ރިޕޯޓުތައް ނެރިފައި ހުރި އިރު ވެސް ފައިސާތައް ގެއްލިފައި ހުރި އިރު، އެ ފައިސާ ހޯދަން އިދިކޮޅު ފަރާތްތަކުން ނުއުޅޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ހެދިފައި އޮތީ ނުތަކާވަރުގެ ކޯލިޝަނެއް: ރައީސް ޔާމީން
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
"ތަފާތު ހިޔާލާއެކު ވެސް ޖުޑިޝަރީ އިސްލާހު ކުރެވޭނެ"
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
ދެފައި ނުބަނދެ އިންތިޚާބަކަށް އައުމަކީ ކުރި މޮޔަކަމެއް