Roadha Mihaaru
ޗެލްސީން ކޮންޓޭ ވަކިކޮށްފި، ސާރީއާ ޓީމު ހަވާލުކުރަނީ

ޗެލްސީން ކޮންޓޭ ވަކިކޮށްފި، ސާރީއާ ޓީމު ހަވާލުކުރަނީ

13 ޖުލައި 2018

ލަންޑަން (ޖުލައި 13) - ޗެލްސީގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށް އެ މަގާމަށް ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ގެންނަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 13) - ޗެލްސީގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށް އެ މަގާމަށް ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ގެންނަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިހާތަނަށް ޗެލްސީން ސާރީ ގެންނަން ކުރަމުން އައި މަސައްކަތް ލަސްވެފައިވަނީ އޭނާގެ ކުރީގެ ކްލަބް ނަޕޯލީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ސަބަބުންނެވެ. ނަޕޯލީއާ އެކު ސާރީ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 6.9 މިލިއަން ޕައުންޑް ދައްކަން ޗެލްސީން ވަނީ އެއްބަސްވެފަ އެވެ. އަދި ކޮންޓޭ މަގާމުން ދުރުކުރާއިރު އޭނާ އަށް ދޭން ޖެހޭ 9 މިިލިއަން ޕައުންޑުގެ ކޮމްޕެންސޭޝަން ފީ ވެސް ދޭން ވަނީ ނިންމައިފަ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިން ކޮންޓޭ ދޫކޮށްލަން ނިންމީ އެ ޓީމުގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާ އޭނައާ ދެމެދު މައްސަލަތަކެއް ޖެހިގެންނެވެ. އަދި ލީގުގެ ގަދަ ހަތަރަކުން ޗެލްސީ އަށް ފުރުސަތު ގެއްލި އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ވާދަކުުރުމުގެ ފުރުސަތު ނުލިބުމަކީ ކޮންޓޭ ދޫކޮށްލަން އެ ޓީމުގެ ބޯޑުން ވެސް ބޭނުންވި އެއް ސަބަބެވެ.

ކޮންޓޭގެ މަގާމާ މެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް އޭނާ ވަނީ ޗެލްސީއާ އެކު ޕްރީ ސީޒަން ޕްރެކްޓިސްތައް ފަށައިފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ޗެލްސީން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ އެއްވެސް ޓްރާންސްފާއެއް ކޮށްފައެއް ނުވެ އެެވެ.

ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާ ވަނީ ދެ އަހަރަށް ފަހު ޗެލްސީ ކޯޗުކަމުން ދުރުކޮށްފައި. ---

ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާ ވަނީ ދެ އަހަރަށް ފަހު ޗެލްސީ ކޯޗުކަމުން ދުރުކޮށްފައި. ---

ޗެލްސީގެ ތާރީހަށް ބަލާއިރު ޕްރިމިއާ ލީގުގެ 100 މެޗުގައި އެ ޓީމުން އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެފައިވަނީ ކޮންޓޭގެ ކޯޗުކަމުގަ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ކޮންޓޭ އަށް އޭނާގެ ގައުމު އިޓަލީގެ ކްލަބްތަކުން ގިނަ ހުށަހެޅުންތަކެއް ލިބެން ފެށުމާ އެކު އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެން ފެށި އެވެ.

އިޓަލީ އަށް އުފަން ސާރީ ޗެލްސީގެ ކޯޗުކަމަށް ހަމަޖައްސާއިރު، އޭނާ ވެގެންދާނީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު އެ ޓީމު ގަތް ފަހުން އެ ޓީމާ ހަވާލުވާ ފުލްޓައިމް ނުވަ ވަނަ ކޯޗަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސާރީ ޗެލްސީ އަށް އަންނައިރު މިހާރު އޭނާ ވަނީ ތިން ކުޅުންތެރިއަކު ގެންނަން ނިންމައިފަ އެވެ. އެއީ ނަޕޯލީގައި އޭނާއާ އެކު މަސައްކަތްކުރި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އާއި ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ އަދި މި ފަހަރުގެ ވޯލްޑް ކަޕްގައި ރަޝިއާ އަށް މޮޅު ކުޅުމެއް ދެއްކި އަލެކްސެންޑަ ގޮލޯވިން އެވެ.

އަނެއްކޮޅުން ޗެލްސީއާ ހަވާލުވެ ސާރީ އަށް ކުރަން ޖެހޭނެ އަނެއް ކަމަކީ އެ ޓީމުގެ ބްރެޒިލް ވިންގް ވިލިއަން އާއި ބެލްޖިއަމް ތަރި އެޑެން ހަޒާޑްގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ. ހަޒާޑަށް ރެއާލް މެޑްރިޑުން ފާރަަލަމުން އަންނައިރު، ބާސެލޯނާ އިން ވަނީ ވިލިއަން އަށް ބިޑްކޮށްފަ އެވެ.