Roadha Mihaaru
"ގޭންގަކުން" އުމަރަށް މަރުގެ އިންޒާރު ދީފި

"ގޭންގަކުން" އުމަރަށް މަރުގެ އިންޒާރު ދީފި

31 ޖުލައި 2016

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ބަޔަކު ރޭ މަރުގެ އިންޒާރު ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ބަޔަކު ރޭ މަރުގެ އިންޒާރު ދީފި އެވެ.

އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޭންގަކަށް ނިސްބަތްވާ ތިން މީހަކު ރޭ ދަންވަރު 1:00 ހާއިރު އޭނާގެ އޮފީސް ދޮށަށް ދިޔަ ކަމަށެވެ. އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި މީހުންނަށް ބިރު ދައްކައި އޭނާ އަށް ވަަޅިން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެ މީހުން އެ ތަނުން ދިޔައީ ކަމަށް އުމަރު ވިދާޅުވި އެވެ.

"މި މައްސަލަ މިހާރު ވާނީ ފުލުހަށް ރިޕޯޓުކޮށްފައި،" ޓުވީޓުގައިވެ އެވެ.

އުމަރުގެ އޮފީސް ހުންނަނީ މެދުޒިޔާރަތް ކައިރީގައި ހުންނަ ހ. ސަކީނާމަންޒިލްގަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އުމަރު ވަނީ ގޭންގުތައް ނައްތާލުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެ ގޮތުން، ފުރަތަމަ ފަހަރަށް މޮނިކޮން އޯޑަރު ހިންގަވައި ގޭންގުތަކުގެ ބައެއް އިސް މީހުންގެ ފައިގައި ޓެގު އެޅުވުން ފަދަ ކަންކަން އޭނާ ކުރެއްވި އެވެ.

އުމަރު ވަނީ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ވެސް އިއުލާން ކުރައްވާފަ އެވެ.