05 ޖުލައި 2018
އދ. މާމިގިލީގައި ހުޅުވި ވިޔަފާރި ބަނދަރަށް ފުރަތަމަ ބޯޓު މިއަދު ބަނދަރުކޮށްފި އެެވެ.
އދ. މާމިގިލީގައި ހުޅުވި ވިޔަފާރި ބަނދަރަށް ފުރަތަމަ ބޯޓު މިއަދު ބަނދަރުކޮށްފި އެެވެ.
މިދިޔަ މެއި މަހު ހުޅުވި އެ ތަނަށް އެންމެ ފުރަތަމަ ބަނދަރުކުރީ "އެމްވީ ކިބީ" ނަމަކަށް ކިޔާ ބޯޓެކެވެ. ޕްރޮޖެކްޓަކަށް ބޭނުންވާ ކާގޯ ހިފައިގެން ސިންގަޕޫރުން އައި ބޯޓުގެ ފަޅުވެރިންނަށް، މާމިގިލީ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ވެސް ދިނެވެ.
އެ ބޯޓުގެ ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް މާމިގިލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަަށް ކައިރި ކުރެވޭ ގޮތަށް، އެ ބަނދަރު ހަދާފައިވަނީ 1،300 މީޓަރު ދިގުމިނުގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ މާމިގިލީ ބަނދަރު ތަރައްގީ ކުރުމުގައި ގޮންޖެހުންތައް ދިމާވި ކަމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއެކުު އެކަންތައްތައް ހައްލުކޮށް، ކާމިޔާބު ކަމާއެކު ބަނދަރު ހުޅުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާމިގިލީ ބަނދަރުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތަކާއި އެ ސަރަހައްދުގައި ހިންގަން ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކަށް، މާމިގިއްޔަށާއި އެ އަތޮޅަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ހަލީމް ފާހަގަކުރެއްވި އެވެ.
މާމިގިލީ ވިޔަފާރި ބަނދަރަށް ބަނަދަރުކުރި ފުރަތަމަ ބޯޓު.--ފޮޓޯ: އެމްޕީއެލް
"މި ސަރަހައްދުގައި އަޅުގަނޑުމެން ވެއާ ހައުސްއެއްގެ ޚިދުމަތާއި ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތާއި އަދި ތަރައްގީކުރަން ނިންމާފައިވާ ސްލިޕް ވޭ އާއި ބޯޓުޔާޑުގެ ޚިދުމަތާއި ޔޮޓް މެރީނާއި ގެސްޓް ހައުސްގެ ޚިދުމަތް ދިނުމަށް ވެސް ރާވާފައިވަނީ. އެކަމަށްޓަކައި ޕްލޭންތައް ހަދަމުން މި އަންނަނީ. ވިޔަފާރިވެރިންނާއި އިންވެސްޓަރުން ވެސް މިތަނުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މާލޭގެ ބަނދަރުގެ ޖާގައަށް ވުރެ އިތުރަށް މިހާރު ވެސް މުދާ ބާލަމުން އަންނަ ކަމަށެވެ. ޕްރޮޖެކްޓް ކާގޯ އެއްޗެހި ބަނދަރުނުކުރެވި ގިނަ ދުވަސް ވާނަމަ އިތުރު ހަރަދުތަކެއް ހިނގާ ކަމަށާއި، އެހެންވެ މާމިގިލީ ބަނދަރާއެކު ވިޔަފާރިވެރިންނަށާއި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ފަސޭހަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަަށް ވެސް ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޖުނެއިދު ވިދާޅުވީ އެމްޕީއެލް އިން ކުރަމުން އަންނަ މަސައްކަތްތަކަށް ކަސްޓަމުން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެނައުމަށް އެ ދެ އިދާރާ ގުޅިގެން އަބަދު ވެސް މަސައްކަތް ކުރާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އިކުއިޕްމަންޓް އެއްޗެހި ގެނައުމުގައި މާލޭ ޕޯޓުގެ ދަތިކަން އެބަހުރި. އެހެންވެ މިއަދަކީ މާލެއަށް ޖެހިފައިވާ އެ ތޮއްޖެހުން އެހެން ދިމާލަކަށް ޑިސްޓްރިބިއުޓް ވެގެން ދާ ދުވަހެއް،" އެމްޕީއެލްގެ ސީއީއޯކަން ވެސް ކުރެއްވި ޖުނެއިދު ވިދާޅުވި އެވެ.
މާމިގިލީ އެއާޕޯޓާ އެކު، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ރާއްޖޭ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރުގެ ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަން ފެށިއިރު، އެމްޕީއެލް އިން ބުނީ ބައިނަލްއަގުވާމީ އޮޕަރޭޝަނަށް ބޭނުންކުރާނީ އެ ބަނދަރުގެ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ.
އެމްޕީއެލް އިން މާލޭގެ އިތުރުން ހުޅުމާލެ އާާއި ސ ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައި ވެސް ވިޔަފާރި ބަނދަރެއް ހިންގަ އެވެ.
މާމިގިލީ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިފި
"މާމިގިލީ ޕޯޓުގެ މަސައްކަތް ހުއްޓާލަން ނުނިންމާ"
ބަސް ދަތުރަކަށް ކުރިން ނަގަން ނިންމީ ހަތް ރުފިޔާ
ބްރިޖުގައި ދުއްވާ ފުރަތަމަ ޑަބަލްޑެކާ ބަސް ގެނެސްފި
އެމްޕީއެލްއިން މާލޭގައި ބަހުގެ ޚިދުމަތް ފަށަނީ
ބްރިޖްގެ ބަހުގެ އަގުތައް އަންނަ ހަފުތާގައި ހާމަކުރަނީ
މާމިގިލީ ބަނދަރުގެ އޮޕަރޭޝަން އަންނަ މަހު ފަށަނީ
ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް
ފެނަކަ ހިންގުން ވަގުތީގޮތުން ހަލީމަށް
އެމްޕީއެލްގެ ތިން ޓަވަރުގެ އަގު 500 މިލިއަން