Roadha Mihaaru
ވޯލްޑް ކަޕް ބަލަން 20 ދިވެއްސަކު ފުރައިފި

ވޯލްޑް ކަޕް ބަލަން 20 ދިވެއްސަކު ކޮކާ ކޯލާ އިން ރަޝިއާ އަށް ފޮނުވައިފި

30 ޖޫން 2018

ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ބަލަން 20 ދިވެއްސަކު، ކޮކާ ކޯލާގެ ފަރާތުން އެ ގައުމަށް މިއަދު ފުރައިފި އެވެ.

ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ބަލަން 20 ދިވެއްސަކު، ކޮކާ ކޯލާގެ ފަރާތުން އެ ގައުމަށް މިއަދު ފުރައިފި އެވެ.

ވޯލްޑް ކަޕް ބަލަންދާން މިއަދު ފުރި މީހުންގެ ތެރޭގައި ހިމެނެނީ ބައެއް ނޫސްވެރިންނާއި ކޮކާކޯލާގެ ޕާޓްނަރު ފިހާރަތަކުގެ އޮފިޝަލުންގެ އިތުރުން ކޮކާ ކޯލާ އިން ކުރިއަށް ގެންދިޔަ "ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަސީބުވެރިންގެ ތެރެއިން ބައެއް މީހުންނެވެ.

މިއަދު ފުރި މީހުންގެ ތެރޭގައި "މިހާރު"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫން ހިމެނެ އެވެ.

އެ މީހުން ބަލަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ރާއްޖޭ ގަޑިން 23:00 ގައި ކުޅޭ އިންގްލޭންޑް އާއި ކޮލަމްބިއާ މެޗު ކަމަށް ކޮކާކޯލާ އިން ބުނެ އެވެ.

"ކުރިން ދިޔަ މީހުންނެކޭ އެއްގޮތަށް މިއަދު ފުރި މީހުން ވެސް އެކޮޅުގައި ތިބޭނީ ހަތަރު ދުވަހު،" ކޮކާ ކޯލާގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ ކުރިން މި މަހުގެ 21 ވަނަ ދުވަހު ވެސް ކޮކާ ކޯލާ އިން ވަނީ، ދިޔަ މާޗް އަދި އޭޕްރީލް މަހު ކުރިއަށް ގެންދިޔަ "ވޯލްޑް ކަޕް ފިއެސްޓާ" ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ހޮވުނު މީހުންގެ ތެރެއިން 10 މީހަކު ރަޝިޔާ އަށް ފޮނުވައިފަ އެވެ.

އެ ޕްރޮމޯޝަނުގެ ގުރުއަތުން ހޮވުނު ކޮންމެ މީހަކާ އެކު އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ވެސް ކޮކާކޯލާ އިން ވަނީ ދީފަ އެވެ.

ކުރީގެ އަހަރުތަކުގައި ވެސް، ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާ އިން މިފަދަ ޕްރޮމޯޝަންތައް ހިންގާފައިވެ އެވެ.