Roadha Mihaaru
ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަނީ

މާލޭގައި ހުރި ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަނީ

27 ޖޫން 2018

މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، އެ ތަނުގައި މިހާރު ހުރި ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަން ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، އެ ތަނުގައި މިހާރު ހުރި ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަން ފަށައިފި އެވެ.

އެމްޕީއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މާލޭ ބަނދަރުގައި ހުރި ބޭނުން ނުކުރާ ހުސް ކޮންޓެއިނަރުތައް ބަހައްޓަން ހުޅުމާލޭން ވަގުތީ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ހުސް ކޮންޓެއިނަރުތައް ބަހައްޓަން ލިބުނީ، ހުޅުމާލޭ ޕޯޓާ އިންވެގެން އޮންނަ ހުސް ބިން ކަމަށާއި އެ ތަނުގައި މަތިމައްޗަށް ހަތަރު ބަރި ޖަހައިިގެން 1،200 ކޮންޓެއިނަރު ބެހެއްޓޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މާލެ އާއި ހުޅުމާލޭ ބަނދަރުގެ ކެޕޭސިޓީ އަކީ 20 ފޫޓުގެ 2،200 ކޮންޓެއިނަރު ކަމަށާއި ނަމަވެސް މިހާރު ޚިދުމަތް ދެމުން އަންނަނީ ކެޕޭސިޓީ އަށް ވުރެ ދެ ގުނަ އިތުރަށް 4،800 ކޮންޓެއިނަރަށް ކަމަށެވެ.

"ޔާޑު ފުރުނީމަ އަޅުގަނޑުމެންނަށް ޝިފްޓިންއާ ކަންކަމަށް ދަތިތަކެއް ދިމާވެގެން ދިޔައީ... [ހުޅުމާލެ އަށް ކޮންޓެއިނަރުތައް ގެންދިއުމުން] އަޅުގަނޑުމެންގެ ޔާޑް ސްޕޭސް ވަރަށް ބޮޑުތަން މިއޮތީ ކްލިއާވެފައި،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުދާ ނެރުމުގައި ދިމާވި މައްސަލަތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހައްލުވެގެން ދާނެ ކަމަށެވެ. އަދި ބޯޓުތަކުން ކޮންޓެއިނަރުތައް ބާލާ އަދަދަށް، ހުސް ކޮންޓެއިނަރު ބަރުކޮށްގެން އެކްސްޕޯޓް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.

މުދާ ބޭރުކުރުން ލަސްވާ ކަމަށް ގިނަ ކުންފުނިތަކުން ބުނަމުން އަންނަ އިރު، ހަލީމް ވިދާޅުވީ އެއީ ކުރީގެ ސަރުކާރުތަކުން ބަނދަރުގެ މަސައްކަތްތަކަށް އެކަށީގެންވާ ވަރަށް އަޅާލާފައި ނުވާތީ ދިމާވާ މައްސަލަތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެ މައްސަލަތައް ހައްލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް ސީއީއޯ ހަލީމް (މ) މިއަދު ނޫސްވެރިންނާ ބައްދަލު ކުރަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެމްޕީއެލް ސީއީއޯ ހަލީމް (މ) މިއަދު ނޫސްވެރިންނާ ބައްދަލު ކުރަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ވިޔަފާރިވެރިންގެ ސްޓޯރޭޖު ގުދަނަކަށް އެމްޕީއެލެއް ނުހެދޭނެ"

އެމްޕީއެލުން ޚިދުމަތް ލަސްވެގެން މުދާ ޑެމަރޭޖްވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނި ނަމަވެސް އެކަން ހަލީމް ވަނީ ދޮގުކޮށްފަ އެވެ. ހަލީމް ވިދާޅުވީ، ޑެމަރޭޖް ވަނީ ބައެއް ފަރާތްތަކުން އެންމެ ފަހު ވަގުތަށް މުދާ ނެރެން މަޑުކުރާތީ ކަމަށާއި، ވިޔަފާރިވެރިންގެ ސްޓޯރޭޖް ގުދަނެއްގެ ގޮތުގައި އެމްޕީއެލް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"މީގައި މިވާ ގޮތަކީ ހުރިހާ ބޭފުޅުން ވެސް ކްލިއާ ކުރައްވަން މި ވަޑައިގަންނަވަނީ ފަހު ވަގުތު، އެންމެ ފަހު ދުވަހު... ޓައިމް މެނޭޖުކޮށްގެން ރަނގަޅަށް ކުރާކަމަށް ވެއްޖެއްޔާ [ޑެމަރޭޖް ނުވެ] ކުރިއަށް ގެންދެވޭނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ދުވާލުގެ ވަގުތުތަކުގައި ދޯނިތަކުގައި ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ބަރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ގިނަ މީހުން ދުވާލު މުދާ ނެރުމުގެ ބަދަލުގައި ރޭގަނޑަށް މަޑުކޮށްގެން ތިބުމުން، ލޮރީތަކަށް މުދާ އަރުވާ ގަޑިއާ ދިމާވެ ބައެއްފަހަރު ދަތިތައް ކުރިމަތިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.

ބޯޓުތަކުން ގެންނަ މުދާ ނެރެން ތައްޔާރުކުރަންޖެހޭ ޑިކްލެރޭޝަން ބޯޓު އައުމުގެ ކުރިން ނިންމޭނެ ކަމަށާއި، އަދި ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

ޑެމަރޭޖް ނާރާ މުދާ ނެރެން ދީފައި އޮންނަ 10 ދުވަހުގެ ތެރޭން، ފަހު ދުވަހު ނޯޓް ކޮށްގެން މުދާ އެ ދުވަހު ނުނެރެވި ލަސްވުމުން ދިމާވާ މައްސަލަ އަކީ އެމްޕީއެލްގެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭނާ ބުނީ، އެމްޕީއެލް އިން އަންގާފައި އޮންނާނީ އެއް ދުވަސް ކުރިން ނޯޓް ކުރުން ކަމަށާއި ނޯޓް ކޮށްގެން ވަގުތުން މުދާ ނުނެރެވޭނެ ކަމަށެވެ.