Roadha Mihaaru
ވަގަށް ގޮވުން ހުއްޓުވާލަނީ!

ވަގަށް ގޮވުން ހުއްޓުވާލަނީ!

30 ޖުލައި 2016

ޑިމޮކްރެޓިކް ނިޒާމްގެ ދެވަނަ މަޖިލީހުގެ ދައުރު މިހާތަނަށް އައި އިރު ކަންކަން މި އޮތީ ހައްދުން ނެއްޓިފަ އެވެ. ސަރުކާރަށް ލިބިފައިވާ ވަރުގަދަ އަޣުލަބިއްޔަތުން ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެނައި އެތަކެއް ބަދަލުތަކަކީ، ދިފާއުގައި ކިތަންމެ ހުއްޖަތްތަކެއް ދެއްކިޔަސް، އެކަންކަން ކުރި ހާލަތްތަކަށް ބަލާއިރު، ސުލޫކީ ބޮޑެތި މައްސަލަތައް ހިމެނޭ ކަންކަމެވެ. އެފަދަ އެއްވެސް ކަމެއްގައި ރައްޔިތުންގެ މަސްލަހަތެއް ނެތްކަން ވަރަށް ސާފެވެ. މިހާރު ކުރިމަތިވެގެން މި އުޅެނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސާސީ އެއް ހައްގު ނިގުޅައިގަންނަން އުޅޭ މައްސަލަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޑިމޮކްރެޓިކް ނިޒާމްގެ ދެވަނަ މަޖިލީހުގެ ދައުރު މިހާތަނަށް އައި އިރު ކަންކަން މި އޮތީ ހައްދުން ނެއްޓިފަ އެވެ. ސަރުކާރަށް ލިބިފައިވާ ވަރުގަދަ އަޣުލަބިއްޔަތުން ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެނައި އެތަކެއް ބަދަލުތަކަކީ، ދިފާއުގައި ކިތަންމެ ހުއްޖަތްތަކެއް ދެއްކިޔަސް، އެކަންކަން ކުރި ހާލަތްތަކަށް ބަލާއިރު، ސުލޫކީ ބޮޑެތި މައްސަލަތައް ހިމެނޭ ކަންކަމެވެ. އެފަދަ އެއްވެސް ކަމެއްގައި ރައްޔިތުންގެ މަސްލަހަތެއް ނެތްކަން ވަރަށް ސާފެވެ. މިހާރު ކުރިމަތިވެގެން މި އުޅެނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސާސީ އެއް ހައްގު ނިގުޅައިގަންނަން އުޅޭ މައްސަލަ އެވެ.

"އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު"ގެ ހަގީގީ މަގްސަދާ މެދު ސުވާލެއް ނެތެވެ. މިނިވަންކަމާ އެކު ޚިޔާލުފާޅުކުރުމުގެ ހައްގު އުވާލަނީ އެވެ. މިކަން ވެސް، މިހާރުގެ ހާލަތަށް ބަލާއިރު، ދިފާއުކުރެވޭކަށް ނެތެވެ. އަސްލު ސަބަބާ މެދު ބައެއް މެމްބަރުން އިއުތިރާފް ވެސް ވެއްޖެ އެވެ؛ މައްސަލައަކީ ވަގަށް ގޮވުމެވެ.

އެމްއެމްޕީއާރުސީ ތެރެއިން ކުރި ބޮޑު ވައްކަން ފަޅާއެރި އިރު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން ވެސް އެތައް ބަޔަކާ ދިމާއަށް ތުހުމަތުގެ އިނގިލި ދިއްކުރަން އާއްމުންނަށް މަޖުބޫރުވި އެވެ. އަދި އެ ނޫން ވެސް ކިތަންމެ ކަމެއްގެ ބިތުފަންގި ނަގަން ޖެހިއްޖެ އެވެ. ޚިޔާނާތާއި ރިޝްވަތާ ދެކޮޅަށް ގޮވާ ގޮވުންތަކުގެ އަޑު ގަދަވެއްޖެ އެވެ.

"ދައުލަތުގެ ނިޒާމުގެ ތެރެއިން ދުވާ ފަސާދައިގެ ނުބައި ވަހާއި ފެންނަ ޚުދުމުޚުތާރު މަންޒަރުތަކާ މެދު ސުވާލުތައް ފެންމަތިކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ. ނޫސްވެރިން އަދާކުރަން ޖެހޭ ޒިންމާއެކެވެ. އެއީ ވަގަށް ގޮވުން ކަމަށް ދެކެންޏާ، ކަންބޮޑުވާންވީ ވަގަށް ގޮވާތީއެއް ނޫނެވެ. ބަލަންވީ ވަގަށް ނުގޮވާނެ ގޮތަކަށް އުޅެވޭތޯ އެވެ."

ވެރިކަންކުރާ ޕީޕީއެމް-އެމްޑީއޭގެ މެމްބަރުން، އެއްވެސް ބަދަލެއް ނުގެނެސް، ފާސްކުރަން ކެތްމަދުވެފައިވާ ބިލަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ހުށަހެޅި އެއްޗެއް ނޫނެވެ. އެއީ ދައުލަތުގެ މަތިފަޑީގައި ތިބި މީހުންނަށް ފާޑުކިޔާ ކޮންމެ ދުލެއް ބުރިކޮށްލަން ތޫނުކުރާ ހަތިޔާރެކެވެ. އެ މީހުން ގިނަ ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރަކަށް ނިމުން އަންނަނީ އެވެ. ފާޑުކިޔުންތަކަށް ރައްދުދީ ދައްކާ ވާހަކަތަކާއި ނެރޭ ބަޔާންތަކުގެ ބަސްމަގު ހުންނަ ގޮތުން އެއް ކަމެއް ވަރަށް ސާފެވެ؛ ސަރުކާރަށާއި ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރާ އެންމެންނަށް މި ވަގުތު "އަބުރު ރައްކާތެރިކުރުން" ވަރަށް މުހިއްމުވެއްޖެ އެވެ.

އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމާ މެދު ދެބަހެއް ނުވަމެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެކޭ އެއްފަދައިން ގާނޫނުއަސާސީން ލިބިދޭ ހައްގެއް ވެސް މެ އެވެ. ކޮންމެ މީހަކަށް ވެސް އަބުރުގެ ރައްކާތެރިކަން ކަށަވަރުވާން ޖެހެ އެވެ. މައްސަލައަކީ އެއެއް ނޫނެވެ. މައްސަލައަކީ ފާސްކުރަން އުޅޭ ބިލު ހަދާފައި އޮތް ގޮތެވެ. ނުވިސްނޭ ބައެއް މީހުން ގަބޫލު ނުކުރިޔަސް ނޫސްވެރިންނާއި އާއްމުންގެ ހުރިހާ ވެސް ކަންބޮޑުވުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލަން އުޅުމެވެ. އެއީ ކިހާ ނުރައްކާތެރި، ކިހާ ގެއްލުން ބޮޑު ކަމެއްކަން އިހުސާސްކުރެވޭނީ ފަހުންނެވެ. ޚިޔާލުފާޅުކުރުމުގެ ހައްގު ނެތް ތަނެއްގައި އެހެން އެއްވެސް ހައްގެއް ނޯންނާނެ އެވެ.

ފާޑުކިޔަނީ މައްސަލަތަކެއް ހުރީމަ އެވެ. ސަރުކާރާއި "ރައްޔިތުންގެ" މަޖިލީހުގައި ތިބި ސަރުކާރުގެ މެމްބަރުންނަށް ވެސް މިކަން އެނގޭނެ އެވެ. ރައްޔިތުންގެ ހަރުމުދާ ވިއްކައިގެން ހޯދި ޚިޔާނާތުގެ ފައިސާ އިން ބައެއް، މެމްބަރުންނަށް ލިބުނު ކަމަށް އެއް މެމްބަރަކު އިއުތިރާފްވީމާ އާއްމުން ސިއްސައިގެންދާނެ އެވެ. އެކަމާ މެދު ފިޔަވަޅެއް ނޭޅީމާ މީހުން ވަކިން ބޮޑަށް ކެކިއަރާނެ އެވެ. ފައިސާ އަށް ވޯޓު ދިނުމާއި ރިޝްވަތު ހިފައިގެން ކޮޅު ބަދަލުކުރުމާއި ސިޔާސީ ދެ ފަޅީގެ ދެމެދުގައި ނާޖާއިޒު ޑީލްތައް ހެދުމުގެ ސީރިއަސް ތުހުމަތުތައް މެމްބަރުންނާއި ޕާޓީތަކުގެ މައްޗަށް ކުރެވުނީމާ ރައްޔިތުން މޭނުބައިކުރާނެ އެވެ.

ސަރުކާރުގެ މަޝްރޫއުތަކާއި ސަރުކާރުން އެހެން ގައުމުތަކާ ބާއްވާ ގުޅުންތަކުގައި ނުކިއްސަރު ކަންތައްތަކެއް އުޅޭހެން ހީވަންޏާ އާއްމުން ސުވާލުކުރާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުރައްވާ ކަންކަމުން ރައްޔިތުންގެ ހައްގުތަކެއް ގެއްލެންޏާ އެ ވާހަކަ ދައްކާނެ އެވެ. ރައްޔިތުންގެ ފައިސާ އިން ނާޖާއިޒު ބޮޑެތި އިނާޔަތްތަކާއި ހަދިޔާތައް ބޮޑުންނަށް ދެންޏާ އެކަން ކުށްވެރިކުރާނެ އެވެ.

މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލައި ބޭކާރު ތަންތަނަށް ހަދަން ޖާގަ ދީގެން ތިބެންޏާ އެ ތަންތަނުގެ މެމްބަރުންގެ ނަޒާހާތްތެރިކަމެއް ނެތް ކަމަށް މީހުން ބުނާނެ އެވެ. އިންސާފުވެރި ޝަރީއަތެއްގެ ހައްގު ކޯޓުތަކުން ނިގުޅައިގަނެ ބޭއިންސާފު ހުކުމްތައް އިއްވާ ކަމަށް ގަބޫލުކުރެވުނީމާ ރައްޔިތުންގެ މޭކަރާނެ އެވެ. ރިޝްވަތު ހިފުމާއި ނުފޫޒުގެ ދަށުވުމާއި ބޭއަދަބީ އަމަލުތަކުގެ ތުހުމަތުތައް ފަނޑިޔާރުންނަށް އަމާޒުވާ އިރު ވެސް ފިޔަވަޅެއް ނާޅަންޏާ ފާޑުކިޔާނެ އެވެ.

މިފަދަ ބޮޑެތި މައްސަލަތަކާ ހެދި، ދައުލަތުގެ މަތީ މަގާމްތަކުގައި ތިބި މީހުންނަށް ފާޑުކިޔުމަކީ އެއްވެސް ހާލެއްގައި އެމީހުންގެ އަބުރު ކަތިލުމެއް ނޫނެވެ. އެއީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ބަޔަކު ޒިންމާދާރުކުރުމެވެ. ހަމަ މަގަށް ގެނައުމެވެ. ކަންކަން އިސްލާހުކުރަން ގޮވާލުމެވެ. ހަމަހަމަކަމާއި އިންސާފާއި ހައްގުތަކަށް ވަކާލާތުކުރުމެވެ.

ދައުލަތުގެ ނިޒާމުގެ ތެރެއިން ދުވާ ފަސާދައިގެ ނުބައި ވަހާއި ފެންނަ ޚުދުމުޚުތާރު މަންޒަރުތަކާ މެދު ސުވާލުތައް ފެންމަތިކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ. ނޫސްވެރިން އަދާކުރަން ޖެހޭ ޒިންމާއެކެވެ. އެއީ ވަގަށް ގޮވުން ކަމަށް ދެކެންޏާ، ކަންބޮޑުވާންވީ ވަގަށް ގޮވާތީއެއް ނޫނެވެ. ބަލަންވީ ވަގަށް ނުގޮވާނެ ގޮތަކަށް އުޅެވޭތޯ އެވެ.

ވެރިން ކުރާ ކޮންމެ ކަމެއް ތަހައްމަލްކޮށްލައިގެން ރައްޔިތުން ތިބޭކަށް ނުޖެހެ އެވެ. އެއީ ރާއްޖެ އިން ނައްތާލާފައި އޮތް ސަގާފަތެކެވެ. އެކަން އަނބުރާ ގެނެސްގެނެއް ނުވާނެ އެވެ. ކުރަން ޖެހޭ ކަމަކީ ނަޒާހާތްތެރިކަން ދެއްކުމެވެ. ވައްކަން ނުކުރަމޭ ބުނުމަކީ ދިފާއެއް ކަމަށް ވެދާނެ އެވެ. އެކަމަކު، ވަގުތާއި ހާލަތާއި ވަށައިގެންވާ ހަގީގަތްތަކުގެ އަލީގައި، އެ ވާހަކައެއް ގަބޫލުކުރުމާއި ނުކުރުން އޮންނާނީ އާއްމުންގެ އަތްމަތީގަ އެވެ.

އަބުރުގެ ބިލެއް މި ގޮތަށް ފާސްކުރަން އުޅޭ ސަބަބަކީ ވެސް އެއީ އެވެ. ސާފު ބޮޑެތި ހެކިތައް ފެނި އިއުތިރާފުތައް އަޑުއިވޭ އިރު ހުރިހާ ރައްޔިތުން މޮޔަ ހެދިފައި ނުތިބޭނެކަން ވިސްނޭތީ އެވެ. ސޯޝަލް މީޑިއާގެ މި ޒަމާނުގައި ހަމައެކަނި ނޫސްވެރިން އޮބިއަޅައިގެން ފަރުޖެހެން ނޯންނާނެކަން އެނގޭތީ އެންމެންގެ ދުލުގައި ގޮށްޖަހަނީ އެވެ.

"މައްސަލައަކީ ފާސްކުރަން އުޅޭ ބިލު ހަދާފައި އޮތް ގޮތެވެ. ނުވިސްނޭ ބައެއް މީހުން ގަބޫލު ނުކުރިޔަސް ނޫސްވެރިންނާއި އާއްމުންގެ ހުރިހާ ވެސް ކަންބޮޑުވުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލަން އުޅުމެވެ. އެއީ ކިހާ ނުރައްކާތެރި، ކިހާ ގެއްލުން ބޮޑު ކަމެއްކަން އިހުސާސްކުރެވޭނީ ފަހުންނެވެ. ޚިޔާލުފާޅުކުރުމުގެ ހައްގު ނެތް ތަނެއްގައި އެހެން އެއްވެސް ހައްގެއް ނޯންނާނެ އެވެ."

ފާޑުކިޔާތީ ނުރުހިގެން މަޖިލީހުގެ މެމްބަރުން ރުޅި އައިސް، މަޖިލީހުގެ ތަޅުމުގަ އާއި އެ ނޫން ވެސް ތަންތަނުގައި، އެތައް ވާހަކައެއް ދައްކައި ރައްޔިތުންނަށާއި ނޫސްވެރިންނަށް ރައްދު ދެ އެވެ. އެމީހުންގެ ނިންމުންތަކާއި އަމަލުތަކާއި ވޯޓު ދޭ ގޮތް ދިފާއުކުރަން އުޅެ އެވެ. އެކަމަކު މެމްބަރުންނަކީ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރާ ބައެއް ކަމަކަށް މީހުން މިހާރު ގަބޫލެއް ނުކުރެ އެވެ.

ކުރާ ކަންކަމަށް ބަލާއިރު ރައްޔިތުންނަށް މެމްބަރުން ފެންނަނީ ނާޖާއިޒު ފައިދާތަކަށް "ވިކޭ" ބައެއްގެ ގޮތުގަ އެވެ. އެފަދަ ވާހަކަތައް ހިމޭންކޮށްލަން ބޭނުންވާ މެމްބަރުންނަށް އަބުރުގެ ބިލަކީ ލިބުނު ވަރަށް ވަރުގަދަ ހަތިޔާރެކެވެ. ވެރިކަން ކުރާ ކޯލިޝަންގެ ފުރިހަމަ އާރާއި ބާރުގައި އެކަން ކޮށް ނިންމާލަން އެ ތިބީ ފޫގަޅައިގެންނެވެ.