Roadha Mihaaru
ކޮލަމް ށަވިޔަނި: ހެދި ނުބައި ރަނގަޅެއް ނުކުރެވޭނެ!

ކޮލަމް ށަވިޔަނި: ހެދި ނުބައި ރަނގަޅެއް ނުކުރެވޭނެ!

13 އޯގަސްޓް 2016

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތް ގާނޫނު ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފާހަގަކުރެއްވީ ދެން ކޮންމެ ކޮންމެ މީހަކަށް ނޫސްވެރިކަން ނުކުރެވޭނެ ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި، ތާކުންތާކުން ނުޖެހޭ ރޯނު އެދުރުން ވެސް މިހާރު ނޫސްވެރިންނަށް އެބަވެ އެވެ. އެކަމަކު މި ގާނޫނާ އެކު އެކަން ބަދަލުވެ ޕްރޮފެޝަނަލް ނޫސްވެރިން އުފެދޭނެ ކަމުގެ “އުފާވެރި ޚަބަރު”، ފޭސްބުކް ސްޓޭޓަސް އަކަށް ކޮމެންޓްކުރައްވަމުން، އޭނާ ދެއްވި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތް ގާނޫނު ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފާހަގަކުރެއްވީ ދެން ކޮންމެ ކޮންމެ މީހަކަށް ނޫސްވެރިކަން ނުކުރެވޭނެ ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި، ތާކުންތާކުން ނުޖެހޭ ރޯނު އެދުރުން ވެސް މިހާރު ނޫސްވެރިންނަށް އެބަވެ އެވެ. އެކަމަކު މި ގާނޫނާ އެކު އެކަން ބަދަލުވެ ޕްރޮފެޝަނަލް ނޫސްވެރިން އުފެދޭނެ ކަމުގެ “އުފާވެރި ޚަބަރު”، ފޭސްބުކް ސްޓޭޓަސް އަކަށް ކޮމެންޓްކުރައްވަމުން، އޭނާ ދެއްވި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދައިގެން އުޅޭ ގާނޫނު ފާސްކުރަން ވޯޓު ދެއްވި މެމްބަރަކު އޭގެ ދިފާއުގައި ވާހަކަދެއްކެވީމާ ހައިރާނެއް ނުވެ އެވެ. ހައިރާންވަނީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއްގެ ހަގީގަތް އޮޅުވާލައި މީހުންގެ ލޮލުގައި އަނދުން އަޅުވަން ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުން އުޅޭތީ އެވެ. ގާނޫނު ފާސްކުރީ ވަރަށް "މާތް މަގްސަދެއް"ގައި، ރައްޔިތުންނަށް ހެޔޮ އެދިގެންކަން ވިސްނައިދޭން މިކަހަލަ އެކި ވާހަކަތައް އެކި މެމްބަރުން އެބަ ދައްކަވަ އެވެ. އެކަމަކު ކޮމިޓީގަ އާއި މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ މެމްބަރުން ދެއްކި އެއްވެސް ވާހަކައެއްގައި ވެސް އަދި ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ މީޑިއާގެ ވަސީލަތްތައް އެކަމަށް ހުސްކޮށްގެން ފެތުރި ޕްރޮޕެގަންޑާގައި ވެސް، މި ގާނޫނަކީ އާއްމު މަސްލަހަތު ހިމާޔަތްކޮށްދޭ ރަނގަޅު އެއްޗެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހުއްޖަތެއް ނުދެއްކެ އެވެ.

"ނޫސްވެރިން ޒިންމާދާރުކުރުމުގެ ދައުރު، މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށް މިހާތަނަށް ވެސް އޮތެވެ. އެކަން ހަރުދަނާކުރަން ޖެހޭ ކަމަށް ދެކެންޏާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ހައްގުތައް ނުގެއްލޭނެ އިސްލާހުތަކެއް ގެންނަންވީ އެވެ. އެކަމަކު އޭގެ ބަދަލުގައި، މަޖިލީހަށް ބިލެއް ވެއްދިތާ އެންމެ ދެ ހަފްތާ ފަހުން، ހަރުކަށި ގާނޫނަކަށް އަމަލުކުރަން މި ފެށީ އާއްމުންނާއި ނޫސްވެރިންގެ ކަންބޮޑުވުންތަކާއި އާދޭސްތައް ބޮލާލައިޖަހާފަ އެވެ."

ފުރަތަމަ ކަމަކީ، ގާނޫނުގެ ހަގީގީ މަގްސަދަކީ ހެޔޮ ނިޔަތެއްގައި އަބުރު ރައްކާތެރިކުރުން ނޫންކަން ދޭހަކޮށްދޭ އެތައް މާއްދާއެއް އޭގައި ހިމަނާފައި ވުމެވެ. މުޅި ގާނޫނުގެ ރޫހަކީ ފާޑުކިޔުން އެއްކޮށް ހުއްޓުވާލައި މިނިވަން ޚިޔާލާއި ފިކުރާއި މިނިވަން ނޫސްވެރިކަން ނައްތާލުމެވެ. އަބުރާ ބެހުން ކަމަށް ބެލެވޭނެ ގޮތްތައް ބަޔާންކޮށްފައިވާލެއް ފުޅާކަމުން، އާއްމުންނާއި ނޫސްވެރިންނާއި މީޑިއާތައް ކުށްވެރި ނުވާނެ އެއްވެސް ގޮތެއް ނެތެވެ. އެކަން އެހެން އޮއްވާ، ކޮންމެ މީހަކަށް ވެސް ކޮންޓެންޓަށް ސީދާ ނުފޫޒު ފޯރުވުމުގެ އިޚްތިޔާރާއި ބާރު އޮތީ ދީފަ އެވެ. ޝަކުވާއެއް ކޮށްފިއްޔާ ލައިވްކުރުން ވަގުތުން ހުއްޓާލަން ޖެހެ އެވެ. ދެ މިލިއަން ރުފިޔާއާ ހަމައަށް ކުރާ ޖޫރިމަނާ ނުދައްކައިފިއްޔާ އެ މީޑިއާއެއް ހުއްޓުވާލާނެ އެވެ. ކުށްވެރިވި މީހުން ޖަލަށް ލާނެ އެވެ. ޖޫރިމަނާ ދައްކާފައި ނޫނީ އިސްތިއުނާފްކުރުމުގެ ހައްގެއް ވެސް ނުލިބެ އެވެ. މި ނޫނަސް ކިތަންމެ ކަމެކެވެ.

ގާނޫނު ލިޔެފައި އޮތީ ވަރަށް ބޮޑަށް މަތިއޮމާންކޮށްފަ އެވެ. ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުގެ އެކި މާއްދާތަކާ ހަވާލާދީފަ އެވެ. ހައްގުތައް ކަށަވަރުކޮށްދިނުމުގެ ދަޅަ ވަރަށް ބޮޑަށް ދައްކައިގެންނެވެ. އެކަމަކު އޭގެ މައިގަނޑު މަގްސަދަކީ މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދީފައި އޮތް ދެ މިނިވަންކަމެއް ނިގުޅައިގަތުންކަން ވަރަށް ސާފެވެ. ގާނޫނު އޮތީ، އެ 23 ސޮފްހާ ކިޔާލި ކޮންމެ މީހަކަށް ވެސް (ސިޔާސީ ގޮތުން ވަކި ކޮޅަކަށް ނުޖެހި ހަމަ ބުއްދިން ވިސްނައިފިއްޔާ)، އޭގެ ހަގީގީ ބޭނުން ވަޒަންކުރެވޭހާ ތިލަ އިބާރާތްތަކަކުންނެވެ. މިއީ އެއްވެސް ހާލެއްގައި އާއްމުންގެ ހައްގުތަކެއް ހިމާޔަތްކޮށްދިނުން ނުވަތަ ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކަށަވަރުކުރުމުގެ ނިޔަތެއް އޮތް ގާނޫނެއް ނޫނެވެ.

ނިޔަތް ގޯސް ކަމަށް ގަބޫލުކުރަން މަޖުބޫރުވާ ދެވަނަ ސަބަބަކީ ގާނޫނު ފާސްކުރި ދަނޑިވަޅާއި އެކަން ކުރަން އަވަސް އަރުވާލި ގޮތެވެ. ހެޔޮ ވެރިކަމެއްގެ ފާލުން ސަރުކާރު ނައްޓާލީމާ ފާޑުކިޔުންތައް މި ދަނީ އޮހެމުންނެވެ. އާއްމުންނާއި ނޫސްވެރިން ކޮރަޕްޝަންގެ ވާހަކަ ދައްކާ ކޮޅުންނުލާ ވަރަށް މައްސަލަތައް ފެންމަތިވެއްޖެ އެވެ. ހަމައެކަނި ތޯތޯ ވާހަކަތަކެއް ނޫނެވެ. ލޯމައްޗަށް ފެންނަ ކަންކަމާއި އިއުތިރާފުތަކާއި ހެކިތަކާއި ސައްހަ އެތައް މައުލޫމާތެއްގެ މައްޗަށް ޒިންމާދާރު ގޮތުގައި ނޫސްވެރިން ކޮށްފައިވާ މަސައްކަތްތައް މީގެ ތެރޭގައި ހިމެނެ އެވެ.

"މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މައްސަލަތައް ފާހަގަކުރާނެ އެވެ. ފާޑުކިޔާނެ އެވެ. ސިޔާސީ ދާއިރާ އަށް ނުކުމެ މީހުންގެ ވޯޓަށް އެދި އާއްމު ހިދުމަތުގެ މަގާމްތައް ފުރާ އިރު، އެ ވަރު އެނގެން ޖެހޭނެ އެވެ. އަދި އެކަން ހަޖަމް ކުރެވެން ވެސް ޖެހޭނެ އެވެ."

ނޫސްވެރިންނަށާއި މީޑިއާ އަށް އެކި ގޮތްގޮތުން އެތައް ފިއްތުންތަކެއް ކުރިމަތިކުރަމުން އައިސް އެންމެ ފަހުން މިކަހަލަ ހަރުކަށި ގާނޫނެއް ފާސްކުރީމާ އެނގެނީ އެންމެ ކަމެކެވެ. ފާޑުކިޔުންތަކާއި ތުހުމަތުތަކުން ރެކެން އާއްމުންގެ އަސާސީ އެތައް ހައްގުތަކެއް ނިގުޅައިގަތީ އެވެ. މިނިވަން ނޫސްވެރިކަން މަރާލަނީ އެވެ.

އެންމެ ކަންބޮޑުވާން ޖެހެނީ ގާނޫނު ތަންފީޒުކުރަން ތިބި މުއައްސަސާތަކުގެ ހާލަތު ހުރި ގޮތުންނެވެ. ހަމަހަމަކަމެއް، އިންސާފުވެރިކަމެއް ނޯންނާނެ ކަން، ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ޔަގީނާ ގާތަށް އެނގެ އެވެ. އިންސާފު ލިބުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ތެދު ހާމަކުރުމަކީ އަބުރާ ބެހުން ނޫން ކަމަށް ގާނޫނުގައި ބުންޏަސް އެއީ ތެދެއްކަން ސާބިތުކޮށްދޭނެ އެއްވެސް ފުރުސަތެއް ނުދީ ޖޫރިމަނާކޮށް ނުވަތަ ޖަލަށް ފޮނުވާލުމުގެ ބިރު ވަރަށް ބޮޑެވެ. އެހެން ގޮތަކަށް ބުނަންޏާ މި ގާނޫނު ވާނީ ބާރުގަދަ، ނުފޫޒުގަދަ މީހުން އާއްމުންނާއި ނޫސްވެރިންގެ ދުވަސް ދުއްވާލައި މީޑިއާ ފުނޑާލަން ބޭނުންކުރާ ވަރުގަދަ ހަތިޔާރަކަށެވެ.

ނޫސްވެރިން ޒިންމާދާރުކުރުމުގެ ދައުރު، މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށް މިހާތަނަށް ވެސް އޮތެވެ. އެކަން ހަރުދަނާކުރަން ޖެހޭ ކަމަށް ދެކެންޏާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ހައްގުތައް ނުގެއްލޭނެ އިސްލާހުތަކެއް ގެންނަންވީ އެވެ. އެކަމަކު އޭގެ ބަދަލުގައި، މަޖިލީހަށް ބިލެއް ވެއްދިތާ އެންމެ ދެ ހަފްތާ ފަހުން، ހަރުކަށި ގާނޫނަކަށް އަމަލުކުރަން މި ފެށީ އާއްމުންނާއި ނޫސްވެރިންގެ ކަންބޮޑުވުންތަކާއި އާދޭސްތައް ބޮލާލައިޖަހާފަ އެވެ. ކުޑަވެސް ދުލެއް ނުދީ ގަދަބާރު ދައްކައި އެންމެ ފަހުން މާއްދާތަކެއް އިތުރުކޮށް ޖެއްސުން ވެސް ކޮށްފަ އެވެ. އެހެންވީމާ މިއީ ރައްޔިތުންނަށްޓަކައި ޕްރޮފެޝަނަލް ނޫސްވެރިކަމެއް ގެންނަން ހެދި ގާނޫނެކޭ ބުނީމާ މީހުން ގަބޫލުކުރާނެ ކަމަށް ހީކުރުމަކީ ބޮޑު ޖޯކެކެވެ.

މެމްބަރަށް ދަންނަވާލަން ބޭނުންވަނީ، ޒަމާން ބަދަލުވެއްޖެ އެވެ؛ މިހާރު ހަމަ ކޮންމެ މީހަކީ ވެސް ނޫސްވެރިއެކެވެ. މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މައްސަލަތައް ފާހަގަކުރާނެ އެވެ. ފާޑުކިޔާނެ އެވެ. ސިޔާސީ ދާއިރާ އަށް ނުކުމެ މީހުންގެ ވޯޓަށް އެދި އާއްމު ހިދުމަތުގެ މަގާމްތައް ފުރާ އިރު، އެ ވަރު އެނގެން ޖެހޭނެ އެވެ. އަދި އެކަން ހަޖަމް ކުރެވެން ވެސް ޖެހޭނެ އެވެ.