Roadha Mihaaru
ބިލާ މެދު ރައީސް ވިސްނަވަން ގޮވާލައިފި

ބިލް ތަސްދީގުކުރުމުގެ ކުރިން ކަންބޮޑުވުންތަކާ މެދު ރައީސް ވިސްނަވަން ގޮވާލައިފި

09 އޯގަސްޓް 2016

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނިގުޅައިގަނެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ތަސްދީގުކުރެއްވުމުގެ ކުރިން، އެ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ވިސްނެވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނިގުޅައިގަނެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ތަސްދީގުކުރެއްވުމުގެ ކުރިން، އެ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ވިސްނެވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން މަޖިލީހަށް ހުށަހެޅި ބިލް ފާސްކުރީ ނޫސްވެރިންނާއި ސިޔާސީ ފަރާތްތައް އަދި ޖަމިއްޔާތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ނުބަލައި ވެރިކަންކުރާ ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތާ އެކު އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ މެދު ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް ނުބަލައި ހައްގުތައް ނިގުޅައިގަނެވޭގޮތަށް މަޖިލީހުން އެ ބިލް ފާސްކުރި ކުރުން ޓްރާންސްޕޭރަންސީން ވަނީ ކުށްވެރިކޮށްފަ އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިޔާ ލިޔާ ލިޔުންތަކާއި ޝާއިއުކުރާ ލިއުންތަކަށް ފާޅުކުރާ ހިޔާލުތަކުގެ ސައްހަ ކަން ކަށަވަރު ކުރުމަށް މަސްދަރު ހާމަކުރަން ބިލުގައި މަޖުބޫރު ކޮށްފައިވާ ކަމަށެވެ. މިއީ މަސްދަރު ހާމަނުކުރަން ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައި އޮތް ހައްގެއް ނިގުޅައިގަނެވޭ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އެ ހައްގު ހިފެހެއްޓޭނެ އެއްވެސް މާއްދާއެއް ގާނޫނުއަސާސީގައި ނެތް ކަން އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ.

ބިލުގައި ދެން ވެސް ހުރި ކަންބޮޑުވުންތައް ޓްރާންސްޕޭރަންސީން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މީޑިއާތަކުގެ ހުއްދަ ބާތިލްކުރުމުގެ ފުރުސަތު ދީފައި އޮތުމާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް އޮތުމެވެ. އަދި މީޑިއާތަކުން ވަގުތުން ބްރޯޑްކާސްޓްކުރުމަށް ހުރަސްއެޅުމާއި އެކި މީޑިއާތަކުގެ އުފެއްދުންތަކަށް އަސަރުފޯރުވުމުގެ ފުރުސަތު ދީފައި އޮތުން ކަންބޮޑުވުމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ނަގަ އެވެ.

"ނުފޫޒާއި ބިރުވެރިކަމުން އެއްކިބާވެ މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން މީޑިއާތަކަށް ދީފައިވާ މިނިވަންކަން މި މާއްދާތަކުން ނިގުޅައިގަނެވެ އެވެ،" ޓްރާންސްޕޭރަންސީގެ ބަޔާނުގައިވެ އެވެ.

އަބުރު ރައްކާތެރިކުރެވެން ޖެހޭނެ ކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ބުނީ އަބުރު ރައްކާތެރިކުރުމަށް ވުރެން ބޮޑަށް ބިލުގައި ބާރު އަޅާފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ހަނިކުރަން ކަމަށެވެ. އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުމުގެ އިހްތިޔާރު އެއްވެސް މުއައްސަސާއަކަށް ދީގެން ނުވާނެ ކަަމަށް އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

"ހަމައެއާއެކު ގާނޫނުއަސާސީންނާއި ދިވެހި ރާއްޖެ ބައިވެރި ވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ނިގުޅައިގަނެ އެ ހައްގުތަކުން މީހުން މަހްރޫމްކުރުމުގެ ނިޔަތް ވެސް މިފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގައި އޮވެގެން ނުވާނެ އެވެ،" ޓްރާންސްޕޭރަންސީގެ ބަޔާނުގައިވެ އެވެ.

އަބުރުގެ ބިލްގެ ނަމުގައި އޮތް ނަމަވެސް، މިއީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ދީފައި އޮތް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، ގާނޫނުއަސާސީގެ މުޅި ރޫހާ ހިލާފަށް ހަނިކުރާ ބިލެއްގެ ގޮތުގައި ނޫސްވެރިން ދިޔައީ ފާހަގަކުރަމުންނެވެ. އަދި ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކެލާ ދާއިރާގެ އަލީ އާރިފް ބިލަށް ހުށަހެޅުއްވީ ކުރިއަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި އިސްލާހުތަކެކެވެ. އެ ބިލް ފާސްކުރީ އެ އިސްލާހުތަކާ އެކުގަ އެވެ. މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، މި ޑްރާފްޓްގައި ވެސް ހިމަނާފައި ވަނީ އިސްތިއުނާފް ނުކުރެވޭ ގޮތަށެވެ. އެ ހާލަތުގައި ތިން މަސްދުވަހާއި ހަ މަސްދުވަހުގެ މުއްދަތަަކަށް އެ ނޫސްވެރިއަކު ޖަލަށް ލެވޭނެ އެވެ. ކުރިން މި ބިލުގައި ނެތް ވަރަށް ނުރައްކާތެރި މާއްދާއެއް ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އެ ގޮތުން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރު ވެ އެވެ.