Roadha Mihaaru

އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލަން މާދަމާ ހުށަހަޅަނީ

އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

އެންޓި ޑިފެކްޝަނާއި އަބުރުގެ ގާނޫނު އުވާލަން ހުށަހަޅަނީ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

03 އޮކްޓޯބަރ 2018

އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

މީޑިއާތަކަށް އަމާޒުކޮށް، މަޖިލިހުން ފާސް ކުރި އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ބައެއް ޓީވީތައް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. ބައެއް މީޑިއާތަކުން ސިފަ ކުރި ގޮތުގައި، އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމެއް ކުރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި، މަޖިލިހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، ސުޕްރީމް ކޯޓުން ވަނީ އެ ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގައި ހުކުމްކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ އުސޫލުތަކުން ބޭރުން ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ. އަބުރުގެ ގާނޫނަކީ މީޑިއާތަކަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުމަށް ފާސްކޮށްފައި އޮތް ގާނޫނެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މަޖިލިހުގެ ތެރެއިން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިއިރު، ސަރުކާރުން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކާއި މީހުންގެ ހައްގުތައް ގެއްލޭ ގޮތަށް ކުރި ކަންކަން ބެލުމުގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށެވެ. ރިޔާޒް ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަޖިލިހުގެ މަސައްކަތް ހުއްޓުވީ ރައީސް އަބްދުﷲ ޔާމީނާއި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހެވެ.

"އެހެންވީމަ އެކަންކަމަށް ހުއްޓުމެއް އައިސް، އަޅުގަނޑުމެން އުންމީދު ކުރަނީ މާދަމާ ވެސް މަޖިލިހުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.

އަބުރުގެ ގާނޫނު އުވައިލުމަކީ އިންތިހާބީ ރައީސް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރިޔާސީ އެއް ވައުދެވެ. އަބުރުގެ ގާނޫނުގެ އިތުރުން، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ފާސްކޮށްފައި ހުރި އެހެން ގާނޫނުތައް އުވާލުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ.

ރިޔާޒް އެހެން ވިދާޅުވި އިރު، މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ މަސައްކަތްތައް ކުރިއަށް ނުދާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މަޖިލިހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން، ފަހު ދައުރުގެ މަސައްކަތްތައް މިދިޔަ އޮގަސްޓް 27 އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާން ޖެހެ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ފުރަތަމަ 100 ދުވަހުގެ ވެރިކަމުގެ ޕްލޭން ހަދަމުން އަންނައިރު، ބަދަލު ކުރަން ޖެހޭ ގާނޫނުތަކާއި އުވާލަން ޖެހޭ ގާނޫނުތައް ހިމަނާނެ ކަމަށެވެ.

"ފަހަރަކު ކަމެއް އަޅުގަނޑުމެންނަށް ކުރެވިގެން ދާނީ. ހުރިހާ ކަމެއް އެއް ފަހަރާ ނުކުރެވޭނެ. ދެ ގާނޫނަށް ފަހު މިނިވަންކަން ނަގާލުމަށް ނޫނީ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް ހަދާފައި ހުރި ގާނޫނުތައް ދާނީ ނިންމަމުން،" އެއްވެ އުޅުމުގެ ގާނޫނާއި ވަކި ބަޔަކަށް އަމާޒުކޮށް، މަޖިލިހުން މީގެ ކުރިން ފާސްކޮށްފައި ހުރި ގާނޫނުތަކަށް އިޝާރާތް ކުރައްވައި ރޮޒެއިނާ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުމަށް މަޖިލިހުގެ ތެރެއިން ވަރަށް ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިން ހެދި ގާނޫނުތަކަށް ބަދަލު ގެނެސް، ހުދުމުހުތާރު ވެރިކަމެއް ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ގާނޫނުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގައި ޕީޕީއެމްގެ މެމްބަރުން ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަޖިލިހުގައި އިންނަވާ ހަމައެކަނި އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ވިދާޅުވި އެވެ.