Roadha Mihaaru
ޓީވީތަކުން ހަމަހަމަ ފުރުސަތު ދޭން ލާޒިމްކުރަނީ

ކެނޑިޑޭޓުންނަށް ޓީވީތަކުން ހަމަހަމަ ފުރުސަތު ދޭން ލާޒިމްކުރަނީ

25 ޖޫން 2018

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުން އެއް ހަމައެއްގައި ފުރުސަތު ދޭން ޖެހޭ ގޮތަށް ލާޒިމްކޮށް، އަދި ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުން އެއް ހަމައެއްގައި ފުރުސަތު ދޭން ޖެހޭ ގޮތަށް ލާޒިމްކޮށް، އަދި ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާއިރު، އޭގެ ތެރޭގައި ގިނައީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ. އޭގެ އިތުރު އިސްލާހުތަކެއް ވެސް ހިމެނެ އެވެ.

އެގޮތުން، އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރުމުން، ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން އެ ޕާޓީތަކަށް ތާއީދު ހޯދުމަށް އިޝްތިހާރު ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އޮންނަ މާއްދާ އަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

އެ ގާނޫނުގައި ކުރިން ބުނެފައިވާ ގޮތުން ކެންޑިޑޭޓަކަށް ވަކި ވަގުތެއް ބްރޯޑްކާސްޓަރުން ކަނޑައެޅި ނަމަވެސް ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ދޭކަށް ހުރަހެއް ނެތެވެ. އެގޮތުން، އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ 10 ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް ވަކިވަކި ކެނޑިްޑޭޓުންނަށް ފުރުސަތު ދެވެ އެވެ.

އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ، ބްރޯޑްކާސްޓަރުން ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ވަގުތު ދޭން ވާނީ ހަމަހަމަކަމާ އެކުގައި ކަމަށެވެ. އަމިއްލަ މީޑިއާތައް ވެސް ހިމެނޭ ގޮތަށް ގެންނަ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ވިއްކުމުގެ ފުރުސަތެއް ވެސް ނޯވެ އެވެ.

އިންތިހާބުތަކުގެ ކެމްޕެއިނަށް ޕާޓީތަކަށް އިތުރު ވަގުތު ވިއްކައިގެން އަމިއްލަ މީޑިއާތަކުން މީގެ ކުރިން ދިޔައީ އާމްދަނީ ހޯދަމުންނެވެ. އާ އިސްލާހު ފާސްވެއްޖެ ނަމަ، އެ ފުރުސަތު ގެއްލޭނެ އެވެ. މީގެ ކުރިން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ދޭން ލާޒިމް ކުރަނީ ދައުލަތުގެ މީޑިއާ އަށް އެކަންޏެވެ.

އެ އުސޫލާ ހިލާފުވާ ބްރޯޑްކާސްޓަރުންގެ މައްސަލަ ފަސޭހަ އިން ހުށަހަޅައި، ފަސޭހަ އިން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އާ އިސްލާހުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ލާޒިމު ކުރެ އެވެ. އެ ކޮމިޝަނުން އެ މައްސަލަތައް ބަލައި ނިންމައި އެ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓްތަކުގައި މީޑިއާއެއްގެ މައްސަލަ އުޅޭ ނަމަ ޝަރީއަތައް ފޮނުވުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ވަނީ ދީފަ އެވެ.

އެ އުސޫލާ ހިލާފަށް އަމަލުކުރާ ނަމަ އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. އޭގެ ތެރޭގައި ޖޫރިމަނާ ކުރުމާއި މާފަށް އެދެން އެންގުމުގެ އިތުރުން ލައިސަންސް ބާތިލްކުރުން ހިމެނެ އެވެ.