26 ޖޫން 2018
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުން ހަމަހަމަ ގޮތެއްގައި ފުރުސަތު ދޭން ލާޒިމްކޮށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން ޕްރައިވެޓް ޓީވީތަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އެ ތަންތަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުން ހަމަހަމަ ގޮތެއްގައި ފުރުސަތު ދޭން ލާޒިމްކޮށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން ޕްރައިވެޓް ޓީވީތަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އެ ތަންތަނުން ބުނެފި އެވެ.
ހަމަހަމަ ފުރުސަތު ދިނުމުގެ އިތުރުން، ވަކި ކެންޑިޑޭޓަކަށް އިތުރަށް ވަގުތު ނުވިއްކޭ ގޮތަށް ވެސް އެ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
ގާނޫނުގައި ކުރިން ބުނެފައިވާ ގޮތުން ކެންޑިޑޭޓަކަށް ވަކި ވަގުތެއް ބްރޯޑްކާސްޓަރުން ކަނޑައެޅި ނަމަވެސް ވަކި ކެންޑިޑޭޓަކަށް އިތުރު ވަގުތު ދޭކަށް ހުރަހެއް ނެތެވެ. އެގޮތުން، އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ 10 ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް ވަކިވަކި ކެންޑިޑޭޓުންނަށް ފުރުސަތު ދެވެ އެވެ. އަދި އިންތިހާބުތަކުގެ ކެމްޕެއިނަށް ޕާޓީތަކަށް އިތުރު ވަގުތު ވެސް ވިއްކޭނެ އެވެ.
އެކަމަކު އަލަށް ހުށަހެޅި އިސްލާހުގައި ވާގޮތުން ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ވަގުތު ދޭން ވާނީ ހަމަހަމަކަމާ އެކުގަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވީޓީވީން ބުނި ގޮތުގައި ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންނަށް އިތުރު ވަގުތު ވިއްކައިގެން އަމިއްލަ ޓީވީތަކަށް ކުރިން ބޮޑު އާމްދަނީއެއް ލިބެ އެވެ. އެކަމަކު އެ ފުރުސަތު ގެއްލި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ އަށް ވަގުތު ދޭން ޖެހިއްޖެ ނަމަ މާލީ ގޮތުން އެތަނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުންޏެވެ.
ވީމީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހު ގަބޫލު ނުކުރެވޭ ކަމަށާއި ހަމަހަމަ ކަމާއެކު ފުރުސަތު ދޭން އެންގޭނީ، ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ މީޑިއާ އަށް އެކަނި ކަމަށެވެ.
"އަމިއްލަ ޓީވީތަކުން މި އޮޕަރޭޓް ކުރަނީ ވަރަށް ދަތި ހާލުގައި. އަޅުގަނޑުމެން އަތުގައި ގިނަ ފަހަރަށް މުވައްޒަފުންނަށް މުސާރަ ދޭ ވަރަށް ވެސް ފައިސާއެއް ނުހުރޭ. އެހެންވެ، އަމިއްލަ ޖީބުން ހަރަދު ކުރާ ޓީވީތަކަށް މި ގޮތަށް އަމަލު ކުރަން އެންގުމަކީ އެއްވެސް ހަމައެއް އޮތް ކަމެއް ނޫން،" މޮންދު ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ސަރުކާރުން ގާނޫނެއް ހަދައި ފާސް ކޮށްފިނަމަ، އެކަމަށް ބޯލަނބާނެ ކަމަށާއި މިހާތަނަށް އެތަނުން އަމަލު ކުރަމުން އައީ ވެސް އެގޮތަށް ކަމަށެވެ. އެކަމަކު ސަރުކާރުން ހުށަހެޅި އެޅި އެ އިސްލާހު، މުދާ ހޯދުމާއި ގެންގުޅުމާ ގުޅޭ ގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާތަކާ ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ ވިޔަފާރި ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައިވާ އިރު، ވިޔަފާރި އުސޫލުން ދޭ ހިދުމަތެއް ހިލޭ ދިނުމަށް ގާނޫނަކުން ލާޒިމް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ބައެއްގެ މުދާ ފޭރެން ނުވަތަ ހިލޭ ހޯދުމަށް ހުށަހަޅާފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަންގު ޓީވީގެ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ވިދާޅުވީ ޓީވީތަކަށް އާމްދަނީ ލިބޭ މި ފަދަ ކަމެއްގައި ގާނޫނެއް ހަދައި، ވަކި ކަމެއް ކުރުމަށް މަޖުބޫރުކަމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ހުރިހާ ކެންޑިޑޭޓުންނަށް އެއް ހަމައަކުން ވަގުތު ދޭ ނަމަ، ޕްރައިވެޓް ޓީވީތަކަށް ސަރުކާރުން ފައިސާ ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭއިރު، ވަކި ކެންޑިޑޭޓަކަށް ދޭ ވަގުތުގައި އޭނާ ވަޑައިނުގެންފި ނަމަ، އެ "އެއާ ޓައިމް" ގެއްލޭނެ ކަމަށެވެ. އަދި އެ ވަގުތުގައި އަނެއް ކެންޑިޑޭޓުގެ މާ މުހިއްމު ހަރަކާތެއް އޮތް ނަމަވެސް، ގާނޫނުގައި އޮތް ހަމަހަމަ ފުރުސަތުގެ ދަށުން އެ ހަރަކާތް ނުގެނެސްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެންމެން ވެސް ބަލާނީ ސިޔާސީ ހަބަރު. ކެންޑިޑޭޓުން ދައްކާ ވާހަކަތައް. އެކަމަކު ވަކި ކެންޑިޑޭޓަކަށް ހާއްސަކޮށްފައި އޮންނަ ވަގުތުގައި އޭނާ ވަޑައިނުގެންފި ނަމަ އަޅުގަނޑުމެން ކޯއްޗެއްތޯ ދައްކާނީ؟" އަސްވާޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މީޑިއާ އަށް ލިބޭ އިމްތިޔާޒުތައް ޕްރައިވެޓް މީޑިއާތަކަށް ސަރުކާރުން ނުދޭ ކަމަށާއި އެހެންވެ، އެ ތަންތަނަށް އާމްދަނީ ލިބޭ ގޮތާ ގުޅޭ ގޮތުން ސަރުކާރަށް މި ފަދަ ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އަދި ހަމަހަމަ ފުރުސަތުތައް ދިނުމަށް، ޓީވީތަކުގެ ޕްރޮގްރާމްތައް ޝެޑިއުލް ކުރާނެ ގޮތް ވެސް އެ ފަދަ ގާނޫނަަކުން ނުނިންމޭނެ ކަމަށް ވިދާޅުވި އެވެ.
އުސޫލާ ހިލާފުވާ ބްރޯޑްކާސްޓަރުންގެ މައްސަލަ ފަސޭހަ އިން ހުށަހަޅައި، ފަސޭހަ އިން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އާ އިސްލާހުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ލާޒިމު ކުރެ އެވެ. އެ ކޮމިޝަނުން އެ މައްސަލަތައް ބަލައި ނިންމައި އެ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓްތަކުގައި މީޑިއާއެއްގެ މައްސަލަ އުޅޭ ނަމަ ޝަރީއަތައް ފޮނުވުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ވަނީ ދީފަ އެވެ.
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
ވީމީޑިއާގެ ސީއޯއޯގެ މަގާމުން މޮންދު ވަކިވެއްޖެ
ޓީވީތަކުން ހަމަހަމަ ފުރުސަތު ދޭން ލާޒިމްކުރަނީ
ނަޝީދުގެ ކޮންޓެންޓު ނުދައްކަން ރާއްޖެޓީވީއަށް އަންގައިފި
އިންތިހާބާ ދިމާކޮށް މިގޮތަށް ނުފޫޒު ފޯރުވިދާނެތަ؟
އަކްރަމް އީސީން އިސްތިއުފާ ދެއްވައިފި
މީޑިއާ ކޮމިޝަންގެ ހިޔާލާ މެދު މީޑިއާތަކުން ކަންބޮޑުވޭ
މުސާރަނުދެވި ވީމީޑިއާ ހުއްޓާލަން ޖެހިދާނެކަން އަންގައިފި
އިންތިހާބުގެ ތައްޔާރީ ސިއްހީ ކުއްލި ނުރައްކާ ނިމުމުން
ޖެނުއަރީ 6ގެ ކުރިން އިންތިޚާބު ބާއްވަން ގާނޫނެއް