Roadha Mihaaru
މީޑިއާނެޓް 52،000ރ. އިން ޖޫރިމަނާކޮށްފި

ހުއްދަ ދިން ގޮތާ ޚިލާފަށް ޕެކޭޖަކަށް ބަދަލު ގެނައުމުން މީޑިއާ ނެޓް 52،000ރ. އިން ޖޫރިމަނާކޮށްފި

21 ޖޫން 2018

ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފާސްކޮށްދީފައިވާ ގޮތާ ޚިލާފަށް ޕެކޭޖަކަށް ބަދަލު ގެނެސްގެން ދޫކޮށްފައި ވާތީ 52،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފާސްކޮށްދީފައިވާ ގޮތާ ޚިލާފަށް ޕެކޭޖަކަށް ބަދަލު ގެނެސްގެން ދޫކޮށްފައި ވާތީ 52،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މީޑިއާނެޓު ޖޫރިމަނާކުރީ އެ ކުންފުންޏަށް ފާސްކޮށްދީފައިވާ "ހިޓްސް" ޕެކޭޖާއި މީޑިއާ ނެޓުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގައި ހިމަނާފައިވާ "ހިޓްސް" ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރުމުން ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ފާސްކޮށްދީފައިވާ "މީޑިއާ ނެޓް ހިޓްސް ޕެކޭޖް" ގައި ހިމެނޭ އަސާސީ ޕެކޭޖަށް ތިން ފަހަރެއްގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އުނިއިތުރު ގެނެސްފައިވާ ކަމަށެވެ. އެހެންވެ ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާ ކޮންމެ ފަހަރަކަށް 2,000ރ ގެ މަގުން، ތިން ފަހަރަށް ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އެ ކުންފުނިން ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނުވާ 23 ޗެނަލް ހިމަނައިގެން "މީޑީއާ ނެޓް ހިޓްސް ޕެކޭޖް" ގެ ހިދުމަތް ދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ. މަގުން 23 ޗެނަލަށް، ޖުމްލަ 46,000ރ. އިން މީޑިއާނެޓް ޖުރިމަނާކޮށް، ޖޫރިމަނާ ފައިސާއަށްވާ 52,000ރ. މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށް ވަނީ އަންގައިފަ އެވެ.