20 ޖޫން 2018
ރަސްރަނި ބަގީޗާގެ އިރު ދެކުނު ކަނުގައި ސަރުކާރުން ހަދައި އަމިއްލަ ކުންފުންޏަކަށް ހިންގަން ހަވާލު ކޮށްފައިވާ "ވިންޓަ ތީމް ޕާކް" މިއަދުން ފެށިގެން އާންމުންނަށް ހުޅުވާލައިފި އެވެ.
ރަސްރަނި ބަގީޗާގެ އިރު ދެކުނު ކަނުގައި ސަރުކާރުން ހަދައި އަމިއްލަ ކުންފުންޏަކަށް ހިންގަން ހަވާލު ކޮށްފައިވާ "ވިންޓަ ތީމް ޕާކް" މިއަދުން ފެށިގެން އާންމުންނަށް ހުޅުވާލައިފި އެވެ.
ފިނިހޫނުމިން ހަތަރު 4-14 ޑިގްރީގައި ހުންނަ އެ ޕާކަށް ވަނުމަށް ދުރާލައި ނަމްބަރު ނަގަން ޖެހޭ އިރު ނަމްބަރު ޖެހުމުން ޕާކަށް ވަދެވޭނީ 20 ރުފިޔާގެ ޓިކެޓެއް ނަގައިގެންނެވެ. ކުރިން ކަޅުވަކަރު މިސްކިތް ހުރި ބިމުގައި ހަދާފައިވާ އެ ޕާކުން ނަމްބަރު ދޫކުރާ އިރު "ކިޔުބީ" އެޕްލިކޭޝަން މެދުވެރިކޮށް ވެސް ޓޯކަން ނަމްބަރު ނެގެ އެވެ.
ވިންޓަ ތީމް ޕާކް ހިންގަން ހަވާލުކޮށްފައި ވަނީ ޑައިމަންޑް ވިންގްސްއާ އެވެ. މިއަދު ވަނީ ދިވެހި ނޫސްވެރިންނަށް އެ ތަން ދައްކާލައިފަ އެވެ.
ވިންޓާ ތީމް ޕާކްގައި ސްނޯ ސްލައިޑް ކުރަނީ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެ ޕާކަށް ވަންނަ އިރު، ފިނި މޫސުމުގައި ބޭނުންކުރާ ބޫޓާއި ޖެކެޓް އަދި އަންގި ބޭނުން ކުރަންޖެހެ އެވެ. ޖެކެޓާއި ބޫޓް ކުއްޔަށް ދެނީ 40 ރުފިޔާ އަށެވެ. އަންގި އާއި ސްޓާކިން ޖެހެނީ ގަންނާށެވެ. ބޭނުން ނަމަ ގަނެގެން ގެންދެވެ އެވެ.
އެ ޕާކްގެ ތެރޭގައި އާޓިފިޝަލް ސްނޯ ވެހޭ، "ސްނޯ ހައުސް" އެއް ހަދާފައިވާ އިރު އިތުރު ފީއަކާ ނުލައި ކުޑަކުދިންނަށް އެ ތަނުގައި ސްނޯއާ ކުޅެވެ އެވެ. އެ ތަނަށް އާޓިފިޝަލް ސްނޯ ވެހޭ އިރު މުޅި ސަރަހައްދަށް ވެސް އޮންނަނީ އާޓިފިޝަލް ސްނޯ އަޅާފަ އެވެ.
ސްކޭޓް ކުރުމަށް ބޮޑު ސެންޓަރެއް ހަދާފައިވާ އިރު އެ ފުރުސަތު ލިބެނީ ފަސް އަހަރުން މަތީގެ ކުދިންނަށާއި މީހުންނަށެވެ. ސާޅީސް ރުފިޔާގެ ޓިކެޓަކަށް 20 މިނެޓް ވަންދެން ސްކޭޓް ކުރުމުގެ ފުރުސަތު ލިބެ އެވެ. ސްކޭޓް ކުރަން ނޭނގޭ މީހުންނާއި ކުދިން ބޭނުންކުރާ ތަކެއްޗާއެކު ސްކޭޓް ކުރުމުގެ އަގަކީ 20 ރުފިޔާ އެވެ.
އެ ޕާކް ހިންގާ، ޑައިމަންޑް ވިންގްސްގެ މައި ކުންފުނި، ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ސީއޯއޯ، އައިމިނަތު ސޫޒަން ވިދާޅުވީ ސްކޭޓް ކުރަން ދިވެހިންނަށް ދަސްކޮށްދޭ ކްލާސްތަކެއް އެ ތަނުގައި ފަށަން ނިންމާފައިވާ ކަމަށެވެ.
އެޗްއާރުސީގެ ސީއޯއޯ، އައިމިނަތު ސޫޒަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ސްނޯގެ ކުޅިވަރުތައް ދަސްކޮށްދޭން ފްރާންސްގެ އައިސްހޮކީ ޗެމްޕިއަނެއް މިހާރު ވެސް އެ ތަނުގައި މަސައްކަތް ކުރެ އެވެ.
އައިސް ސްލައިޑްގައި ހަ އަހަރުން މަތީގެ ކުދިންނާއި މީހުންނާއި ބައިވެރިވެވޭ އިރު ޓިކެޓެއް ވިއްކަނީ 10 ރުފިޔާ އަށެވެ. އެއީ ފަސް ފަހަރު ސްލައިޑް ކުރުމަށެވެ. ވައިޖަހާފައިވާ ރިންގެންގައި ސްލައިޑް ކުރަންޖެހެނީ އައިސްތަކެއް މަތިންނެވެ.
ސްކޭޓިން އާއި ސްލައިޑިން އަދި ސްނޯ ހައުސްއާ އެކު ހުރިހާ ކުޅިވަރެއްގައި ބައިވެރިވުމަށް ނަގަން ޖެހެނީ 100 ރުފިޔާގެ ޓިކެޓެކެވެ.
އެ ޕާކް ހަފުތާގެ ކޮންމެ ދުވަހަކު ވެސް ހުޅުވާނެ އެވެ. ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުވާފައި ހުރެ އެވެ. އަދި ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 8:00 އިން 23:00 އަށް ޕާކް ހުޅުވަ އެވެ. ހުކުރު ދުވަހު އެތަން ހުޅުވަނީ ހެނދުނު 6:00 އިން 11:00 އަށް އަދި މެންދުރު 2:00 އިން ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 12:00 އަށް ހުޅުވަ އެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ހުޅުވަން ވަނީ ނިންމާފަ އެވެ.
ވިންޓާ ތީމް ޕާކްގެ ސްނޯ ހައުސް-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ފެނާއި ކަރަންޓުގެ ބޮޑު ހޭދައެއް ކުރަންޖެހޭ އެ ޕާކް ހިންގުމަށް ހޭދަވާ ހަރަދު ހޯދުމަށް ރަސްރަނި ބަގީޗާގައި ކެފޭއެއް ހެދުމުގެ ހުއްދަ ވަނީ ދީފަ އެވެ. ވިންޓާ ތީމް ޕާކް ތެރޭގައި ކުޑަ ކެފޭއެއް މިހާރު ހަދާފައިވާއިރު ރަސްރަނި ބަގީޗާގައި ހަދާ ކެފޭ ވަރަށް އަވަހަށް ހުޅުވަން ވަނީ ނިންމާފަ އެވެ. އެ ތަނުގައި އިވެންޓްތައް ބާއްވައިގެން ވެސް ފައިސާ ހޯދުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ވިންޓާ ތީމް ޕާކް ހަފްލާތަކަށް ދޫކުރަން ނިންމާފައިވަނީ ގަޑި އިރަކަށް 10،000 ރުފިޔާ އަށެވެ.
އެ ޕާކް ހަދާފައިވަނީ ސްވިޒަލޭންޑާއި ފްރާންސްގެ ތަޖުރިބާކާރުންގެ އެހީގަ އެވެ. އިމާރާތް ހަދާފައިވަނީ ހާއްސަ ތަކެތި ބޭނުންކޮށްގެނެވެ. އެގޮތުން އެތަނުގެ ވަށައިގެން ފިނި ހިފަހައްޓާ ގޮތަށް އަށް އިންޗިއަށް ވުރެ ބޯ ފާރެއް ލާފައިވެ އެވެ.
ވިންޓަ ތީމް ޕާކް ހުޅުވައިފި
"ފިނި މޫސުން" ގެންނަ ވިންޓަ ކޯނާ އީދުދުވަހު ހުޅުވަނީ
މި މަހު "ފިނި މޫސުން" ގެނެވޭތޯ އެބަބަލަން: ހައުސިން
އިރުމަތީ އޭޝިޔާއަށް އާދަޔާ ޚިލާފު ފިނި މޫސުމެއް
ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ
އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި
އެމެރިކާ އަށް ނަގޫރޯޅި އާއި ގަނޑުފެނުގެ ނުރައްކާ
ސަލްޓަން ޕާކަށް ނަން ބަދަލުކުރުމުން މުއިއްޒުގެ ނުރުހުން
ރަސްރަނި ބަގީޗާއަށް ވަންނަން ބިދޭސީން އަތުން 75ރ.
ޑިސެމްބަރުގައި ރާއްޖެއަށް "ފިނިމޫސުން" އަންނާނެ:ރައީސް