Roadha Mihaaru
ދަނޑުން ކުނި ހޮވައި ސަޕޯޓަރުން ނަމޫނާ ދައްކައިފި

ދަނޑުން ކުނި ހޮވައި ޖަޕާނާއި ސެނެގާލް ސަޕޯޓަރުން ނަމޫނާ ދައްކައިފި

20 ޖޫން 2018

މޯޑޯވާ (ޖޫން 20) - ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗްތަކަށް ފަހު ޖަޕާނާއި ސެނެގާލް ގެ ސަޕޯޓަރުން އާދަޔާ ޚިލާފު ނަމޫނާއެއް ދައްކައިފި އެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

މޯޑޯވާ (ޖޫން 20) - ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗްތަކަށް ފަހު ޖަޕާނާއި ސެނެގާލް ގެ ސަޕޯޓަރުން އާދަޔާ ޚިލާފު ނަމޫނާއެއް ދައްކައިފި އެވެ.

މޯޑޯވިއާ އެރީނާގައި ކޮލަމްބިއާގެ މައްޗަށް 2-1 އިން ކުރި ހޯދި މެޗަށް ފަހު ޖަޕާނު ސަޕޯޓަރުން ވަނީ އެކީއެކައްޗަކަށް ގޮނޑުވެފައި އޮތް ސްޓޭޑިއަމްގައި އެމީހުން ތިބި ހިސާބު ކުޑަ ހިނދުކޮޅެއްގެ ތެރޭ ސާފުކޮށްލައިފަ އެވެ.

ދެ ގޮނޑިބަރި ދޭތެރޭގައި ސަފު ހަދައިލައިގެން ތިބެ، މެޗު ކުރިއަށް ދިޔައިރު ސަޕޯޓުކުރިހައި ފޯރީގައި، ކުނިއަޅާ ބޮޑެތި ކޮތަޅުތައް ހިފައިގެން ސަޕޯޓަރުން ހަރަކާތްތެރިވި މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ތާރީފު އެކަމަށް ދަނީ އޮހެމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖަޕާނު ޓީމުގެ ޚަބަރުތައް ކަވަރުކުރުމަށް ރަޝިއާ ގައި ހަރަކާތްތެރިވާ ނޫސްވެރިއަކު ބީބީސީއަށް ކިޔައިދިން ގޮތުގައި އިއްޔެ ފެނިގެން ދިޔައީ ހަމައެކަނި ފުޓުބޯޅަ އާއި ގުޅިފައިވާ އާދައެއް ނޫނެވެ. އެއީ ޒަމާނުއްސުރެ ޖަޕާނުގެ އާދަކާދައިގެ ތެރޭގައި ހިމެނޭކަމެއްކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުން ބުނެއުޅޭ ދޯ ފުޓުބޯޅައަކީ ސަގާފަތާ އާދަކާދަ ވެސް ރަމްޒުކޮށްދޭ އެއްޗެކޭ. ކޮންމެ ކަމެއްގައި ވެސް ސާފުތާހިރުކޮށް ރީތިކޮށް ކަން ކުރުމަކީ ޖަޕާނުގެ ސަގާފީ އާދައެއް. ފުޓުބޯޅައިގައިވެސް އެހެން ކަންކަމުގައި ވެސް" - ޖަޕާނު ނޫސްވެރިއެއް

ރޭ ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލެންޑު 2-1 އިން ބަލިކުރި ސެނެގާލު ޓީމުގެ ސަޕޯޓަރުން ވެސް ވަނީ މެޗަށް ފަހު ސްޓޭޑިއަމް ސާފުކުރުމުގައި އެހީވެދީފަ އެވެ. ގިނަބަޔަކު ދަނޑުން ނުކުމެފައި ވަނީ ސަޕޯޓުކުރަން ވެއްދި ދިދަތަކާއި ފޮތިތަކާއި ކާބޯތަކެތި އަޅައިފައިވާ ދަޅާއި ފުޅި ފަދަ ހުރިހާ އެއްޗެއް ނަގައި އެމީހުނަށް ހާއްސަކޮށްފައި އޮތް ސަރަހައްދު އެކުގައި ސާފުކޮށް، ހަމައަކަށް އަޅުވައިލައިފަ އެވެ.

ރޭ ޕޮލެންޑް އަތުން 2-1 އިން މޮޅުވި މެޗަށް ފަހު ސެނެގާލް ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރުމުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ޑެއިލީ މެއިލް

ރޭ ޕޮލެންޑް އަތުން 2-1 އިން މޮޅުވި މެޗަށް ފަހު ސެނެގާލް ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރުމުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ޑެއިލީ މެއިލް

އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ތައުރީފްކުރަމުންދާ ފަރާތްތަކުން ދަނީ އެހެން ޓީމުތަކުން ވެސް އެފަދަ ރީތި އާދަތައް ނަމޫނާއަކަށް ބަލަން ހިއްވަރު ދެމުންނެވެ.

މިދިޔަ މަހުގެ ސޯޅައިގައި ފެށުނު ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު އީދުގެ މަޖާ އެކި ކަންކޮޅުތަކުގައި ނަގަމުން ދާއިރު، ޖަޕާނާއި ސެނެގާލު ގެ ސަޕޯޓަރުން މި ވަނީ ފުޓުބޯޅައިގެ ހިތްގައިމުކަން ދަނޑުމަތިންނާއި ދަނޑުބޭރުން ވެސް ދައްކައިދީފަ އެވެ.