Roadha Mihaaru
ފެޑެރާއާ ވާދަކުރުމުގެ ވިސްނުމެއް ނެތް: ނަޑާލް

ފެޑެރާއާ ވާދަކުރުމުގެ ވިސްނުމެއް ނެތް: ނަޑާލް

11 ޖޫން 2018

ޕެރިސް (ޖޫން 11) - ކެރިއަރުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް ރޮޖާ ފެޑެރާ ހަދާފައިވާ ރެކޯޑާ ހަމަކޮށް އޭނާއާ ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސްޕެއިނުގެ ރަފައެލް ނަޑާލް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 11) - ކެރިއަރުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް ރޮޖާ ފެޑެރާ ހަދާފައިވާ ރެކޯޑާ ހަމަކޮށް އޭނާއާ ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސްޕެއިނުގެ ރަފައެލް ނަޑާލް ބުނެފި އެވެ.

ނަޑާލް ވަނީ ރޭ ޑޮމިނިކް ތިއެމް ބަލިކޮށް 11 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ. މިއީ ނަޑާލްގެ ކެރިއަރުގައި އޭނާ އަށް ލިބުނު 17 ވަނަ ގްރޭންޑް ސްލޭމް ތަަށްޓެވެ. އެންމެ ގިނަ ގްރޭންޑްސްލޭމް ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ 20 ގްރޭންޑް ސްލޭމް ހަމަކޮށްފައިވާ ފެޑެރާ އަތުގަ އެވެ.

"ތެދެއް އަހަރެން ބޭނުން ފެޑެރާއާ އެއްވަރަށް 20 ގްރޭންޑް ސްލޭމް ހަމަކުރަން އަދި އެ އަށް ވުރެން ދުރަށްދާން. އެކަމަކު ކޮންމެ ދުވަހަކު އަހަރެން ބޮލުގައި އޮންނާނީ އެކަމެއް ނޫން. މެޗަކަށް ފަހު މެޗެއް އަހަރެން ބޭނުންވަނީ މޮޅުވާން. މިއީ ކެރިއަރުގެ ފަހު ކޮޅު މިހާރު ކުޅެވޭ ކޮންމެ މެޗެއް ވެސް އެއީ ހިތްހަަމަ ޖެހުމެއް،" އުމުރުން 32 އަހަރުގެ ނަޑާލް ބުންޏެވެ.

ނަޑާލް ވަނީ ފްރެންޗް އޯޕަންގެ ކުރިން އެންމެ ފަހުން ކްލޭ ކޯޓުގައި ކުޅުނު ތިން މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. މި ފަހަރުގެ ފްރެންޗް އޯޕަންގެ ކާމިޔާބީ އަށް ފަހު ނަޑާލް ވެފައިވަނީ މަގަރެޓް ކޯޓަށް ފަހު އެއް ގްރޭންޑް ސްލޭމެއް 11 ފަހަރު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ނަޑާލް އެންމެ ފަހުން ކްލޭ ކޯޓުގައި ކުޅުނު މެޗަކުން ބަލިވީ މިދިޔަ އަހަރު މެއި މަހު އެވެ. ރޯމް އޯޕަން ކުއާޓާ ފައިނަލުގައި ނަޑާލް ބަލިވީ ތިއެމްއާ ވާދަކޮށެވެ. ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ނަޑާލް ދެން ނުކުންނާނީ ކުރިއަށް އޮތް ވިމަބަލްޑަން ޓެނިސް މުބާރާތަށެވެ. ގްރާސް ކޯޓުގައި ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން ނަޑާލް ވަނީ ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނަޑާލަށް ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ގަދަ 10 އަކުން ޖާގަގެއްލުނުއިރު، ގިނަ ގްރޭންޑް ސްލޭމްތަކެއްގައި ވެސް އޭނާ ހުރީ ކުޅިބަލާށެވެ. އޭގެ ފަހުން ކުޅުމަށް އެނބުރި އައިސް ނަޑާލް އަންނަނީ ތަފާތު ދައްކަމުންނެވެ. މިހާރު ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތީ ވެސް ނަޑާލް އެވެ.