Roadha Mihaaru
ފްރެންޗް އޯޕަން ތަށްޓާ އެކު ނަޑާލަށް ރެކޯޑެއް

10 ވަނަ ފްރެންޗް އޯޕަން ތަށްޓާ އެކު ނަޑާލަށް ރެކޯޑެއް

12 ޖޫން 2017

ޕެރިސް (ޖޫން 11) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި 10 ވަނަ ފަހަރަށް އުފުލާލައި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއާގެ ޝަރަފް ސްޕެއިނުގެ ރަފައެލް ނަޑާލް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 11) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި 10 ވަނަ ފަހަރަށް އުފުލާލައި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއާގެ ޝަރަފް ސްޕެއިނުގެ ރަފައެލް ނަޑާލް ހޯދައިފި އެވެ.

މި ކާމިޔާބީއާ އެކު ނަޑާލް ވެފައިވަނީ ޓެނިހުގެ އޯޕަން އިރާ ތާރީހުގައި އެއް ގްރޭންޑް ސްލޭމް މުބާރާތެއް 10 ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއާ އަށެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ނަޑާލް ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ. އެ ފަހަރު ވެސް ނަޑާލް ކާމިޔާބުކުރީ ފްރެންޗް އޯޕަން އެވެ.

ނަޑާލް މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކުރީ މިއަދު ކުޅުނު ފައިނަލުގައި ސްވިޒަލެންޑްގެ ސްޓެން ވަވްރިންކާ ބަލިކުރުމަށް ފަހު އެވެ. ފައިނަލުގެ ސެޓުތައް 6-2 6-3 6-1 އިން ނަޑާލް ގެންދިޔައިރު އޭނާ މުބާރާތް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ސެޓެއް ނުގެއްލި އެވެ.

މިއީ ކްލޭކޯޓު މުބާރާތްތަކުގައި ތަފާތު މޮޅު ކުޅުމެއް އަބަދުވެސް ދައްކާ ނަޑާލް ކެރިއަރުގައި ކާމިޔާބުކުރި 15 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. ނަޑާލް ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި ފްރެންޗް އޯޕަންގައި ކުޅުނު 81 މެޗުގެ ތެރެއިން 79 މެޗުން މޮޅުވެފަ އެވެ.

"މިއީ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބީ. އެކި މުބާރާތްތައް އަހަރެންގެ ކެރިއަރުގައި ކާމިޔާބު ކޮށްފިން. އެކަމަކު މި ކާމިޔާބީ ހާއްސަ. އެއީ ވަރަށް އުނދަގޫ ހާލަތްތަކެއް މިދިޔަ ދެ އަހަރު ތެރޭގައި ކުރިމަތިވެއްޖެ. އެކަމަކު ހިތްވަރާ އެކު އަހަރެން ފަސް ބެލުމެއް ނެތި ކުރި މަސައްކަތުގެ ނާތީޖާ މިއީ،" އުމުރުން 31 އަހަރުގެ ނަޑާލް ބުންޏެވެ.

ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ނަޑާލްގެ ފޯމު ވަރަށް ބޮޑަށް ދަށްވި އެވެ. އެހެން ނަމަވެސް މި އަހަރު އޭނާ އަންނަނީ ކުރިން ދެއްކި މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ފައިނަލުން ނަޑާލް ބަލިވީ ރޮޖާ ފެޑެރާއާ ވާދަކޮށެވެ.

ސްވިޒަލެންޑްގެ ވަވްރިންކާ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީގައި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ކުޅުންތެރިއާ އެންޑީ މަރޭ ބަލިކުރުމަށް ފަހު އެވެ. ފައިނަލުގައި ވާދަކުރި އުމުރުން 32 އަހަރުގެ ވަވްރިންކާ އަކީ 1973 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ފައިނަލުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއާ އެވެ.

"ނަޑާލްގެ ފޯމު ރަނގަޅު ދުވަހެއް މިއީ. އަހަރެންނަށް އެއްވެސް ފުރުސަތެއް ނުދީ ނަޑާލް މި މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު. އަހަރެން އޭނާ އަށް މަރުހަބާ ކިޔަން،" 2015 ވަނަ އަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކުރި ވަވްރިންކާ ބުންޏެވެ.