10 ޖޫން 2018
ރ. ފައިނުގައި ސަރުކާރުން ހަދަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓު އަދި ސިޓީ ހޮޓަލުގެ މަޝްރޫއާ މެދު އެ ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
ރ. ފައިނުގައި ސަރުކާރުން ހަދަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓު އަދި ސިޓީ ހޮޓަލުގެ މަޝްރޫއާ މެދު އެ ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
އައިލެންޑް އޭވިއޭޝަނާ މިހާރު ހަވާލުކޮށްފައިވާ މި މަޝްރޫއާ ދެކޮޅަށް ސޯޝަލް މީޑިއާގައި މިހާރު ދަނީ ކެމްޕޭނެއް ވެސް ހިންގަމުންނެވެ. "ސޭވް ފައިނު"ގެ ނަމުގައި ހިންގާ މި ކެމްޕޭންގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އެއާޕޯޓާއި ސިޓީ ހޮޓާ އެޅުމަށް ފައިނުގެ ބޮޑު ބައެއް ނަގަން ނިންމާފައިވާ މައްސަލަ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ފައިނު ކައުންސިލާ ހިއްސާ ކޮށްފައިވާ ކުރެހުުމުގައިވާ ގޮތުން، ރަށުގެ ބިމުގެ ގާތްގަނޑަކަށް ތިން ބައި ކުޅަ ދެބައި ނަގަ އެވެ.
ފައިނުގައި ދަނޑުވެރިކަން ކުރާ ސަރަހައްދު: ރޯދަ މަހު މިލިޔަނެއްހާ ރުފިޔާ އެ މަސައްކަތުން ލިބޭ ކަމަށް ރައްޔިތުން ބުނޭ
އެއާޕޯޓު ހަދަން ފައިނުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވެ އެވެ. އޭގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިން ސެންޓަރަކާއި ކާގޯ ވިލެޖެއް ވެސް ތަރައްގީ ކުރާނެ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އުފަން ރަށް، ފައިނުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއާޕޯޓާއި ސިޓީ ހޮޓަލުގެ މަޝްރޫގެ އެއްވެސް ތަފުސީލެއް ރައްޔިތުންނަށް ކުރިން އެނގިފައި ނެތުމެވެ. އަދި އެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާރު އާއްމުކޮށްފައިވާ ޕްލޭނާ ރަށުގެ ގިނަ ބަޔަކު ދެކޮޅު ކަމަށް، އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
"ފައިނަކީ ރ. އަތޮޅުގައި އޮންނަ އެންމެ ރީތި ރަށް. އަދި ގިނަ ބަޔަކު ބުނާގޮތުން މާލޭން އުތުރުގައި އޮންނަ އެންމެ ރީތި އެއް ރަށް. ވަށައިގެން ރީތި ބީޗު އޮވެފައި، އާދަޔާ ޚިލާފު ބޮޑު ޖަންގަައްޔެއް ވެސް އޮވޭ. އެކަމަކު، މި މަޝްރޫއުގެ ދަށުން މި ހުރިހާ ރީތިކަމެއް އުމުރަށް ނެތިދާނެ،" ފައިނުގެ މީހަކު ބުންޏެވެ.
ފައިނުގައި އަޅާ އެއާޕޯޓާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭނުގައި އާއްމުކޮށްފައިވާ އެ ރަށު ޖަންގަލީގެ ފޮޓޯއެއް
އޭނާ ބުނިގޮތުގައި، ފައިނުގައި އެއާޕޯޓު ހަދަން، މީގެ ދެ އަހަރު ކުރިން އެންމެ ފުރަތަމަ މަޝްވަރާ ކުރިއިރު ވެސް، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. އެކަމަކު، އޭގެ އެއްވެސް ތަފްސީލެއް ނުލިބި އުޅެނިކޮށް އެ މަޝްރޫއުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ ކަމަށް އޭނާ ބުންޏެވެ.
"މީޑިއާ އިން އަޅުގަނޑުމެންނަށް އެނގުނީ މަސައްކަތް ބަޔަކާ ހަވާލު ކުރަން އުޅޭކަން. އޭގެ ތަފްސީލެއް ނޭނގޭތީ އަޅުގަނޑުމެން ދިޔައީ ކައުންސިލަށް. ކައުންސިލުން އޭރު ބުނީ ތަފްސީލު އާއްމު ނުކޮށް، މަޝްރޫއުގައި ސޮއި ނުކުރާނެ ކަމަށް. އެކަމަކު، އަޅުގަނޑުމެންނަށް ވާނުވާ ނޭނގި އުޅެނިކޮށް މި މަސައްކަތް އެ ކުންފުންޏާ މި ހަވާލުކުރީ،" ފައިނުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ފައިނުގައި ހަދާ އެއާޕޯޓުގެ ސަބަބުން އެ މަސައްކަތް ވެސް ނެތިދާނެ އެވެ. އަދި މަޝްްރޫއަށް ބިމުގެ ބޮޑު ބައެއް ނަގާތީ، އެ ރަށުން ދެން ގޯތި ދޫކުރާނެ ޖާގަ ވެސް ނުހުންނާނެ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.
ފައިނު އަތިރިމަތި: ގިނަ ބަޔަކު ގަބޫލުކުރާގޮތުން އެ ރަށަކީ ރާއްޖޭގައި އޮންނަ އެންމެ ރީތި އެއް ރަށް
ފައިނުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެ ރަށުން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވެފައިވާއިރު ގޯއްޗަށް އެދި މިހާރު ވެސް 22 މީހުން ސިޓީ ލާފައިވާ ކަމަށެވެ. އަދި އެއާޕޯޓު މަޝްރޫއުގައި ސޮއިކުރީ ގޯތި ދޫކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށާއި ދޫކުރަން ނިންމާފައިވާ ބައެއް ގޯތި، މަޝްރޫއުގެ ސަބަބުން ގެއްލޭ ކަމަށް އޭނާ ބުންޏެވެ.
"މިއީ ލ. ގަމެއް ނޫން. މި ރަށުގައި އެއާޕޯޓެއް އަޅާފައި ސިޓީ ހޮޓަލެއް އަޅާފައި މަރާމާތު ކުރާ ތަނަކާއި އިތުރު ތަންތަން ހަދާނެ ޖާގައެއް ނޯންނާނެ. ގޯއްޗަށް ބެލި ކަމުގައި ވިޔަސް ކުރިއަށް އޮތް 10 އަހަރު ފަހުން މި ރަށުގައި މީހުން އަލަށް ދިރިއުޅޭނެ ބިމެއް ނޯންނާނެ،" އޭނާ ބުންޏެވެ.
ފައިނުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި، ރޯދަ މަހު ގާތްގަނޑަކަށް އާމްދަނީއެއްގެ ގޮތުގައި މަހަކު މިލިއަނެއްހާ ރުފިޔާ ލިބޭ ދަނޑުވެރިކަން ހުއްޓުމުގެ އިތުރުން ރަށުގައި އަލަށް އަޅާ އިންޖީނުގެ އާއި ކުނިކޮށި ވެސް އަޅަން ނިންމާފައި ވަނީ އެއާޕޯޓު ހަދާ ބިމުގަ އެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ތަންތަން، އާއްމުން ދިރިއުޅޭ ސަރަހައްދަށް ބަދަލު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.
"ދެން ހަމަ އަޅުގަނޑުމެން ދިރިއުޅެން އޮތް ޖާގައެއް ނޫންތޯ އެ ގެއްލެނީ."
ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ފައިނަށް ވަޑައިގެން، އާއްމުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މަޝްރޫއުގެ ކުރެހުމަކީ އަދި ފައިނަލް ނޫން ކަމަށާއި ރައްޔިތުން އެދޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް، އެ ރަށުގެ މީހުން ބުނެ އެވެ.
ރައްޔިތުންގެ މި ކަންބޮޑުވުންތަކާ ގުޅޭގޮތުން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.
ފައިނުގައި އެއާޕޯޓު އަޅަން ގިނަ ބަޔަކު ބޭނުންވޭ
"ފައިނު އެއާޕޯޓް ހަދާނީ ކަންބޮޑުވުންތަކަށް ބަލައިފައި"
ފައިނު އެއާޕޯޓް އަޅަން އައިލެންޑް އޭވިއޭޝަނަށް
ރ. އަތޮޅަށް ތިންވަނަ އެއާޕޯޓެއް ޔަގީންވެއްޖެ
ފައިނު އެއާޕޯޓާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި
ފައިނު އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށާނެ
ރަށްރަށުގައި އެއާޕޯޓް އަޅަނީ ވަރަށް ރަނގަޅު މޮޑެލަކަށް
އެއާޕޯޓަކާއި ސިޓީހޮޓަލަކާއެކު ފައިނުގައި ބޮޑު މަޝްރޫއެއް
ދަރަނީގެ ވާހަކަ ދެއްކުމުގެ ޖާގައެއް ނެތް: ރައީސް
ލީޑަރުން ކުޅި ބަލަން ތިބެގެން ކަމަކު ނުދާނެ: ރައީސް