Roadha Mihaaru
"ފައިނު އެއާޕޯޓް ހަދާނީ ކަންބޮޑުވުންތަކަށް ބަލައިފައި"

އެއާޕޯޓު ހަދާނީ ކަންބޮޑުވުންތަކަށް ބަލާފައި: އާދަމް ޝަރީފް

03 ޖުލައި 2018

ރ. ފައިނުގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ބަޔަކު ޕެޓިޝަނެއް ހުށަހެޅި ނަމަވެސް އެއާޕޯޓް ހަދަން އެ ރަށުގެ ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދާނީ ކަންބޮޑުވުންތަކަށް ބެލުމަށްފަހު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. ފައިނުގައި އެއާޕޯޓު އެޅުމާ ދެކޮޅަށް ބަޔަކު ޕެޓިޝަނެއް ހުށަހެޅި ނަމަވެސް އެއާޕޯޓް ހަދަން އެ ރަށުގެ ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދާނީ ކަންބޮޑުވުންތަކަށް ބެލުމަށްފަހު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފައިނަށް އުފަން އާދަމް ޝަރީފް މިހެން ވިދާޅުވީ އެއާޕޯޓް މަޝްރޫއު ކުރިއަށްގެންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ފައިނުގެެ 140 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުވާފައި ވަނިކޮށެވެ. އެވެ.

އެ ރަށުގައި ޑޮމެސްޓިކް އެއާޕޯޓަކާއެކު ސިޓީ ހޮޓަލަކާއި މެޑިކަލް ސެންޓަރަކާއި، ބައެއް ކަހަލަ ސާޖަރީތަކުން ރިކަވާ މީހުންނަށް ހިދުމަތް ދޭ ފެސިލިޓީއެއްގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް ހާއްސަ ހޭންގަރަކާއި މުވައްޒަފުން ތަމްރީނުކުރާނެ ތަނެއް ހަދަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު ވަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފަ އެވެ.

އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ މަޝްރޫއު ކުރިއަށްގެންދާއިރު، އައިލެންޑް އޭވިއޭޝަނުން ނިންމާފައިވަނީ އެއް އަހަރުގެ ތެރޭގައި ފުރަތަމަ ފިޔަވަހި ނިންމައި އެއާޕޯޓު ހުޅުވުމަށެވެ.

އެއާޕޯޓުގެ މަޝްރޫއުގެ ކަންބޮޑުވުންތަކާ ގުޅިގެން "މިހާރު"އާ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ 400 އެއްހާ މީހުން އުޅޭ ފައިނުގެ އެއާޕޯޓު މަޝްރޫއަކީ މީގެ 26 އަހަރު ކުރިން ސަރުކާރުން ރާވާފައިވާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެކަމާ ރައްޔިތުން ދެކޮޅު ހަދާ ނަމަ އެއީ ކޮން ކަންބޮޑުވުންތަކެއްތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް. އެ މަޝްރޫއަށް ރައްޔިތުން ހިތްހަމަނުޖެހޭނަމަ އެއީ ކޮން ކަންބޮޑުވުންތަކެއްތޯ ބަލައި ހައްލު ހޯދައިދޭނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު: ފައިނު އެއާޕޯޓުގެ މަޝްރޫއު ހިންގާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާނެ ކަމަށް ވިދާޅުވި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު: ފައިނު އެއާޕޯޓުގެ މަޝްރޫއު ހިންގާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާނެ ކަމަށް ވިދާޅުވި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއަކީ ފައިނަށް ބޮޑު ތަރައްގީއެއް ގެނެސްދޭނެ މަޝްރޫއެކެވެ. ނަމަވެސް އިދިކޮޅު ފިކުރުގެ މަދު ބަޔަކު އެ މަޝްރޫއު ސިޔާސީކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަޝްރޫއާ މެދު ފައިނު ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ، އެ މަސައްކަތް ކުރުމަށް ރަށުގެ ބޮޑު ބިމެއް ނެގުމެވެ. ދަނޑުވެރިކަން ކޮށްގެން ގިނަ އާއިލާތަކެއް އާމްދަނީ ހޯދަމުން އަންނައިރު، އެ ރަށުގެ ރައްޔިތުން ބޭނުންކުރާނެ ބިން ގެއްލިގެން ދާނެ ކަމަށް ވެސް ކަންބޮޑުވުން ފާޅުކުރާ މީހުން ދަނީ ބުނަމުންނެވެ.

ނަމަވެސް އާދަމް ޝަރީފް ވިދާޅުވީ ފައިނުގެ އާބާދީއަށް އެއްވެސް ބަދަލެއް ނާންނައިރު، އެ މަޝްރޫއުއަށް ބިން ހަމަޖެއްސިއަސް މީހުން ދިރިއުޅޭނެ ޖާގަ އޮންނާނެ ކަމަށެވެ.

"ފައިނުގެ އާބާދީއަކަށް ބަދަލެއް ނާދޭ. އެ މަޝްރޫއަށް ބިން ހަމަޖެއްސިއަސް ކުރިއަށް އޮތް 1000 އަހަރަށް ވެސް މީހުން ދިރިއުޅޭނެ ޖާގަ އެ ރަށުގައި އޮންނާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އެ އެއާޕޯޓުގެ މަޝްރޫއުގެ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރަން ފެށީ އެ މަސައްކަތުގެ ކުރެހުމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ކުރެހުމުގެ ހިސާބުންނެވެ. އެ ކުރެހުން ދައްކާ ގޮތުން، އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދިއުމަށް، މިހާރު މީހުން ދިރިއުޅޭ ސަރަހައްދު ފިޔަވައި ބާކީ ހުރި ހުސްބިންތައް ނަގާނެ އެވެ. އެކަމަކު އާދަމް ޝަރީފް ވިދާޅުވީ އެއީ އެ މަޝްރޫއުގެ ފައިނަލް ކުރެހުން ނޫން ކަމަށެވެ.

"އެ މަޝްރޫއުގެ ކޮންސެޕްޓް ކުރިއަށްގެންދާނެ ގޮތް ދައްކައިދިނުމަށް ތައްޔާރުކުރި ކުރެހުމެއް އެއީ. އައިލެންޑް އޭވިއޭޝަނުން އަންނަނީ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް ހަދަމުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ފައިނަކީ ބިން ބޮޑު، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ރަށަކަށް ވިއަސް އެއްވެސް ތަރައްގީއެއް ނުލިބޭ ކަމަށާއި އެހެންވެ ސަރުކާރުން ބޭނުންވަނީ އެ ރަށް ތަރައްގީކޮށްދިނުމަށް ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އަދި އެ ބިޔަ ޕްރޮޖެކްޓުގެ ސަބަބުން އެ ރަށުގެ ރީތިކަމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.