Roadha Mihaaru
ދަރަނީގެ ވާހަކަ ދެއްކުމުގެ ޖާގައެއް ނެތް: ރައީސް

ދަރަނީގެ ވާހަކަ ދެއްކުމުގެ ޖާގައެއް އިދިކޮޅު ލީޑަރުންނަކަށް ނެތް: ރައީސް ޔާމީން

24 އޮކްޓޯބަރ 2017

ސަރުކާރާ ދިމާލަށް ރާއްޖެ ދަރަނިވެފައިވާ ވާހަކަތަ ދެއްކުމުގެ ޖާގައެއް އިދިކޮޅު އެއްވެސް ލީޑަރަކަށް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރާ ދިމާލަށް ރާއްޖެ ދަރަނިވެފައިވާ ވާހަކަތަ ދެއްކުމުގެ ޖާގައެއް އިދިކޮޅު އެއްވެސް ލީޑަރަކަށް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރ. ފައިނުގެ ބަނދަރު ހުޅުވުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެކިއެކި ފަރާތްތައް މެދުވެރިކޮށް ލޯނު ނަގައިގެން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ އުންމީދުތަކާއި ތަރައްގީ ހާސިލްކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދައުރުތަކެއް ބަދަލުވަމުން އައިސް، ޕީޕީއެމާ ވެރިކަން ހަވާލުވިއިރު، 35،000 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތެވެ. އެ ދަރަނި އަދާކުރުމާއެކު، ލޯނު ނަގައިގެން ހޯދައިގެން މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފުއްދައި ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސަރުކާރު 2018 އިން ފެށިގެން ކުރިއަށް އޮންނަ ކަމަށްވާނަމަ، އެހެން ބަޔަކު ވިސްނާކަށް ނުޖެހޭނެ އެ ދަރަނި އަދާކުރެވޭތޯ. އެ ދަރަންޏަކީ އަޅުގަނޑުމެން ވަކިވެގެން ދާއިރު އެހެން ބަޔަކަށް ތަކްލީފް އުފުލިގެންދާ ކަމަކަށް އިރާދަކުރެއްވިއްޔާ ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ދައްކައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ކުރިއަށް އޮތް އިންތިހާބުތަކުގައި އެކަން ދައްކައި ދިނުމަށް އެމަނިކުފާނު ވަނީ ފިނޭގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

އޭރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އިތުރު ހަލުއި މިނެއްގައި ކުރިއަށް ދާނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއްވެސް ލީޑަރަކަށް ހިދުމަތް މިނާފައި މާކްސް ދޭނަމަ، މިނަން ޖެހޭނީ އުފައްދާފައި ހުރި ބަނދަރުތަކާއި ތައުލީމީ ނިޒާމަށް ހުރި ބަދަލުތަކާއި އަޅާފައި ހުރި ފްލެޓުތަކާއި އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތްތަކުގެ ގޮތުން އައިސްފައި ހުރި ތަރައްގީތަކަށް ބެލުމަށް ފަހު އެވެ.

"ޕޯޑިއަމް ފަހަތުގައި މޮޅަށް ވާހަކަ ދެއްކުމަކީ އެއްވެސް ގޮތަކަށް މިން ކުރަން ނޫނީ ކިރާލާކަށް އޮތް ޖާގައެއް ނޫން. ނަތީޖާ ފެންނަން ޖެހޭނީ ކޮށްފައި ހުރި މަސައްކަތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފަތިފުށް ކިޔައިގެން ވާނެ ކަމެއް ނޯންނާނެ ކަމަށެވެ. ދުނިޔޭގެ އެކި ފަރާތްތަކުން ރާއްޖެ އަށް އެހީވަމުންދާއިރު، ޓަކި ޖަހަން ޖެހޭ ދޮރުތައް ބަންދުވާވަރަށް ރާއްޖެ ބަދުނާމް ކުރީމަ ގެއްލުން ލިބޭނީ ވެރިކަން ކުރާ މީހުންނަށް ނޫން ކަމަށާއި އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.