Roadha Mihaaru
ސަމިޓު ދާ ގޮތަކުން ކިމް އެމެރިކާއަށް!

ސަމިޓު ފައްކާ ނަމަ ކިމް އަށް ވައިޓްހައުސް އަށް ދައުވަތު ދޭނަން: ޓްރަންޕް

08 ޖޫން 2018

ވޮޝިންޓަން (ޖޫން 8) - ސިންގަޕޫރުގައި ބާއްވާ ސަމިޓުން އެދެވޭ ނަތީޖާއެއް ނުކުމެއްޖެ ނަމަ އެމެރިކާ އަށް ވަޑައިގަތުމަށް ކިމް އަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ސަމީރު އިބްރާހިމް ސަމީރު

ވޮޝިންޓަން (ޖޫން 8) - ސިންގަޕޫރުގައި ބާއްވާ ސަމިޓުން އެދެވޭ ނަތީޖާއެއް ނުކުމެއްޖެ ނަމަ އެމެރިކާ އަށް ވަޑައިގަތުމަށް ކިމް އަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު މިއަދު ވައިޓްހައުސްގައި ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހު ޓްރަމްޕް ވިދާޅުވީ ސަމިޓުގެ ތެރޭން ކޮރެއާގެ މައްސަލަތަކަށް ހައްލެއް ހޯދޭނޭ ކަމުގެ އުންމީދު ބޮޑު ނަމަވެސް އެހިސާބަށް ދާން، އެންމެ ބައްދަލުވުމަކުން ނުފުދޭ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ގޮތުން އެޅިދާނެ ލައްކަ ފިޔަވަޅުތައް އެނގިވަޑައިގަތަސް އެއްވެސް ވަރަކަށް ފިއްތުންތައް ކުރިމަތިކޮށް، ގަދަބާރުން ކަންކަން ކުރުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އުންމީދަކީ އެކުވެރި މާހައުލެއްގައި މަޝްވަރާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން ސަމިޓު ނާކާމިޔާބު ވެއްޖެ ނަމަ ވަގުތު ނަގައިނުލައި އަވަހަށް އެމެރިކާ އަށް މިސްރާބު ޖައްސަވަން ވެސް ޓްރަމްޕް ހުންނެވީ ތައްޔާރަށެވެ.

"މަޝްވަރާ ކުރުމަކީ ވަރަށް ފަސޭހަ ކަމެއް. ހަގީގަތުގައި މުހިންމީ އޭގެ ފަހުގެ މަރުހަލާތައް،" – ޓްރަމްޕް

އުތުރު ކޮރެއާގެ ކިބައިން ނިއުކުލިއާ ގާބިލުކަން ނިގުޅައިގަތުމަކީ އެމެރިކާ އާއި ބޮޑެތި ބާރުތަކުން ނުހަނު ބޭނުންވާ ކަމެކެވެ. އެމެރިކާ ބުނާ ގޮތުގައި އުތުރު ކޮރެއާ ވެސް މިހާރު އޮތީ އެ ވިސްނުމުގަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ވިދާޅުވި ގޮތުގައި ނިއުކްލިއާ ގާބިލުކަމާ ދުރަށް ދާން ކޮރެއާއިން ތައްޔާރަށް އޮތް ކަމުގެ ފެހި ސިގްނަލް ކިމް ވަނީ ދެއްވާފަ އެވެ. އެކަމަކު "ނިއުކުލިއާ ގާބިލުކަމާ ދުރަށް ދިއުން" ދެ ގައުމުން މާނަކުރަނީ އެއް ގޮތަކަށްތޯ އެއީ އަދި ޖަވާބު ނުލިބި އޮތް ސުވާލެއް ކަމަށް ވިދާޅުވި އެވެ.

އަބޭ އާއި ޓްރަމްޕްގެ މި ބައްދަލުވުމުގެ ބޭނުމަކީ ސަމިޓާ ގުޅިގެން ޖަޕާނުގެ ކަންބޮޑުވުންތައް ހިއްސާކުރުމެވެ. ޖާސޫސުން ތަމްރީނުކުރުމުގެ ބޭނުމުގައި 1970 އާއި 1980 ގެ އަހަރުތަކުގެ ތެރޭގައި އުތުރު ކޮރެއާ އިން ވަނީ ޖަޕާނުގެ 13 މީހަކު ރަހީނުކޮށްފަ އެވެ. އަދިއަދަށްދާންދެން ވެސް އެ މީހުން ދޫކޮށްފައެއް ނުވެ އެވެ. އެ މައްސަލައިގައި އިތުރު މެދުވެރިއެއް ނެތި އުތުރު ކޮރެއާއާ އެކު ސީދާ މަޝްވަރާތަކަށް ދާން ބޭނުންވާކަން އަބޭ ވަނީ ހާމަކުރައްވާފަ އެވެ.

މިވަގުތު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ޓްރަމްޕް-ކިމްގެ ތާރީހީ ސަމިޓު އޮންނާނީ އަންނަ އަންގާރަ ދުވަހު ސިންގަޕޫރުގެ ސަންތޯސާގަ އެވެ.