Roadha Mihaaru
ޕާޓީއެއް އުވާލަން ބޭނުމެއް ނޫން: އިލެކްޝަންސް

ޕާޓީއެއް އުވާލަން ބޭނުމެއް ނޫން، އެކަމަކު ގާނޫނާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނަން: އީސީ

05 ޖޫން 2018

ސިޔާސީ އެއްވެސް ޕާޓީއެއް އުވާލަން އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވާ ކަމަށާއި ނަމަވެސް ތަކުރާރުކޮށް ގާނޫނާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިޔާސީ އެއްވެސް ޕާޓީއެއް އުވާލަން އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވާ ކަމަށާއި ނަމަވެސް ތަކުރާރުކޮށް ގާނޫނާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ރޭ ބުނެފި އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކުން ކުރާ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރުވަން ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ގާނޫނީ އިމުން ބޭރުވާ ނަމަ، ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން، އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ބޭއްވި މައްސަލައިގައި އެ ޕާޓީއާ ދޭތެރޭ ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް އޮތީ ނިންމައިފަ އެވެ. އެމްޑީޕީން އެ ޕްރައިމަރީ ބޭއްވީ، ވެރިކަމަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ބޭފުޅަކު ބައިވެރިކޮށްގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައި އަދި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ސިޔާސީ ޕާޓީތަކާ ދޭތެރޭ އެޅޭނެ ފިޔަވަޅުގެ ގޮތުގައި ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، ހައި ކޯޓަށް ހުށަހަޅައިގެން ޕާޓީ އުވާލުމާއި ޕާޓީތައް ޖޫރިމަނާ ކުރުމެވެ.

MDP ge Primary balaeh nugannan: Elections

MDP ge Primary balaeh nugannan: Elections

The most trusted news source in the Maldives

Mihaaru

އެމްޑީޕީގެ ކޮންގްރެސް ބަލައި ނުގަންނާނެ ކަމަށް އިލެކްޝަންއިން ބުނުން--

"އަޅުގަނޑުމެން އުއްމީދެއް ނުކުރަން އެއްވެސް ސިޔާސީ ޕާޓީއެއް އުވާލާކަށެއް. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ވެސް ނޫން. އެހެން ނަމަވެސް ތަކުރާރުކޮށް ގާނޫނުގެ ބާރު ކަނޑުވާލާ ނަމަ އަޅުގަނޑުމެން ޖެހޭނީ ގާނޫނުގައި އެ ބުނާގޮތަށް ކުރިއަށް ދާން،" އަކްރަމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މަގުސަދަކީ ގާނޫނީ އިމުގެ ތެރެއިން ލުއިތައް ދީގެން ޕާޓީތައް ދިރުވުމުގައި ކުރިއަށް ދިއުން."

އިލެކްޝަންސް ކޮމިޝަނުން ދެން ބާއްވާ ބައްދަލުވުމެއްގައި، އެމްޑީޕީއާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މި އަހަަރު ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ މައުލޫމާތު ދިނުމަށް އިލެކްޝަންސް އިން ސިޔާސީ ޕާޓީތަކަށް އެންގުމުން ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ޕާޓީތަކުން ބުނީ އެ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް އިލެކްޝަންސް ކޮމިޝަނަށް ގޮތް ނުކިޔޭނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ މައުލޫމާތު ދުރާލައި ހޯދަން އިލެކްޝަންސް އިން މަސައްކަތްކުރީ އެއްވެސް ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ފަރާތްތަކަށް އެ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ގާނޫނުގައި ބުނެފައިވާތީ ކެންޑިޑޭޓުންގެ ސައްހަކަން ބެލުމަށް ޕްރައިމަރީތަކުގެ މައުލޫމާތު މުހިންމުވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ޕާޓީތަކަށް މަޖުބޫރެއް ނުކުރަން ޕްރައިމަރީ ބާއްވާކަށެއް. އަދި ވަކި ގޮތަކަށް ޕްރައިމަރީ ބާއްވާކަށެއް ވެސް އަޅުގަނޑުމެން ނާންގަން. އަސާސީ ގަވައިދުގައި ޕްރައިމަރީ ބާއްވަން އޮންނަ ގޮތަކަށް އެކަން ކުރީމަ އޮންނާނީ ރަނގަޅަށް،" އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ހިންގުމާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން، ގާނޫނުގައި ބުނާ މުއްދަތު ހަމަވިއިރު ވެސް ކޮންގްރެސް ނުބާއްވާ ކަމަށާއި އެކަން ހައްލު ކުރުމަށް އެ ޕާޓީއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެއީ ކޮން ޕާޓީއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނަނީ ފަސް އަހަރު ހަމަ ވާއިރު ކޮންގްރެސް ނުބާއްވާ ޕާޓީތައް އުވާލަން ޖެހޭނެ ކަމަށެވެ.

ކޮންގްރެސް ބޭއްވުމަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ އިރު އެކަން ކުރުމަށް އެ ޕާޓީތަކަށް އެއްބާރުލުން ދޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.