23 މެއި 2018
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެ ޕާޓީ އުވާލެވިދާނެ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެ ޕާޓީ އުވާލެވިދާނެ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީގައި ނަޝީދަށް ފުރުސަތު ދީފި ނަމަ، އެ ޕްރައިމަރީ ބާތިލުކޮށް، ޕާޓީ އުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ އެ ޕާޓީ އަށް އިންޒާރު ދީފަ އެވެ. ނަޝީދަކީ ކުށެއް ސާބިތުވެ، ހުކުމެއްގައި ހުންނެވި ބޭފުޅަކަށްވުމުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެ މަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެ އެވެ.
ހަސަން ލަތީފް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީން އަންނަ ބުދަ ދުވަހު ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އެގޮތުން އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ގަވައިދުގައި ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރައިމަރީގައި ވާދަކުރާ މީހެއްގެ ކިބައިގައި އިލެކްޝަނުން ބުނާ ޝަރުތުތަކެއް ހުންނަން ވާނެ ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި ނުވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންވެ، ނަޝީދަށް ޕްރައިމަރީގައި ވާދަ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަނުން ބުނާ ސަބަބުތަކުގެ ތެރޭގައި އެ މަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެއް ކަމާއި އެ ހުކުމް ސައްހަ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވުން ހިމެނެ އެވެ. މި ހުކުމާ ހެދި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުކުރާ މީހެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތެއް ނަޝީދުގެ ކިބައިން އުނިވެފައިވާ ކަމަށް ކޮމިޝަނުން ދެކެ އެވެ.
ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް ކުރީ އިޖުރާއާތުތައް ފުރިހަމަނުކޮށް ކަމަށް އެމްޑީޕީން ބުނި ނަމަވެސް، ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ހަސަން ލަތީފް ވިދާޅުވީ ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތުން އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށް އދ. އިން ދެ ފަހަރަށް ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން، ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލުމަށް މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ނަޝީދަށް ކުރި ހުކުމް ބާތިލްވެފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ނަމަވެސް ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން، ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ އަމުރުގައި އޮތް، ސިޔާސީ ބޭފުޅުން މިނިވަން ކުރުމުގެ ބައި ބާތިލުކޮށްފަ އެވެ. ހަސަން ލަތީފް ވިދާޅުވީ ފަސް ފަނޑިޔާރުން ކުރައްވާ ހުކުމެއް ތިން ފަނޑިޔާރުންނަށް ބާތިލް ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިފަދަ ހާލަތެއްގައި އެމްޑީޕީ ނުވަތަ ނަޝީދާ މެދު ފިޔަވަޅު އަޅައި ގާނޫނީ ގޮތުން ޕާޓީ އުވާލެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިލެކްޝަނުން މަސައްކަތް ކުރަނީ އޮޅުވާލައިގެން ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރައިމަރީގައި ނަޝީދަށް ފުރުސަތު ނުދޭން އެންގުމުގެ ކުރިން، އިލެކްޝަންސުން ވަނީ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން އުސޫލެއް އާއްމުކޮށް، އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރަން ވެސް އެމްޑީޕީ އަށް އަންގައިފަ އެވެ.
ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަނުން ކަނޑައެޅި ނަމަވެސް ކެމްޕޭން ކުރިއަށް ގެންދިޔުމަށާއި އީސީން އަދި ފަހަތަށް ޖެހޭނެ ކަމަށް އެ މަނިކުފާނު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ނަޝީދާއި ހަސަން ފެޔަށް ޖެހިލަން އިބްރާ ގޮވާލައިފި
އެމްޑީޕީގެ ދުވުން ހުއްޓުވައި، ޗެއާޕާސަން ހައްޔަރުކޮށްފި
ޕާޓީއެއް އުވާލަން ބޭނުމެއް ނޫން: އިލެކްޝަންސް
ހައްޔަރުކުރި މީހުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ނަތީޖާ ސައްހަ، ސުވާލެއް ނޫފެއްދޭނެ: އެމްޑީޕީ
ނަޝީދަށް އީސީން ހުރަސްއަޅަނީ ގާނޫނާ ޚިލާފަށް: އެމްޑީޕީ
ނަޝީދަށް ފުރުސަތު ދީފި ނަމަ ޕާޓީ އުވާލަން ހުށަހަޅާނަން
ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދު ގޮތެއް ނިންމާނީ ކޯޓުން